اسم الكتاب: ترجمة معاني القرآن الكريم - لأبي بكر إبراهيم علي

Name of the Book: Translation of the Meanings of the Noble Quran - Bakurube (Abu Bakr Ibrahim Ali) - Dhivehi

ފޮތުގެ ނަން: ކީރިތި قرآن ގެ މާނަތަކުގެ ތަރުޖަމާ | ލިޔުނީ: އަބޫބަކުރު އިބްރާހީމް ޢަލީ (ބަކުރުބެ)
(20/1/2013 މ. - 8/3/1434 ހ. - 72 އަހަރު) | އަޖްޔާދު (ދަގަނޑުތަޅާގެ) / ޅ. ހިންނަވަރު

ފޮތުގެ ޕީޑީއެފް

މުއައްލިފުގެ މައުލޫމާތު


ގްރީންޓެކް އެޕްސްގެ އަލްގުރްއާން އެޕްލިކޭޝަން އިން މި ތަރުޖަމާ ކިޔޭނެއެވެ.


Abu Bakr Ibrahim Ali died in 2013. Diligent efforts over the years to meet and explore with surviving relatives regarding permission to present the text have failed.

"The text presented here is exclusively for research and educational purposes. It is intended for non-commercial fair use only."


ފޮތް އެކުލަވާމާ ގުޅޭ ބައެއް މައުލޫމާތު

އެނގިފައިވާ ގޮތުގައި،

މުސައްނިފު ނިޔާވި އިރުވެސް، މި ފޮތް ވަނީ މިނިސްޓްރީއިން އަދި ފާސްނުކޮށެވެ. އަދި މި ލިޔުމާ ހަމައަށް ވެސް ކަން އޮތީ އެހެނެވެ.

އަދި ފޮތުގެ އަސްލު ކަމުގައިވާ، މުސައްނިފުގެ އަތުލިޔުމަށް ބަލާފައި، ކޮމްޕިޔުޓަރުގައި މި ފޮތް ޓައިޕުކޮށް އެކުލަވާލަން އުޅުނީ ތިން ބަޔެކެވެ. އަދި ފެންނަ ފެނުމަށް، ދެބަސްވުން ތަކެއް ހިނގާ، ކޮންމެ ބަޔަކު ވެސް އެ ކަން ކުރަން އުޅެފައި ވަނީ ވަކިންނެވެ.

އެ ތިން ބަޔަކީ، މުސައްނިފުގެ އާއިލާއާއި، މުސައްނިފު އުޅުއްވި ޖަމިއްޔާ ކަމުގައިވާ އައިއެމްއެފް (އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވެސް) އާއި، ނޮވެލްޓީގެ ޢަލީ ޙުސައިނެވެ.

އާއިލާއަށް ބަލާއިރު، އަޑުއަހާ ގޮތުގައި، އެ މަސައްކަތުގައި ޓައިޕުކޮށް އެކުލަވާލުމުގެ ކަންތައް ކުރީ މުސައްނިފުގެ ދަރިންނެވެ.

އަދި އައިއެފްއެމް އަށް ބަލާއިރު، މިހާރު ފެންނާން ހުރީ، އަދި ނެޓުގައި ދައުރު މި ވަނީ، އެ މީހުން ޓައިޕުކޮށް އެކުލަވާލި މަސައްކަތެވެ. އެ ގޮތުން އެ މީހުން ހެދީ، 15 ފޮތާއި 15 ފޮތުގެ، ވޯޑު ދެ ފައިލެކެވެ. އޭގެ ތާރީޚަކަށް ޖަހާފައި އޮތީ، 25 އޭޕްރިލް 2011 އެވެ. ދެން އެހެން ޖަމިއްޔާއެއް ކަމަށްވާ، ނޫރުލްއިސްލާމް އެ ފައިލުތައް ހޯދާ އެއްކޮށްލާ، ކަވަރެއް ލާ، އެއް ޕީޑީއެފް ފައިލެއް ގޮތަށް އެ މީހުންގެ އަމިއްލަ ވެބްސައިޓުގައި ނެރުނެވެ. އަދި އެއަށް ފަހު އެހެނިހެން ފަރާތްތަކުން ވަނީ އެ ފޮތް ވަކިވަކި ސޫރަތްތަކަށް ބަހާ، ޝާއިއުކޮށްފައެވެ.

ކޮންމެއަކަސް، މިހާރު ޑިޖިޓައިޒު ކުރެވިފައިވާ ކޮޕީ ބިނާވެފައި ވަނީ، އައިއެމްއެފް އިން ޓައިޕުކޮށް ތައްޔާރުކުރި ކޮޕީގެ މައްޗަށެވެ.

ދެން ނޮވެލްޓީގެ ޢަލީ ޙުސައިނަށް ބަލާއިރު، މުޙައްމަދު ޖަމީލު ލިޔުނު "بَيَان - ދިވެހިބަހުން ތަފްސީރު ކޮށްފައިވާ ކީރިތި ގުރްއާން - (بقرة سورة)" މި ފޮތުގެ 5 ވަނަ ސަފުހާއިން ފެށިގެން 12 ވަނަ ސަފުހާއަށް "ޝާޕުކުރި ފަރާތުގެ ބަޔާނެއް" މި ބައިގައި، ޢަލީ ޙުސައިން ލިޔެފައި ވެއެވެ:

"މީގެ ދެމަހެއްހާދުވަސްކުރިއެވެ. އަޅުގަނޑުގެ ވަރަށް އެކުވެރި މާފަންނު ދޫރެސް ޢަބްދު ﷲ ޖަމީލުގެ ސިޓީފުޅަކާއެކު ޕާރސަލެއް ލިބުނެވެ. ކަނޑާފައި ބަލާލިއިރު، މިއީ ދިވެހިންގެ ޝައިޚުލްއުސްތާޛު އަދި އުސްތާޛުލްޖީލު މުޙައްމަދު ޖަމީލު ދީދީ އަތްޕުޅުން ލިއުއްވާފައިވާ، ކީރިތި ގުރްއާނުގެ ތަރުޖަމާއާއި ތަފްސީރު ފޮތްތަކެކެވެ. ލިއުއްވަން ފައްޓަވާފައިވަނީ، ބަރަކާތްތެރިކަމުން ފުރިގެންވާ 12 ރަބީޢުލް އައްވަލު 1387 ހ. (20 ޖޫން 1957 މ.) ވީ އަންގާރަ ދުވަހުގެ ހެނދުނު 10 ޖެހިއިރުއެވެ. އުމުރުފުޅުން 52 އަހަރުފުޅުގައެވެ.

ހިތަށްއެރިއެވެ. ކީރިތި ގުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވުމަށާއި، ތަފްސީރު ލިއުއްވުމަށް ޢިލްމުވެރިންކުރައްވާފައިވާ، ބޮޑު އަދި ބަރު މަސައްކަތްޕުޅަކީވެސް ފާހަގަނުކޮށް، ހަނދާން ނުކޮށް ދޫކޮށްލައިގެން ވާނެ މަސައްކަތްޕުޅެއް ނޫނެވެ. މިގޮތުން ވިސްނާއިރު، އެނގި ކަށަވަރުވެފައިވާގޮތުގައި، ކީރިތި ގުރްއާނުގެ ދިވެހިތަރުޖަމާ ދިވެހިބަހުން، ދިވެހި ބިމުގައި އަމިއްލަ އަތްޕުޅުން ފުރަތަމަ ލިއުއްވައި ނިންމެވި ބޭފުޅަކީ، ޅ. ހިންނަވަރު އަޖްޔާދު އައްޝައިޚު އަބޫބަކުރު އިބްރާހީމް ޢަލީއެވެ. ލިއުއްވާފައިވަނީ، ހިސާބަކަށް ތަފްސީރާއިވެސް އެކުގައެވެ. އޭނާ އެކަންކުރައްވައި ނިންމެވީ 2006 ވަނަ އަހަރުއެވެ.

10 ސެޕްޓެމްބަރ 2006 ވީ އާދިއްތަދުވަހު 10 ޖެހިއިރު، އޭނާ އަޅުގަނޑާ ބައްދަލުކޮށްލައްވަން ވަޑައިގަތެވެ. އަތްޕުޅުގައި އޮތް ބޮޑުވަރެއްގެ ދިހަވަރަކަށް ސިޓީއުރަ ދިއްކޮށްލައްވާފައި ވިދާޅުވިއެވެ. "މިއީ ދާދި އިހަކަށްދުވަހު، ހިސާބަކަށް ތަފްސީރާއިވެސްއެކު، ތިމަން ދިވެހިބަހަށް ތަރުޖަމާކޮށް، އަމިއްލަ އަތުން ލިޔެ ނިންމި ކީރިތި ގުރްއާނުގެ ދިވެހި ތަރުޖަމާއެވެ. މިކަން ކޮށްފައިމިވަނީ، އެއްވެސް މާއްދީ ފައިދާއެއްގެ ގަސްދެއްނެތި ލިއްލާހި އަށްޓަކައެވެ. މިހާރު އެންމެބޮޑަށް ބޭނުންވަނީ، ޝާޕްކުރެވިގެން ޢާއްމުކޮށް މީހުންނަށް ލިބި، އޭގެ ފައިދާ ލިބިގަނެވޭގޮތް މެދުވެރިވުމެވެ. މިވަގުތު މިކަން އެންމެ ފަސޭހައިން ކުރެވޭނީ، ޢަލީ ޙުސައިނަށް ކަމަށް ފެނުނުހިނދު ޙަވާލުކުރަން އައީއެވެ. މީގައި އަލްޙަމްދުން ފެށިގެން އައްނަޙްލު ސޫރަތުގެ ނިޔަލަށް އޮންނާނެއެވެ. އޭގެފަހުބައި، ރަށަށް ދެވުނުހާ އަވަހަކަށް އިރާދަކުރެއްވިއްޔާ ފޮނުވާނަމެވެ."

އަބޫބަކުރު އެވިދާޅުވި ފޮތްތައް، އަޅުގަނޑަށް ވަނީ، ލިބިފައެވެ. މިހާރު ޓައިޕްކުރަމުން ގެންދަނީއެވެ. އަބޫބަކުރު ބޭނުންފުޅުވަނީ، އެއްކޮށް އޮތުމުގެ ބަދަލުގައި ބައިބަޔަށް ނެރުމަށެވެ. އޭނާ އެދިވަޑައިގަތްގޮތުގެ މަތިން އިރާދަކުރެއްވިއްޔާ މިއަހަރު ޗާޕްވެގެން އެތަރުޖަމާ ނުކުންނަށް ފަށާނެއެވެ.

ދިވެހި ބިމުގައި، ކީރިތި ގުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވި ފުރަތަމަ ބޭފުޅަކީ، އައްޝައިޚު އަބޫބަކުރު އިބްރާހީމް ޢަލީކަމަށްވިއަސް، އެނގެންއޮތްގޮތުގައި ކީރިތި ގުރްއާނުގެ ދިވެހިތަރުޖަމާ ދިވެހިބަހުން ފުރަތަމަ ލިއުއްވައި ނިންމެވި ބޭފުޅަކީ، އައްޝައިޚުލްމަރްޙޫމް މަލިންގޭ ޙުސައިން ދީދީއެވެ. އެއީ، މީގެ 50 އަހަރު ކުރިން 1378 ހ. ވަނަ އަހަރު އިންޑިއާގެ މަލަބާރުގެ ރަށެއްކަމުގައިވާ ތަރަވަރަންގާޑީގައި ހުންނަވައިގެންނެވެ. (ކީރިތި ގުރްއާނަށް ލޯބިކުރައްވާ ބޭފުޅުންކޮޅެއް، އެ ތަރުޖަމާ އަލުން ޝާޕްކުރެއްވުމުގެ ބުރަ މަސައްކަތް، ހަމަމިހާރު ކުރައްވަމުން ގެންދަވާކަމީ ކުޑައުފަލެއްނޫނެވެ.) އޭނާ ވަނީ، އޭނާެ އެ ތަރުޖަމާ ޗާޕްކުރައްވައި މަލިކުމީހުންނަށް ޢާއްމުކޮށް ލިބޭނޭގޮތް ހައްދަވައިދެއްވާފައެވެ. މާތް ﷲ މި ބުރަ މަސައްކަތްޕުޅުގެ ބަރަކާތާއި ދަރުމަ އޭނާއަށް މިންވަރުކުރައްވާށިއެވެ. އާމީން.

މަރްޙޫމް ޙުސައިން ދީދީގެ ތަރުޖަމާ ޝާޕަށް ލިޔުމުގައި އިންޑިއާގައި އޭރު ކިޔަވަންއުޅުނު ބައެއް ދިވެހި ދަރިވަރުން ބައިވެރިވިއެވެ. އޭގެތެރޭގައި އައްޝައިޚު ޙުސައިން ޔޫސުފް އާއި، ހިންނަވަރު އައްޝައިޚު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް އާއި، އަލްފާޟިލު ނައިފަރު ޢަބްދުލް ގާދިރު ޢަބްދުލްޙަކީމް އާއި، ޅ. ހިންނަވަރު ދޮން ޙުސައިން ހާޖީގެ އަލްފާޟިލު މޫސާ ޙަސަން އާއި، މިނޫން ވެސް ބައެއްބޭފުޅުން ހިމެނެއެވެ. މީގެތެރެއިން އައްޝައިޚު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ފިޔަވައި އެހެން ބޭފުޅުން މިވަގުތު ދުނިޔޭގައި އެބަތިއްބެވިއެވެ. މި 4 ބޭފުޅުންނަކީވެސް، އޭރު ކުރާ ކޮޅުނބު ދަތުރުގައި އޮޑިފަހަރުން ބޭރަށްގޮސް ފިލައިގެން ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގަތް ބޭފުޅުންނެވެ. ތަޢުލީމު ލިބިގަތުމަށް ޚާއްޞަކޮށް ބޭރުން ތަޢުލީމު ލިބިގަތުމުގެމަގު އޭރު އެއްގޮތަކަށްވެސް ހުޅުވައި ނުވަނީއެވެ. ޢިލްމުގެ ޝައުގުވެރިން އެލިބިގަތުމަށް ހިނގެންއޮތްމަގުން ހިނގީއެވެ.

ސ. ހިތަދޫ ޝައިޚު ޙުސައިން ރަހާ ކުރެއްވި ކީރިތި ގުރްއާނުގެ ދިވެހިތަރުޖަމާ ސޫރަތުލް ގަޞަޞް އާއި ހަމައިން ހުއްޓުނީ އޭނާ އަވަހާރަވުމާ ގުޅިގެންނެވެ. އެހިސާބުން ފެށިގެން ނިމެންދެން ތަރުޖަމާކޮށްދެއްވީ، ސ. ހިތަދޫ މާވަޑިބެއްޔާގެ މޫސާމަނިކު (އައްޝައިޚު މޫސާ އަލްމުޞްޠަފާ)އެވެ. މީނާއަކީ، ޝައިޚު ޙުސައިން ރަހާގެ އަރިހުން ކިޔަވާ ވިދާޅުވި ބޭފުޅުންގެތެރެއިން އެންމެ އިސް ދަރިވަރެވެ.

މީގެ 36 އަހަރުކުރިން 1971 މ. ވަނައަހަރު، އޭރުގެ ދިވެހި ސަރުކާރުން ކީރިތި ގުރްއާނުގެ ދިވެހިތަރުޖަމާއެއް ލިއުއްވައި ނިންމެވިއެވެ. އޭރު ދިވެހިރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ އަކަށް ހުންނަވާނީ، ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ.

އޭރުގެ ސަރުކާރުން މި މަސައްކަތް ފެއްޓެވީ 26 އެޕްރީލް 1971،. ގައެވެ. ނިންމެވީ 30 ސެޕްޓެމްބަރ 1971 މ. ގައެވެ. މިބޮޑު ބުރަ މަސައްކަތް ނިންމެވީ އެންމެ 5 މަސްދުވަހުންނެވެ. ތަރުޖަމާކުރެއްވީ: ފަޟީލަތުއް ޝައިޚުލް އުސްތާޛު މޫސާ ފަތުޙީ އަލްއަޒްހަރީ، އައްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލު ދީދީ، އަލްފާޟިލު އިބްރާހީމް ޙިލްމީ ދީދީ، އަލްއުސްތާޛު ފަތްޙު ﷲ ޖަމީލު، އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން މި 5 ޢިލްމުވެރިންނެވެ.

ތަރުޖަމާ އަވަސްކުރެއްވުމުގެގޮތުން، ހެއްދެވިގޮތަކީ، ކޮންމެ ބޭފުޅަކަށްވެސް ކީރިތި ގުރްއާނުނުގެ ބައެއް ފޮނުއްވަނީއެވެ. ތަރުޖަމާކުރައްވާފައި ފޮނުއްވިހާ އަވަހަކަށް އަނެއްބައި ދެއްވަނީއެވެ. މިގޮތުން ކުރިޔަށް ގެންދެވި މަސައްކަތުގައި އެންމެބޮޑު ބައެއް ތަރުޖަމާކުރައްވާފައިވަނީ، އައްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލު ދީދީއެވެ.

މިހާރުގެ ސަރުކާރުން ތައްޔާރުކުރައްވާ ކީރިތި ގުރްއާނުގެ ދިވެހިތަރުޖަމާ، އިރާދަކުރެއްވިއްޔާ މިއަހަރު ހުސްވުމުގެ ކުރިން ލިބޭވަރުވާނެއެވެ. އެމަސައްކަތް ސަރުކާރުން ޙަވަލުކުރައްވާފައިވަނީވެސް އަޅުގަނޑާއެވެ.

ފަޟީލަތުއް ޝައިޚުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީން، ފަޟީލަތުއް ޝައިޚުލް މަރްޙޫމް ޢަބްދު ﷲ ފަހްމީ ދީދީ އަލްއަޒްހަރީ، ފަޟީލަތުއް ޝައިޚުލް އުސްތާޛުލް މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ، އައްޝައިޚުލް ޙާފިޡުލް މަރްޙޫމް އާދަމް ސަޢީދު ފަދަ ޢިލްމުވެރިންވެސް ކީރިތި ގުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވުމަށް މަސައްކަތްޕުޅުތަކެއްވަނީ ކޮށްދެއްވާފައެވެ. އެ މަސައްކަތްޕުޅުތައް ވަށައިގެން މިހިރީ ފެންނާށެވެ. އޭގެފައިދާ ކުރިއެކޭ އެއްފަދައިން، މިހާރުވެސް ދިވެހިން މިދަނީ ލިބިގަންނަމުންނެވެ. ނަމަވެސް މިއިން އެއްވެސްބޭފުޅަކު، މުޅިތަރުޖަމާ ނިންމަވާފައެއް ނުވެއެވެ...

ކޮންމެއަކަސް ޝައިޚުލް އުސްތާޛުލް ޖީލު މުޙައްމަދު ދީދީގެ ޢިއްޒަތްތެރި ދަރިކަލުން، އަޅުގަނޑުގެ އެކުވެރި އަލްފާޟިލު ޢަބްދު ﷲ ޖަމީލު އަޅުގަނޑާ މި ޙަވާލު ކުރެއްވީ އެބޭފުޅުންގެ މުޅިޢާއިލާގެ ވަރަށްބޮޑު އަމާނަތެއްކަމުގައި ދުށީމުއެވެ. ވީމާ، ވީހާއަވަހަކަށް މިލިއުއްވުންތައް ޗާޕްކޮށްގެން ނެރުމަށް އިސްކަންދިނީމެވެ.

މިގޮތުން މިފަހަރު ޝާޕްކޮށްގެން މިނެރެވެނީ، ބަގަރާ ސޫރަތެވެ. ތަފްސީރު އާއިއެކު ތަރުޖަމާކޮށް ނިންމެވިފައިވަނީ، ނިސާ ސޫރަތުގެ ނިޔަލަށެވެ. އެއީ 5 ފޮތާއި 6 ވަނަ ފޮތުން ބައެކެވެ. ޝައިޚުލް އުސްތާޛުލް މަރްޙޫމް މުޙައްމަދު ޖަމީލު ދީދީގެ މިމަސައްކަތްޕުޅު، އޭނާއަށް ގެންދެވިފައިވާހިސާބުން، މިބައްޓަމަށް (މިދެންނެވީ މިހާދިގު ތަފްސީރާއެކު) ކުރިޔަށް ގެންގޮސްދެއްވުން އެދި، ދިވެހި ދީނީ އަދި ގުރްއާނުގެ ޢިލްމުވެރިންނަށް ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި، އަޅުގަނޑު ދަޢުވަތު އަރުވަމެވެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަގުތަކެއް ފަހިކުރުމުގެ ޒިންމާ އަޅުގަނޑުމެން ކެރިގެން ބޮލުއަޅާނެކަމުގެ ޔަގީންކަމާއެކުގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއިބެހޭ އެންމެމަތީ މަޖިލިހުން، ވަރަށްކުޑަ ވަގުތުކޮޅެއްގެތެރޭގައި މި ފޮތް ފާސްކޮށްދެއްވިއެވެ. އެކަމަކު ޢާއްމުކުރައްވަން ބޭނުންފުޅުވާ މެސެޖަކާއި އެކުގައެވެ. އެދިވަޑައިގެންފައިވަނީ، މިފޮތުގައިވާ "ސުވާމީންގެ" "ދޭވަތާއިންގެ" "އިބަސުވާމީންގެ" މިތިންބަހުގެ ބަދަލުގައި "މާތް ﷲ" އަދި "އިބަރަސްކަލާނގެ" މިގޮތަށް ބޭނުންކުރުމަށާ، "ކިބަފުޅަށް" "ކިބައިން" ހުރި ތަންތަން "ހަޟްރަތަށް" ނުވަތަ "ﷲ އަށް" ބަދަލުކޮށްލުމަށެވެ. މިކަން މިލިއުމުގައި ފާހަގަކޮށްލުމުގެ ބޭނުމަކީ، ލިޔުންތެރިންގެ އައުލިޔުއްވުންތައް މިގޮތަށް ގެންދެވުމަށް އިޝާރަތްކުރުމެވެ. މިކަން އެހެނީ، ސީރަތުއް ނަބަވިއްޔާ ފަދަ އަދި އެނޫން ވެސް ކުރީގެ ހުރިހާ ފޮތްތަކަކުން މިއީ، ކުށެއްކަމަށްވެގެން ކުށްކަނޑަން އުޅެފިނަމަ، މިޒަމަނުގައި އެކަންވާނީ، މާނައެއްނެތް ވަރަށްހެއްވާކަމަކަށެވެ. އެލިޔުންތައް އެގޮތަށް ހުރެދިނިއްޔާ އަންނާނެ ވަކިއުނިކަމކީވެސް ކޮބައިތޯއެވެ؟

މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން ޝާޕްކުރެވިފައިވާ މިފޮތް އަތްޕުޅަށް އެރީމާ ދިވެހިންގެ އުސްތާޛުލްޖީލު މިކަމަކަށް އޭނާގެ އަތްޕުޅުން ކުރެއްވި ބޮޑުމަސައްކަތްޕުޅާއި އެކަމަކަށް ހޭދަކުރައްވާނެވަގުތު ވަޒަންކުރެއްވުމުގެ އިތުރަށް ހިތަށް ނުވެސްގެނެވޭނެއެވެ. ހަމަމިއާއިއެކު، އޭނާގެ އެ އަގުބޮޑު މަސައްކަތްޕުޅަށް ހިރަފުހާއި ފަސްއަޅައި ފޮރުވައި ޒަމާން އޭގެ މަސައްކަތުން އަތްދޮވެލާނެއެވެ.

ވީމާ، އޭނާގެ އަތްޕުޅުން ލިއުއްވި ސަފްޙާކޮޅެއް މިފޮތުގައި ހިމަނާލީމުއެވެ. އެއަގުބޮޑު ޢިލްމުވެރިޔާގެ ޒަމާނަށް ދެމިހުންނަ ހަނދާނެއްގެގޮތުންނެވެ.

މާތް ﷲ ހެޔޮނިޔަތުގައި އަޅަމެންކުރާ މަސައްކަތްތަކުގައި ބަރަކާތްލައްވައި، ބަރަކާތް ޢާއްމު ކުރައްވާށިއެވެ. އާމީން.

19 ޖުމާދިލްއޫލާ 1428 ހ.

5 ޖޫން 2007 މ.

ޢަލީ ޙުސައިން

(ނޯޓު: ޢަލީ ޙުސައިން ނިޔާވީ 9 ޖެނުއަރީ 2019 ގައެވެ.)

(ދެން އޮތީ ޢަބްދު ﷲ ޖަމީލުގެ ސިޓީއެކެވެ.)

بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

މ. ދޫރެސް

އޯކިޑްމަގު، މާލެ

އެކުވެރި ޢަލީ ޙުސައިނަށް

ވެދުންސަލާމަށްފަހު ދަންނަވަމެވެ.

ޢަލީ ޙުސައިން އަތްޕުޅަށް އަޅުގަޑު މިފޮނުވަނީ "بيان" މިނަމުގާ އަޅުގަޑުގެ ބައްޕައަތްޕުޅުން ކުރައްވާފައިވާ ވަރަށްބޮޑު މަސައްކަތްޕުޅެކެވެ. ޒަމާނާއެކު ގިނަދުވަސްވެ މީގެފައިދާ ދިވެހިންނަށްނުލިބުމަކީ އަޅުގަޑުމެން އެދޭ ގޮތެއް ނޫނެވެ. ބައްޕަގެ މުޅި ހަޔާތްޕުޅު ހިނގާގޮސްފައިވަނީ ބައްޕައަށް އެގިވަޑައިގެން އޮތް އެއްޗެއް ދިވެހިންނަށް ދެއްވުމުގައެވެ.

ވުމާއެކު، މިވަގުތު މިކަހަލަކަމެއް އެންމެފަސޭހައިންކޮށްދެއްވޭނީ ޢަލީ ޙުސައިނަށް ކަމަށް ފެންނާތީ، ބައްޕަ އަތްޕުޅުން ލިއުއްވި "بيان" (ގުރްއާން - ތަފްސީރު ފޮތްތައް) ފޮނުވީމެވެ.

އިހްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.

11 ޞަފަރ 1428

1 މާރޗް 2007

އެކުވެރި

ޢަބްދުﷲ ޖަމީލު

(ނޯޓު: މަތީގައި އެ ވަނީ، މުޙައްމަދު ޖަމީލުގެ ތަފްސީރު ޝާޕުކުރި ފަރާތަކުން ލިޔެފައިވާ މުގައްދިމާއިން ބައެކެވެ. އޭގައި ބަކުރުބެގެ ތަރުޖަމާއާ ބެހޭ މައުލޫމާތު ހުރީމަ މިތާ ހިމަނާލީއެވެ.)


އީ-ޓެކްސްޓު ޑިޖިޓައިޒުކުރުމާ ބެހޭ ނޯޓެއް

މި ފޮތުގެ އަސްލު ތައްޔާރުކުރި ސްޓޭޖުގައި، ޓައިޕުކުރި ބަޔެއްގެ ފަރާތުން ވަނީ އެތައް ސަތޭކަ ކުށްތަކެއް ވަދެފައެވެ. އަދި މި ފޮތް ޕީޑީއެފްކުރި ބަޔަކު ޕީޑިއެފްކޮށްފައިވަނީ ވެސް އެ ކުށްތަކާ ލައިގެންނެވެ. މި ގޮތުން ގިނައީ ބަހުގެ ކުށްތަކެވެ. އަދި ބައެއް ފަހަރު ވަރަށް ސީރިއަސް ކުށްތަށް ވެސް ހުރެއެވެ. މިސާލަކަށް، "ޝިރުކުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ." -ޒުމަރު 66. "އެއީ ތިމަންރަސްކަލާނގެ ރައްބެވެ." -ރަޢްދު 30. "ތިމަންރަސްކަލާނގެ އަތްޕުޅުން (ޤުދްރަތްތެރި ކަމުން)" -ޔާސީން 36. ނުވަތަ އާޔަތެއްގެ ބައެއް މަދުވުން، ނުވަތަ އެހެން ތަނެއްގައި ހުރުން، ނުވަތަ ގެއްލިފައި ހުރުން، މިހެންގޮސް އެތައް އެތައް ކަމެކެވެ.

ދެން މި މައްސަލަތައް ހައްލުނުކުރެވި، ތާށިވެގެން ދިހަ އަހަރުދުވަހަށް ވުރެ ގިނަވި ފަހުން، މި ފޮތުގެ ލިޔުން ޑިޖިޓައިޒުކުރި އިރު ވަނީ އެ ކުށްތައް ރަނގަޅުކޮށްފައެވެ. ފިލިތަކެއް ނުވަތަ އަކުރުތަކެއް ރަނގަޅުނުވުން ފަދަ ސާފު ކުދި ކަންކަން ވާނީ އިތުރު ބަޔާނެއް ނެތި އިސްލާހުކުރެވިފައެވެ. އެއަށް ވުރެ ބޮޑެތި ކުށްތައް ވާނީ ގޮޅި ބްރެކެޓެއް ޖަހާފައި، އޭގެ ތެރޭގައި އިސްލާހުކުރެވިފައެވެ. އަދިވެސް ކިޔުންތެރިންނަށް ކުށްތައް ފާހަގަވާ ވަރަކަށް ނޯޓުކުރަމުން ގެންދެވޭނެއެވެ.

ދަންނާށެވެ. އެހެން ފޮތްތަކާ ޚިލާފަށް، މި ފޮތުގައި ކުދި އެޑިޓްތައް ގެންނަން މަޖްބޫރުވީ، ޑްރާފްޓު މަސައްކަތެއްގައި ހުންނަ ފަދައިން، އޭގައިވާ ލިޔުމާއި ޓައިޕުކުރުމުގެ ކުށްތައް އިންތިހާއަށް ގިނަވުމުގެ ސަބަބުންނެވެ. އެ ގޮތުން ރަނގަޅުކޮށްފައި ވާނީ ލިޔުމާއި، ޓައިޕުކުރުމާއި، ބަހުގައި ފެނުނު ބަވާހު (ފާޅުވެގެންވާ) ކުށްތަކާއި، ވައްޓާލެވިފައިވާ ތަންތަންކޮޅު އެކަންޏެވެ. ބަޔާންކުރަން ޖެހޭ ތަންތަނުގައި އެ ކަން ބަޔާންވެސް ކޮށްފައެވެ. އެ ނޫން އެއްވެސް ތަނެއް އެޑިޓްކޮށްފައެއް ނުވާނެއެވެ.

ދަންނާށެވެ. މީގެ ކުރިންވެސް އެކި ފަހަރުގެ މަތިން އެކި ފަރާތްތައް ވަނީ މި ފޮތް އެޕްއަކަށް ހަދަން މަސައްކަތްކޮށްފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް، ބަޔެއްގެ ފަރާތުން ޝައުގުވެރިކަމެއް ނުލިބި، އަނެއް ބަޔެއްގެ ފަރާތުން ހުރަސްތަކަކާ ދިމާވާތީ، އަބަދުވެސް މަސައްކަތް ހުއްޓި، ނަތީޖާއަކާ ހިސާބަށް ވާސިލުވެވޭ ގޮތް ވަނީ ނުވެފައެވެ. އެ ކަން ކުރެވޭ ވަރުގެ، އަދި ކަން ކުރަން އުޅޭ ވަރުގެ ބަޔަކު ވެސް ނުވެފައެވެ. ނަމަވެސް ﷲ ގެ ވާގިފުޅާ އެ އިލާހުގެ ތައުފީގާއެކު މިހާރު މި ތަރުޖަމާ ވަނީ އެޕްއަކަށް ހެދިފައެވެ.

އެއާކު ފާހަގަކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބަހުއްޓެވެ. ބަކުރުބެގެ ތަރުޖަމާ އެއީ އަހަރެމެންގެ އެއްޗެއް ނުވަތަ މިލްކެއް ކަމަށް، އެއްވެސް އިރަކު އެއްވެސް ގޮތަކަށް ދައުވާއެއް ނުކުރަމެވެ. އެހެނަސް ފޮތުގެ މުއައްލިފަށް ފަހު މި މުހިއްމު މަސައްކަތައިގެން ތެދުވެ، އެއަށް ޚިދުމަތްކުރުމަށް، "އިލްމީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން އެންމެ އައުލާކަން ބޮޑު" ބަޔަކު އެ ކަން ކޮށްފައި ނުވުމާއެކު، އެތަކެއް އަހަރުތަކެއް ވަންދެން މި މަސައްކަތް ނުނެރި، ތާށިކަންމަތީ އަޅާނުލެވި ދޫކޮށްލެވިފައިވާތީ، ދެން ފެނުނީ ކުޑަނަމަވެސް ޙިދުމަތެއް ކޮށްދީ، މި މަސައްކަތުގެ ލިޔުން ޑިޖިޓައިޒުކުރުމަށެވެ. އެއާއެކު، މި މަސައްކަތާ ހަވާލުވާން، "އިލްމީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ" ބަޔަކާއި، އެ ބަޔަކު ވަށައިގެންވާ މީހުން ގާތު ވެސް މި ކަމުގައި އެހީއެއް ވެދިނުމަށް ވާނީ ވާހަކަދެކެވިފައެވެ. ނަމަވެސް އެ ކޮޅުން ދެންނެވީ، ތަރުޖަމާ އަދި ފުރަތަމަ ތަހްގީގުކުރަން ފެންނަ ކަމަށާއި، އެ ބަޔެއްގެ ބޮޑުންގެ ޚިޔާލެއް ހޯދަން ފެންނަ ކަމަށެވެ. އެއީ 2/4/22 ގައެވެ. ދެން ފަހުން ވެސް އެ ފޮތަށް ޚިދުމަތްކުރުމުގެ ވާހަކަ ނަންގަތީމާ، އަނެއްކާ ވެސް އެ ކޮޅުން ދެންނެވީ އޭގައި ކުށް ހުންނާތީ، އެޑިޓުކުރަން ޖެހޭނެ ކަމަށާއި، އިހަށް މި ވަގުތު ތި ޑިޖިޓަލައިޒޭޝަން މަޝްރޫއު ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ. އެއަށް ދެވުނު ޖަވާބަކީ، އެޑިޓްކުރުމާ ދެކޮޅެއް ނޫން ކަމާއި، ޚުދު އެޑިޓްކުރަން ވެސް ފަސޭހަވާނީ ޑިިޖިޓަލްކުރީމަ ކަމާއި، 16 އަހަރު ވާންދެން ބަޔަކު މި ކަމާ އެއްވެސް ވަރަކަށް އުޅެފައި ނުވާ އިރު، މިހާރު ނުކުރިއްޔާ ދެން ކުރާނީ ވަކި ކޮން އިރަކުންބާވައެވެ. އެހެން ބުނީ މި ކަމުގައި ހައްތަހާ ވެސް އެހީއެއް ލިބޭތޯއެވެ. ނަމަވެސް އެ ހިސާބުން އެ ކޮޅުން ދެންނެވީ، ކުރިއަށް ދާށޭ، މިއީ ތިމަންމެންގެ ރައުޔުއޭ، ތި ކަމަކީ ތިމަންމެންނާ ބެހޭ ކަމެއް ނޫނޭ، ތި ކުރާ ކަމެއް ކުރާ ގޮތަކަށް ކޮށްބަލާށޭއެވެ. ދެންވެސް މި ކޮޅުން ދެންނެވީމެވެ. ތި ފަރާތުގެ ރައުޔު ރަނގަޅެވެ. ކުށްތަށް އިސްލާހު ކުރަން ޖެހޭނެ ކަމަށް އެއްބަހެވެ. މި ކޮޅުން ވެސް އިންތިޒާރުކުރަމުން މި ދިޔައީ އެ ކަން ކުރާނެ ބަޔަކު ވޭތޯއެވެ. ޑިޖިޓަލް ކޮޕީ އެބަހުއްޓެވެ. މަޑުކޮށްލައިގެން މި ހުންނަނީ އެއްކޮށް ކުރާނެ ބަޔަކު ނެތިގެންނެވެ. އެއަށް ލިބުނު ޖަވާބަކީ 'އޯކޭ' އެވެ. ދެންވެސް މި ކޮޅުން ދެންނެވީމެވެ. ތިޔަ ނަންގަތް އިސް ފަރާތްތައް އެދޭ ނަމަ، އެ ބަޔަކާ އެކީ ވެސް ބައިވެރިވެގެން ކުށްތައް އިސްލާހުކުރާ ގޮތަށޭ މިހުރީ، ތަރުހީބު ދޭނަމެވެ. ނަމަވެސް ދެން އިތުރު ޖަވާބެއް ނުލިބުނެވެ. އެއީ 16/8/22 ގައެވެ. އެއަށް ފަހު ފެނުނަސް، އެ ކޮޅުން ނުފެންނަ ކަމަށް ހަދާފައި ދަނީއެވެ. އެ ހުރިހާ އުޒުރުތަކެއް ދައްކާފައި، އެ ކަމާ މެދު އެއްވެސް އަމަލީ މަސައްކަތެއް ކުރަން އުޅޭހެން ހަމަ އެއްގޮތަކަށް ވެސް ހިޔެއް ނުވިއެވެ. ދެން އެންމެ ރަނގަޅެވެ. އެ ހިސާބުން މަސައްކަތްކުރީ ކުރިން އެ ދެންނެވި، "އިލްމީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން މާ އިސް" ފަރާތެއް ކަމުގައިވާ، އެ މީހުންގެ އިސް ވެރިޔާގެ އެހީއެއް މި ކަމުގައި ލިބޭތޯއެވެ. އެ ގޮތުން ސިދާ އެ ފަރާތަކާ އެ ވާހަކަ ނަންގަތީމެވެ. އެއީ 16/8/22 ގައެވެ. ނަމަވެސް ހަމަ އެއްވެސް އެއްޗެކޭ ނުބުނިއެވެ. ދެން ޒަމާންތަކެއް ފަހުން، ހަމަ ހައްތަހާ ވެސް މި ފޮތަށް ޚިދުމަތްކުރުމަށް ޓަކައި، އެ ބަޔަކަށް ޖަވާބު ނުދީ ދޫނުކޮށްލާނެ ފަދަ އެހެން ބަޔަކު މެދުވެރިކޮށް އަނެއްކާ ވެސް، އެ ވާހަކަ ނަންގަތީމެވެ. ނަމަވެސް އެ ހިސާބުން އެ ކޮޅުން ސުވާލު އުފައްދަން ފެށީ ފޮތުގެ ހައްގުތަކާ މެދުގައެވެ. ފޮތުގެ ހުއްދައާއި ހުއްދަ ދިން ފަރާތްތަކާ މެދުގައެވެ. އެއީ 12/12/22 ގައެވެ. ދެންވެސް އެ ބުނި ހުއްދައެއް ހޯދުމަށް، ފޮތުގެ ހައްގު ހުރި ފަރާތްތަކާ ވާހަކަދެކެވުނެވެ. އޭރު އެ ބޭފުޅުން ވަރަށް ތަރުހީބު ދެއްވިއެވެ. އެޕް ދެއްކީމާ ވެސް ވަރަށް ކަމުދިޔައެވެ. އަދި އެޕް ހަދަން ބޭނުންކުރި ޑޭޓާގައި އެއްވެސް ކުށެއް ހުރިތޯ ޗެކުކޮށް، ޗެކުކުރީ ކިހިނެއްތޯއޭ ވެސް އެއްސެވިއެވެ. އަދި އެއަށް ޖަވާބު ވެސް އެރުވީމެވެ. ނުނެރެވި ހުންނަތާ ކިހާ ދުވަހެއް ވެއްޖެހޭ ވެސް އެ ކޮޅުން ދެންނެވިއެވެ. އަދި މި ކަމަށް ހުއްދަ ދީފިކަމުގެ ލިޔުމެއް، މި ކޮޅުން ތައްޔާރުކޮށްފައި ދިނީމާ، އެ ކޮޅުން ސޮއިކުރަން ހަމަ ތައްޔާރަށް ތިއްބެވި ކަމަށް އެންގެވިއެވެ. އަދި އެ ކޮޅުން އިސްވެ، އަހަރުމެން ހުރި ތަނަކަށް ވަޑައިގެން، އަހަރުމެންނާ ބައްލަދުކޮށް މި ކަން ކުރެވޭނެ ގޮތް ހައްދަވައިދޭން ހުރިކަމަށް ވެސް ދެންނެވިއެވެ. އެއީ 5/1/24 ގައެވެ. މި ހިސާބުގައި ކަންތައް ވަނިކޮށް، އަދި އަނެއް ދުވަހު ބައްދަލުކޮށް އެ ހުއްދައެއް ލިބޭގޮތަށް ހުރިހާ ކަމެއް ހަމަޖެހިފައި ހުއްޓާ، ފަހު ވަގުތުގައި އެއްކަލަ ކުރިން ހުއްދަ ކޮބާހޭ އެހި "އިލްމީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ މާ އިސް" ފަރާތް، އެ ދޭތެރެއަށް ވަދެ، ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު ހަމަ އެއްގޮތަކަށް ވެސް އުޅެއުޅެ، ކުރިން މި ދެންނެވި ހައްގު ގެންގުޅުއްވި ބޭފުޅުންނާ ބައްދަލުވެވޭ ގޮތެއް ނުވިއެވެ. އަދި އެހެން ބަޔަކު މެދުވެރިކޮށް، ބައްދަލުކުރާ ވާހަކަ އެކި ފަހަރު މަތިން ދައްކަން އުޅުނަސް، އެ ކޮޅުން އެ ވާހަކަ އެހާ ދައްކާހިތެއް ނުވިއެވެ. އެހެންވެ ވަގުތުކޮޅެއް ދޭން އެ ވާހަކަ ނުދައްކާ އިހަށް މަޑުކޮށްލީމެވެ. އެއީ ދުވަސްކޮޅެއް ކޮށްލާފައި، އެ ކޮޅަށް ފަސޭހަ އިރަކުން ކުރިއަށް ގެންދާންށެވެ. ދެން އަހަރެއް ވަރު ފަހުން، ޕޮސިޓިވް ގޮތަކަށް ކަންތައް އޮތްކަން އެނގުނީމާ، އަނެއްކާ ވެސް ބައްދަލުކޮށްލަން މަސައްކަތްކޮށްލީމެވެ. އެއީ 14/3/25 ގައެވެ. އެ ފަހަރު ވެސް ފުރަތަމަ ކޮޅު އޯކޭ ދިނެވެ. ނަމަވެސް ދެން އަނެއްކާ ވެސް ޚަބަރެއް ނުވެ ގެއްލިއްޖެއެވެ. އަދި ކުރިއަކަށް ނުދިޔައެވެ. اللَّهُمَّ لَا سَهلَ إِلَّا مَا جَعَلتَهُ سَهلًا.

ވަރަށް ވަރަށް މަސައްކަތްކުރެވިއްޖެއެވެ. ބޭނުމަކީ އެ ޗާޕުކުރުމެއް ނުވަތަ ވިއްކުމެއް ވެސް ނޫނެވެ. އެހެނަސް ބޭނުންވީ މި ފޮތުގެ ލިޔުން، އެޕްއަށް ލާފައިވާ އިރު، ހަމައެކަނި އެ ބޭފުޅުންގެ އޯކޭ އިންކަން ޖަހާލުމެވެ. އިތުރު ކަމެއް ނޫނެވެ. އެ ފޮތުގެ ހައްގުތައް ވާނީ ހަމަ ކުރިއެކޭ އެއްފަދައިން އޭގެ ވެރި ފަރާތްތަކުގެ އަތްޕުގައެވެ. އެއީ ގެއްލޭނެ އެއްޗެއް ނޫނެވެ. އަދި އެއް ފަހަރަކު، ބަކުރުބެގެ ތަރުޖަމާއަށް އޯޑިއޯ ރެކޯޑިންއެއް ހަދަން ފުރުސަތެއް ލިބި، އަޚުން އެކަމާ އުޅުނީމާ ވެސް އައީ ހަމަ މި ދަތިތަކާ ހުރަސްތަކެވެ. އެ އޯޑިއޯއަކުން ކިހާ ފައިދާއެއް ކުރެވުނީސްތޯއެވެ. ބަކުރުބެގެ ތަރުޖަމާ ކިހާ ބަޔަކަށް އަޑުއަހާލެވުނީސްތޯއެވެ. سُبحَانَ اللَّه އެވެ. ދެން ކޮންމެއަކަސް، ހަމަ އެއް ކޯޅުމަކާއި ތާށިތަކެއްގެ ތެރެއަށް އަނެއްކާ ވެސް މި މަސައްކަތް އެއްލާލުމަށް އެކަށީގެންނުވާތީ، އަދި ހުސްވާހަކަތެއް ދައްކާ ކަމެއް ނުކޮށް ހުރުމަށް ވުރެ، ފޮތަށް ޚިދުމަތްކުރުން މާ އައުލާވާތީ، ދެން ވަގުތާއި މަސައްކަތް ހޭދާކުރީ ބަކުރުބެގެ ތަރުޖަމާ ކުރިއެރުވުމަށެވެ. ﷲ ގެ ތައުފީގާއި ވާގިފުޅުން އެ ކަން މި ވީއެވެ. وَلِلَّهِ الحَمد.

ކަން ވީ ގޮތް ތާރީޚާއި ތަފްސީލާއެކު ނޯޓުކުރުން މުހިއްމު ކަމަކަށް ވާތީ މިތާ ހިމަނާލީއެވެ. ކޮންމެއަކަސް ޚުލާސާއަކީ، ފުރަތަމަ ކަމަކަށް، 16 އަހަރު ވަންދެން ފޮތާ މެދު އިހުމާލުވީ އެއް ބަޔެކެވެ. ދެން އެ ކަން ހައްލުކުރުމަށް އެހީއަކަށް އެދުމުން، އެތަން މިތަނުން އުޒުރުތައް ގެންނަން ފެށީ ހަމަ އެއް ބަޔެކެވެ. ދެން އެ އުޒުރުތަކަށް ރިއާޔަތްކޮށް، އެ ކަންކަން ހައްލުކުރެވޭ ގޮތަކަށް، އެ ބަޔަކާ އެކީގައި އެ މީހުންގެ ބެލުމުގެ ދަށުން ކުރިއަށް ދާން އުޅުނީމާ، އިޖާބަ ނުދީ އަޅާ ނުލީ ހަމަ އެއް ބައެކެވެ. ދެން އެ ހިސާބުން އެ މީހުންގެ ފަރާތުން އެއްވެސް ތަރުހީބެއް ނުލިބި، އެއްވެސް ވަރަކަށް ކަމާ ނޫޅޭތީ، އެ ކަން ކުރެވޭނެ ވަރުގެ ބަޔަކު ފޮތަށް ޚިދުމަތްކުރަން އުޅުނީމާ، ހުއްދައާމެދު ސުވާލު އުފައްދަންފެށީ ހަމަ އެ އެއް ބަޔެކެވެ. ދެން އެ ހުއްދައެއް ހޯދަން އުޅުނީމާ ވެސް، ލިބިލިބި ހުއްޓާ، އެ ދޭތެރެއަށް ވަދެ ހުރަސް އެޅީ ހަމަ އެ އެއް ބަޔެކެވެ. ކޮންމެއަކަސް، މި އޮތް ހުރިހާ އަހަރުތަކެއް ދިޔައިރު، އެހެން އެއްވެސް ބަޔެއްގެ ފަރާތުން މި މަސައްކަތާ މެދު ހަމަ އެއްވެސް ޝައުގުވެރިކަމެއް އަދި އިސްނެގުމެއް ނެތީމާ، އަދި ކިއެއް، އެ ކަން ކުރާނެ ކަމަށް އުއްމީދެއް ވެސް ނެތީމާ، އެ ހިސާބުން ދިރާސީ އަދި ތައުލީމީ ބޭނުންތަކަށް ޓަކައި، ޑިޖިޓަލް ފޯމެޓެއްގައި މި ތަރުޖަމާގެ ލިޔުން ލިބޭ ގޮތް ވަނީ ހެދިފައެވެ. އަދި އިޚްލާސްތެރި އަޚުންނާއި އުޚްތުންގެ އެހީއާއެކީ، ތަރުޖަމާގައިވާ ކުށްތައް ވީވަރަކުން ދަނީ ރަނގަޅުކުރެވެމުންނެވެ. އަދި ބައިނަލް އަގްވާމީ އެޕްތަކުގައި މި ތަރުޖަމާ ލިބޭ ގޮތް ވެސް ވަނީ ހެދިފައެވެ. މި ކަން ފުރިހަމަ ކަމާއެކު ކުރެވުނީ، ﷲ ގެ މަދަދަށް ފަހު، އަރަބި ބަހާއި، ދިވެހި ބަހާއި، ގުރްއާނާއި ތަފްސީރާއި، ޓެކްނިކަލް އަދި ޑިޖިޓަލްކުރުމުގެ އިލްމާއި ހުނަރު ހުރި އަހުލުވެރި ބަޔެއްގެ މިންނެތް މަސައްކަތުންނެވެ. އެ އަޚުންނާއި އުޚްތުންގެ ނަންތައް ފަހުން އަދި އަންނާނެވެ. މި އިލްމުތަކާއި ގާބިލިއްޔަތު ނެތް ނަމަ ނެތް ބަޔަކަށް ނުވެސް ކުރެވުނީހެވެ. 16 އަހަރު ވާންދެން ނާކާމިޔާބު ވީހެވެ. އަދި ކުރަން އުޅުނަސް ވެސް އުނިވީހެވެ. އެއީ އެ ބަޔެއްގެ ނުކުޅަދާނަ ކަމެވެ. އެހެނީ މިއީ ހަމައެކަނި ޖަމިއްޔާއެއް ހިންގައިގެން، ނޫނީ ހިންދާލުމަށް އަބަދު ކޮބާހޭ އެ އަހާ ހައްގެއް ވަކި އޮވެގެން ވާނެ ކަހަލަ ކަމެއް ނޫނެވެ. މިއީ ހީވަގިކަމާއި ފަންނުވެރިކަމާއި، ގުޅިގެން މަސައްކަތްކުރެވުމާއި، ތަރައްގީއާއި ތަހްޒީބު ހުރެގެން ވާނެ ކަހަލަ ކަމެކެވެ. ދެން މައްސަލައެއް ނެތެވެ. ނުވާ ބަޔަކަށް ނުވާނެތާއެވެ. އެހެންވިއްޔާ، ސުވާލަކީ ވާން އުޅެނިކޮށް މިހާ ވަރުން ހުއްޓުވަން އުޅުނީ ކީއްވެބާއެވެ؟ މި ކަމާ ގުޅޭ ކަމަކަށް ވާތީ، މިއަށް ޖަވާބެއް ހޯދުން ވަރަށް މުހިއްމެވެ.

ދަންނާށެވެ. "އިލްމީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ" ބަޔަކު، މި އަގުހުރި މަސައްކަތާ މެދު އެހާ އަޅާލުން ކުޑަވެ، އެ ކުރިއެރުވުމަށް އެ ބަޔެއްގެ ފަރާތުން އެހީއަކަށް އެދުނީމާ ވެސް އެތައް އުޒުރުތަކެއް ދައްކާ، އެއާއެކީ އެހެން ބަޔަކު ފޮތަށް ޚިދުމަތްކުރަން އުޅުމުން އެ ކަން ކުރިޔަ ނުދިނުމަށް އެ ވަރަށް މަސައްކަތް ކޮށްފައި ވަނީ ކީއްވެކަމެއް ނޭނގެއެވެ. ފަހަރެއްގައި ބަކުރުބެގެ މަސައްކަތް އެއްފަރާތްކޮށްފައި، އެ ބަޔެއްގެ އަމިއްލަ ތަރުޖަމާއެއް ނެރުމަށް މާ އިސްކަމެއް ދޭތީ ކަމަށް ވެދާނެއެވެ. ނުވަތަ 16 އަހަރުދުވަސް ވަންދެން މި އަގުހުރި ފޮތާމެދު އެއްވެސް ކަމެއް ނުކުރެވި ހުރީމާ، އެ ވެވުނު އިހުމާލެއްގެ އިހުސާސްކުރެވި، ދެން އިތުރަށް އޭގައި އަތްލާން ނުކެރެނީ ކަމަށް ވެސް ވެދާނެއެވެ. އަދި އަމިއްލައަށް ނުކުރެވުނު ތާނގައި، ކުރެވޭ ވަރު ބަޔަކު އެންމެ ފަހުން އައިމާ، އެ އިހްމާލުވި މީހުންގެ އަގު ވެއްޓި، މަންޒަރު ހަޑިވެ، ކްރެޑިޓް ގެއްލި ދާނެތީ، ދެން އޮތް ހަމައެކަނި ގޮތަކީ، އެ ކަން ކުރަން އުޅޭ ދެން ތިބި އެންމެން ވެސް ހުއްޓުވައި، އެ ބަޔަކުހާ ނުކުޅަދާނަ ކުރުވައި، އެއްވެސް ވަރަކަށް އެއްވެސް ސިފައެއްގައި ފޮތް ފެނުނަ ނުދީ ހިފެހެއްޓުން ކަމުގައި ވެސް ވުން އެކަށީގެން ވެއެވެ. އަދި ކިއެއް، މީގެ އެންމެ ހެއްވާ ތަންކޮޅަކީ، އެޔޮއް ވަރަށް އުޒުރުދައްކާ، ހުރަސްއަޅާ، ދެކޮޅުހަދާ، މި ކަން ކުރިޔަ ނުދޭން ހިފި މި މީހުން، އާޚިރުގައި ޚުދު އެ ޖަމިއްޔާގެ މީހުން ވެސް ގުރްއާނުގެ ތަރުޖަމާތައް ބަލަން ބޭނުންކުރަނީ ހަމަ މި އެޕްކަމެވެ. كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ.

ދަންނަވަންތޯއެވެ. މިއީ މުބާރާތެއް ނޫނެވެ. އިލްމަކީ ހަމައެކަނި ވަކި ހިޒްބެއްގެ މުށުތެރޭ އޮތް އެއްޗެއް ނޫނެވެ. "ނުގުޅި މި ރާއްޖެއަކު ނޫޅެވޭނޭ، ކާމިޔާބުވާނީ ތިމަންމެންނާ ގުޅޭ މީހުންނޭ، އަދި ކާމިޔާބުނުވެ ނެތިފަނާވާނީ ނުވަތަ ކޮށްލާނީ ނުގުޅޭ މީހުންނޭ، އަދި ގުޅުން ބޭއްވޭނީ ވެސް ތިމަންމެން ބުނާ ބަޔަކާއޭ، އަދި ކުރާ ކަމެއް ކުރަން ޖެހޭނީ ތިމަންމެންގެ ދަށުންނޭ، ނޫންނަމަ ހުރަސްތައް އަޅާ، ދެކޮޅަށް އިންޒާރުދީ، ނޫޅެވޭ ވަރު ކޮށްލާނަމޭ" މި ދިމާލަށް ނުދަމާތޯއެވެ. ސުވަރުގެ ވަދެވެން އޮތީކީ ވަކި ޖަމިއްޔާއަކާ ގުޅިގެނެއް ނޫނެވެ. ﷲ ގެ މަގަށް ގޮވާލުމަކީ ކުޅިވަރެއް ކަމުގައި ނަހަދަމާތޯއެވެ. އެއްބަޔަކު ކަމެއް ކޮށްލަން އުޅޭ އިރަށް، އަނެއް ބަޔަކު ހަމަ އެ ކަމެއް، އެއަށް ވުރެ ކުރިން ކުރެވޭތޯ އެބަ ދުއްވައިގަނެއެވެ. ނުވަތަ އެހެން ބަޔަކު ކޮށް ނިމިއްޖެއްޔާ، އެއާ ވިއްދާފަ އެއަށް ވުރެ މޮޅުކޮށް ކޮށްލަން އެބަ ޖެހެއެވެ. އެ ކޮޅުން އައިފޯނެއް ނެރެއްޖެއްޔާ، މި ކޮޅުން ސައިކަލެއް ނެރެން އެބަ ޖެހެއެވެ. މީހަކު މަސައްކަތެއް ކުރަންޏާ، އަބަދު ވެސް އެ ކޮންޓްރޯލުކުރަން މި ޖެހެނީ ވަކި ބަޔެކެވެ. އެހެން މީހުން ތިބެން ޖެހޭނީ ދަށުގައެވެ. އެހެން ނޫނީ ކަމަކު ނުދެއެވެ. އޯވެލް ވެސް ބުނަނީ "ހުރިހާ ދިރޭތަކެތި ހަމަހަމައެވެ." ނަމަވެސް ހަގީގަތަކީ، ބައެއް ދިރޭތަކެތި، އަނެއްބައި ދިރޭތަކެއްޗަށް ވުރެ ހަމަހަމަވެގެން އުޅޭ ކަމެވެ. އެންމެން ވެސް ދާން މަޖުބޫރުކުރުވަން އުޅެނީ އެއް ޖާނިބަކާ ދިމާލަށެވެ. މާފިޔާ ސްޓައިލަށް ދައުވަތުގެ ކަންކަން ކުރެވިގެން ނުވާނެއެވެ. ދަންނާށެވެ. ބާކީ ދެމި އޮންނާނީ ﷲ އަށް ޓަކައިވާ ކަމެކެވެ. އަހަރުތަކެއް ފަހުން، ބޯތަކުގެ ގިނަކަމާއި، ބަށްކުރިހާ ފަންޑުތަކާއި، ރެޖިސްޓަރ ކުރި ޖަމިއްޔާތައް ނެތިފަނާވާނެއެވެ. އެއީ އަބަދު ހުންނާނެ އެއްޗިއްސެއް ނޫނެވެ. ފަހަރެއްގައި، ބިޔަ ބޮޑު މެއިންސްޓްރީމް ގްރޫޕްތަކުން މިލިޔަނުން ފަންޑުކޮށްގެން، އެހާ ވަރުން މީހުންނާއި މުދާތައް އެއްކޮށްގެން މިހިރަ ހަދާ ބޮޑެތި އިންސްޓިޓިޔޫޓްތައް ފްލޮޕްވެގެން ދާއިރު، އެ ކަންކަމަށް ނުލައްވާ ބަރަކާތެއް، މަދު އަޚުންތަކެއް ނުވަތަ ވަކި ފަރުދުންތަކެއް ކުރާ މަސައްކަތުގައި ﷲ ލައްވާފާނެއެވެ. އެ ކަން މަނާކުރާނީ ވެސް ފަހެ ކާކުތޯއެވެ. މިއީ ފެންނާން އޮތް ހަގީގަތެއް ނޫންތޯއެވެ. އެކަމު ދެން ވެސް ފެންނާނެ އަނެއް ހަގީގަތަކީ، ބަޔަކު މީހުން 350 ރުފިޔާއަށް އިޚްލާސްތެރިކަމުގެ އިންޓެންސިވް ވޯކްޝޮޕްތައް ނަގައިދޭތަނެވެ. وَاللَّهُ المُستَعَانُ وَعَلَيهِ التُّكلَانُ.

ދުއާއަކީ، އަހަރެމެންނަކީ ހެޔޮ ކަންކަމަށްވާ ތަޅުދަނޑިތަކެއް ކަމުގައި ލައްވައި، ނުބައި ކަންކަމަށްވާ ތަޅުތަކެއް ކަމުގައި ލެއްވުމެވެ. އަދި އޭގެ އިދިކޮޅަށްވާ ބަޔަކު ކަމުގައި ނުލެއްވުމެވެ. އާމީން.


ޑިޖިޓައިޒުކުރުމުގައި އެހީތެރިވި ފަރާތްތައް

އ.ޔ.، އ.ސ. އިބްރާހީމް ދީދީ، ބ.ބ.، އަޝްފާ މ.، މޫސާ ޢަބްދުލް ޣަނީ، ނިހާން ޢަލީ، ޢަބްދު ﷲ އަޙްސަން ސަޢީދު، މުޙައްމަދު މާއިޒު މުޢާވިޔަތު، ޢަލީ ޝާފިޢީ، މުޙައްމަދު މަފާޒު އަޙްމަދު، މުޙައްމަދު ޢަބްދުއްސައްތާރު، ޢައްވާމް މުޙައްމަދު، މުޙައްމަދު ބިން މޫސާ، އާދަމް އިފްހާމް، އަޙްމަދު އަޙްސަމް، އިބްރާހީމް ޢާދިލު، މުޙައްމަދު ޙަފީޡް، ޒަހްވާން ނާޒިމް، ޚަދީޖާ، ސާމީ އިލްޔާސް، އިސްމާޢީލު ޖުމައިލު މުޙައްމަދު، އަދި އެ ނޫން ވެސް އަޚުންނާއި އުޚްތުންނެވެ.  — އިތުރު މައުލޫމާތު.

ﷲ އަށް ހަމްދު ކުރަމެވެ. މިއީ 4 މަސްދުވަހުން އެކުލަވާލެވުނު ޑޭޓާބޭސެކެވެ. މި ޑޭޓާބޭސްގައި 6236 އާޔަތް ހިމެނެއެވެ. އެއިން ކޮންމެ އާޔަތަކަށް ލަފްޒީ އަދި އިޖުމާލީ ތަރުޖަމާއެއް ވެއެވެ. އެހީތެރިވީ އަރަބި ބަހާއި ދިވެހި ބަހަށް ޝައުގުވެރިވާ ފަރާތްތަކާއި، ދީނީ ކަންކަމާއި ދައުވަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އަޚުންނާއި އުޚްތުންނާއި، ތަރުޖަމާ ކުރުމުގެ ފަންނަށް ނުހަނު ލޯބިކުރާ ފަރާތްތަކެކެވެ. އެއީ އަގީދާގެ ގޮތުން މައްސަލަ ނެތް ތަރުޖަމާތައް ލިބުން ދަތިވެފައި، ސައްހަ ތަރުޖަމާއަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އިރާދަކުރެއްވިއްޔާ މި ކަމުން ފަސޭހަކަމާއެކީ ގުރްއާނުގެ ބަސްތަކުގެ މާނަ ބެލޭނެ ގޮތެއް ފަހިވެގެން ދާނެއެވެ. އިން ޝާއަ ﷲ މި ކަމުގެ ފައިދާ އެންމެހާ ދިވެހިންނަށް ލިބިގެން ދާނެއެވެ. ޔާ ﷲ އެވެ. މި މަސައްކަތް ގަބޫލު ކުރައްވާ، މި ކަމުގައި ބަރަކާތް ލައްވާށިއެވެ. އަދި ކުރެވުނު ހެޔޮ އަމަލުތަކުގެ ތެރޭގައި ހިމަނުއްވާށިއެވެ. އަދި މިއީ ގިޔާމަތަށް ދާންދެން ދެމިގެންދާ ސަދަގާ ޖާރިއާއެއް ކަމުގައި ލައްވާށިއެވެ. އަދި އެހީތެރިވި އެންމެހާ އަޚުންނާއި އުޚްތުންނާއި އެ މީހުންގެ އާއިލާތަކާއި ރަހުމަތްތެރިންނަށް ފާފަ ފުއްސަވާދެއްވާ، ހައްގުގެ މަގަށް މަގުދައްކަވާ، އަދި އެ މަގުގައި ސާބިތުކަން ދެއްވާށިއެވެ. އާމީން.


މުއައްލިފުގެ މުގައްދިމާ

بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

مقدمة

الحَمْدُ لِلَّهِ الَّذِى لَهُ مَا فِى السَّمواتِ وَمَا فِى الأَرْضِ وَلَهُ الحَمْدُ فِى الآخِرَةِ وَهُوَ الحَكِيمُ الخَبِير وَأَشْهَدُ أَنْ لاَ إلَهَ إلاّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ الَّذِى أَنْزَلَ الْقُرْآنَ عَلَى عَبْدِهِ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الهُدَى وَالفُرْقَان وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ الَّذِى أرْسَلَهُ اللَّهُ هادِيًا لِلثَّقَلَين صَلَّى اللَّهُ عَلَيْهِ وَسَلاَمُهُ دَائِمَينِ إلَى يَوْمِ المَعَادِ وَعَلَى آلِهِ وَأصْحَابِه وَمَنْ تَبِعَهُمْ بِإِحْسَانٍ إلَى يَوْمِ الحِسَابِ . أَمَّابَعْدُ:

ކީރިތި قرآن ގެ މާނަ އުނގެނި ދަސްކުރުމީ އަޅުގަނޑު އެންމެބޮޑަށް شَوْق ވެރިވާ ކަންތައްތަކުގެ ތެރެއިންވެސް އެންމެ شَوْق ވެރިވާ ކަންތަކެވެ. އަޅުގަނޑުގެ عُمْرُ ން އެގާރަ ބާރަ އަހަރުހައި ހިސާބުގައި އެކަމަށް ފެށިއްޖެއެވެ. އެންމެ ފުރަތަމަވެސް މިރޮނގުން އަޅުގަނޑުގެ أُسْتَاذ އަކީ فَضِيلَة الشَّيْخ حُسَين صَلاحُ الدِّين (رحمه اللّه) މަޖައްލާއާއި، އެކިއެކި ލިޔުމުގައި ލިޔުއްވާފައިވާ " قرآن ގެ ترجمة އާއި تفسير މިނަމުގައިވާ مضمون އެވެ. އޭގެފަހުގައި ދެން ފެންނަންފެށީ فضيلة الشّيخ عبد اللّه فَهمِى ދީދީ (رحمه اللّه) ގެ ترجمة ގެ ރީތި عبارة ތަކެވެ. ދެން ހަމަ އެޔާއެކުއެކުހެން الشَّيخُ الحَافِظ آدم سعيد (رحمه اللّه) ގެ ترجمة އެވެ. މި أُسْتَاذُ ންގެ ހިތްފަސޭހަ ތަރުޖަމާތަކަށްފަހު ދެން فَضِيلة الشَّيخ مُحَمَّد جَمِيل ދީދީ (رحمه اللّه) ހިންގެވި ހަވީރުގެ ކުލާހުގައި އިށީނުމުގެ فرصة އަޅުގަނޑަށް ލިބުމަކީ މިކަމަށް ލިބުނު އިތުރު ކުރިއެރުމަކާއި، އާ ހިތްވަރެކެވެ. މި أُسْتَاذُ ންގެ އަތުން އަޅުގަނޑަށް ލިބުނު ތަރުޖަމާތައް އަޅުގަނޑު ދަސްކުރީ ދަސްކުރާހިތުން، ގަޔާވެގެންނެވެ. ދެން މިޔަށްފަހު ދުވަސްތައް ވޭތިވަމުންގޮސް المَدِينَة المُنَوَّرة ގެ الجَامِعَةُ الإِسلامِيَّة ގެ كُلِّيَّة الشَّرِيعَة އެއީ އަޅުގަނޑަށް ލިބިފައިވާ ވަކިވަކި މި ترجمة ކޮޅުތައް ގުޅުވާ، އެއްކޮށްދެއްވި، بَركَاة ތެރި މަރުކަޒެވެ. އެ جَامِعَة ގައި އެގާރަ އަހަރުގެ دِرَاسَة އެއް ނިމިގެން ރާއްޖެ އައިއިރު އަމިއްލައަށް قرآن ގެ كَلِمَة ތަކުގެ މާނަތައް ދިވެހިބަހުން ލިޔުމުގެ شَوْق ވެރިކަން ގަދަވެ އެކަމަށް ފަށައިގަނެވުނީއެވެ.

އަޅުގަނޑުގެ މި ترجمة ލިޔުމުގައި އިސްވެދިޔަ ދިވެހި أُسْتَاذ ންގެ ފަރާތުން ދަސްވި ترجمة ތަކުގެ އިތުރަށް ދެން ترجمة ލިބިގަތުމަށް إختيار ކުރި مُهِمُّ ފޮތްތަކަކީ އެ فَنّ ގައި ފުނަށް ފައިބާފައިވާ އެފަންނުގެ އެދުރުންކަމުގައި މުޅިދުނިޔެއަށް مَشْهُور ބައެއް مُفَسِّر ންގެ ފޮތްފޮތެވެ. އޭގެތެރޭގައި:

(1) جَامِعُ البَيان عَن تَأْوِيل آى القُرْآن = لأبِى جَعْفَر مُحَمَّد بن جَرِير الطَّبَرى

(2) تَفْسِير القُرْآن العَظِيم = لِلحَافِظ عِمَاد الدِّين أبى الفِداء إسماعيل ابن كَثِير القُرَشِى

(3) الجامِعُ لأِحْكَامِ القُرْآن = لأبِى عَبْداللَّه مُحَمَّد بن أحْمَدُ لأنْصَارِى القُرْطُبى

(4) فَتْحُ القَدِير (بَنين فَنىء الرِّوايَة والدِّرايَة) = لِمُحَمَّدُ بن عَلِى بن مُحَمَّد الشَّوكانِى

(5) أيْسَرُ التَّفاسِير = لأبِى بَكْربن جابِر الجَزائِرِى

(6) زُبْدَةُ التَّفْسِير = د. مُحَمَّد سُلَيْمَان عَبْد اللَّه الأشْقَر

(7) النَّفْسِيْرُ المُيَسّر = نُخْبَة مِنَ العُلَمَاء

މިފޮތްތަކާއި، އަދި މިނޫން ވެސް ބައެއް ފޮތް ހިމެނެއެވެ.

އަޅުގަނޑުގެ މި ترجمة ލިޔެފައިމިވަނީ މި މަތިވެރި، މާތް أُسْتَاذُ ން عَرَب ބަހުން ލިޔުއްވާފައިވާ قُرْآن ގެ މާނަތަކުގެ ދިވެހި ترجمة އެވެ. އަޅުގަނޑު އަލުން-ބަލުން ފަށައިގެން ކުރި ترجمة އެއް ނޫނެވެ. އެއީ އަޅުގަނޑަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި عِلْمُ التَّفْسِير އަށް ބަލާއިރު، އަޅުގަނޑު މިވަނީ އެހެންވާދީއެއްގައެވެ. ވެރިންއެވަނީ އެހެންވާދީއެއްގައެވެ. ނަމަވެސް އަޅުގަނޑު މިކުރި މަސައްކަތަކީ އެބޭބޭކަލުން ލިޔުއްވި މާނަތައް އަޅުގަނޑަށް އެނގިހުރި ފެންވަރަކުން ހަމައެކަނި ދިވެހިބަހަށް ترجمة ކުރީއެވެ. އެބޭކަލުންގެ މާނައެވެ. އަޅުގަނޑުގެ ދިވެހި ترجمة އެވެ. މިހެންވެ އަޅުގަނޑުގެ މިފޮތަށް ކިޔަން قصد ކުރީވެސް (ކީރިތ قرآن ގެ މާނަތަކުގެ ދިވެހި ترجمة) އެވެ. މިއެވެ.

ދެންފަހެ، މިމާނަތައް ترجمة ކުރުމުގައި އޮޅުން ނުފިލައިފާނޭކަމަށް ލަފާވާ ތަނެއްގައިވިއްޔާ، އެބޭކަލުންގެ އެ تفسير ފޮތްތައް ބަލައިގެން ކުޑަ بيان އެއް ލިޔެފައިވާނެއެވެ. ކިޔުއްވަމުންދާއިރު އެތަންތައް އެނގިލައްވާނެއެވެ. މި ترجمة ގައި އަޅުގަނޑު މަސައްކަތްކުރީ ވީހާ ކުރުކޮށް، ލުއިފަސޭހަކޮށް – އެކަމަކު މާނަޔާ ދުރަށް ނުގޮސް – ދިވެހިބަހުން ވާހަކަދައްކާ މީހުންނަށް اللّه ގެ ބަސްފުޅު ވިސްނައިދެވޭތޯއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގު އަތުވާންއޮތީ މި ބަސްފުޅުތަކުންކަމުގައި ވާތީއެވެ.

ދެން އޮތް އަނެއް ވާހަކަޔަކީ، ދިވެހިބަހުން ވާހަކަދެއްކުމުގައި ރަށްރަށާއި، އަތޮޅުއަތޮޅާއި، ތަންތާ ހުރި ބައެއްތަފާތެވެ. އެހެން އެކަން ހުރީތީ ދިވެހިބަސް ރީތިކުރުމަށްޓަކައި އެހާބޮޑަކަށް މަސައްކަތެއް ނުކުރަމެވެ. މެދުފަންތީގެމީހުނަށް ވިސްނޭފަދަވީމާ ނިމުނީކަމަށް ބެލީއެވެ.– މިސާލަކަށް: 'ތިބާ' ކިޔާ ތަނުގައި 'ކަލޭ' އަދި 'ތިޔަބައިމީހުން' ކިޔާ މާނައިގައި 'ކަލޭމެން' ކިޔުންކަހަލަ، އަދި 'ތިމަންކަލޭގެފާނު' ގެ ބަދަލުގައި 'އަހުރެން' މި كَلِمَة ބޭނުންކުރުންކަހަލަ – ކަންކަމަކަށް މާބޮޑު ފަރުވާއެއް ނުބަހައްޓަމެވެ. ބަސްފުޅު ވިސްނޭފަދަ ވެއްޖިއްޔާ ފުދުނީ ކަމުގައި ބެލީއެވެ.

ދެންފަހެ މި ترجمة އަކީ ދާދި ކުޑަ ތަރުޖަމާއެކެވެ. اللّه ގެ މިންވަރުފުޅު ނިޔާކުރާގޮތުން ދުނިޔޭގައި صِحَّة ސަލާމަތުން ލަހައްޓަވާފައި ހުރިއްޔާ މިފޮތް ފުޅާކޮށް، ތަނަވަސްކުރުމުގެ قَصْد ވަރަށްބޮޑަށް އެބައޮތެވެ. އެބަހީ މިފޮތް މިއޮތްގޮތަށް އޮވެފައި، صَحّ ސަނަދުން ސާބިތުވާ سَبَب النُّزُول ތައް އޭގެ مَحَلّ ތަކަށް އިތުރުކޮށް، އަދި نَبِى ބޭކަލުންގެ قِصَّة ތައް އާދައިގެ ވަރަކަށް بيان ކުރެވި، أحْكَام ގެ އާޔަތްތަކާމެދު ހިސާބަކަށް ވާހަކަދެކެވި، އަދި إختلاف ތަކުގެ مُهِمّ صَفْحة ތައްވެސް ބަލައިލެވޭތޯ ބަލައިލުމުގެ أُمِّيد އެބައޮތެވެ. އޭރުން ދެން އެފޮތް ތަންކޮޅެއް ބޮޑުވެފައި ބަރުވެސްވާނެއެވެ.

އަޅުގަނޑުގެ دعاء އަކީ އަޅުގަނޑުގެ މިترجمة އާދެ! ((ترجمة مَعانِى القُرْآن الكَرِيم)) (قرآنގެމާނަތަކުގެ ތަރުޖަމާ) އަކީ اللّه ބާވައިލެއްވި ކީރިތި قرآن ގެ ترجمة ދިވެހިން ވިސްނައި، فَهْم ކޮށްގަތުމުގެ އެހީތެރި މަދަދުގާރަކުކަމުގައި اللّه ލައްވައިދެއްވުމެވެ. އަދި މިކުރި عمل އަކީ اللّه ރުހިވޮޑިގަންނަވާ ލޯބިވެތި عمل އެއްކަމުގައި ލައްވައި قيامة ދުވަހުން މިއަޅާއާއި، މިއަޅާގެ މައިންބަފައިންގެ ފާފަފުއްސަވައި، ހެޔޮކަމުގެ މީޒާން ބަރުކޮށްދެއްވައި، އެއްވެސް ބިރުވެރިކަމެއްނެތި، އަދި ހިސާބު ބެއްލެވުމަކާނުލައި އެކަލާނގެ فَضْلُ ވަންތަކަމާއި އެކަލާނގެ رَحْمَة ފުޅުން ސުވަރުގެ ވައްދަވައިދެއްވުމެވެ. އޭމަތިވެރިމާތް اللّه އެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެކަން يقين އެވެ.

إنَّهُ جَوَادٌ كَرِيم – وَصَلَّى اللَّهُ وَسَلَّمَ عَلَى مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أجْمَعِين وَسَلاَمٌ عَلَى المُرْسَلِين وَالْحَمْدُ لِلَّهِ رَبِّ العالَمِين وَبِاللَّهِ التَّوفِيق

27 رَجَب 1427 هـ

21 އޯގަސްޓް 2006 މ

أبُو بكْر إبْراهِيم عَلِى

هِنَّوَرِى


أعوذ ކިޔުން

މާތްވެގެންވާ قُرْآن ކިޔަވާ ކޮންމެ މީހަކަށްވެސް ﷲ ގެ رَحْمَة ން ފައްސާލެވި އަދި لَعْنَة ލެއްވިގެންވާ شَيْطَان އާގެ ފަރާތުން ރައްކާތެރިވެ ސަލާމަތްކަން ލިބިގަތުމަށް ﷲ ގެ حَضْرَةُ ގައި ދަންނަވާ އެފަރާތުން حِمَايَة ލިބިގަތުން شَرْعُ ކުރެވިގެންވެއެވެ. އެބަހީ أَعُوذ ކިއުން سُنَّة ވެގެންވެއެވެ. اللهُ سُبْحَانَه وَتَعَالَى وَحِى ކުރެއްވިއެވެ. (فَإِذَا قَرَأْتَ القُرْآنَ فَسْتَعِذْ بِا لله مِنَ الشَّيْطَانِ الرَّجِيْم) މިހެނީ ކީރިތި قُرْآن އަކީ މީސްތަކުންނަށްވާ ތެދުމަގަކާއި އަދި ހިތްތަކުގައިވާ އެކިބާވަތުގެ ބަލިބަލީގެ شِفَاء އެކެވެ. އަދި شَيْطَان އެއީ ނުބައިކަމާ އަދި މަގުފުރެދުމުގެ ސަބަބެވެ. މިހެންވެ قُرْآن ކިޔަވާ ކޮންމެމީހަކުވެސް އެ ނުބައި شَيْطَان އާގެ ކިބައިން ރައްކާތެރިވެ ސަލާމަތްކަން ދެއްވުން އެދި ﷲ ގެ حَضْرَةُ ގައި ދަންނަވައި ދުޢާކުރުން އެދެވިގެންވެއެވެ. އެބަހީ أَعُوذ ކިޔުން ހުއްޓެވެ.

عَامُّ ކޮށް ގިނަ عِلْم ވެރީން އެއްބަސް ވެވަޑައިގަންނަވަނީ أَعُوذ އަކީ قُرْآن ގެއާޔަތެއް ނޫކަމަށެވެ. އެހެންވެ مُصْحَفُ ތައް ލިއުމުގައި أَعُوذ ވަކިން ލިޔެވިގެން ނުވަނީއެވެ.

ދެންފަހެ:

أَعُوذ بِا لله ގެ މާނައީ: އެއްކައުވަންތަ ﷲ ގެ حَضْرَةُ ން މިއަޅާ ރައްކާތެރިކަމާއި حِمَايَة ލިބިގަންނަމެވެ.

مِنَ الشَّيْطَانِ: މިއަޅާގެ رَبّ އަށް ކިޔަމަންތެރިކަން އަދާކުރުމާއި އަދި މިއަޅާގެ قُرْآن ކިޔެވުމަށް ހުރަސްއަޅާ ޖިންނިންނާއި އަދި އިންސާނުންގެ ތެރެއިންވެސް ވާ އެންމެހައި شَيْطَان ން ގެ ކިބައިން

الرَّجِيْم ގެމާނައީ: ﷲ ގެ رَحْمَة ން ފައްސައިލެވިގެންވާ ނުވަތަ ރަޖަމު ކުރެވިގެންވާނެ.


[ފޮތް]


Technical notes regarding the database text

Translation json columns:

1. Word by word.

2. General translation.

The text is sourced right here. Developers should update from here directly for the latest version.

The following platforms use this text (with various degrees of up-to-dateness):

Hadithmv (This current page. The latest and most correct version is available here.

Al Quran (Very easy to get them to update, as the developers are responsive and quick to apply changes when needed.) Last time we asked them to update from our main repo was on 11/12/22 as of this writing.

Haasiboo (Should be easy to get them to update. The word by word and general translation order is reversed on this) Last update from our main repo was around 25/2/25 as of this writing.

Tarteel AI (They seem to take a long time to get it on their platform. We originally discussed with the developers of Quran.com regarding getting the translation on their Web and Mobile platform as well as Tarteel AI, but progress has been very slow. So far it is on Tarteel AI, as well as on the Web version of Quran.com but not their Mobile app.) Last update from our main repo was around 12/13/23 as of this writing.

Bakurubeyge Tharujama app (The word by word and general translation are reversed in this app. And any translation for any ayah needs to be tapped to be viewed.) Last update from our main repo would be the same date of their last update on the Play Store, as it is an app just for this translation.

Quran.com (The general translation is available on their Web platform, but not the word by word yet. They are also the developers of Quran Android, but as of this writing, have not included it in their Mobile app yet. Getting updates across seems to take years.) Last update from our main repo was around 12/13/23 as of this writing.