بِسمِ اللهِ الرَّحمَنِ الرَّحِيمِ

hadith mv

ޙަދީޘްއެމްވީ - މަދީނާގެ މައުލޫމާތު




1. ހޮޓަލުން މަސްޖިދުލް ޖުމުޢާ އާ ހަމައަށް:

މަދީނާގެ މާތްކަން


މަދީނާގެ މާތްކަން

މަދީނާއަށް ކުރީގައި ކިޔަނީ ޔަޘްރިބެވެ. ނަމަވެސް ނަބިއްޔާ ﷺ ހިޖުރަ ކުރެއްވުމަށް ފަހު، މަދީނާގެ ނަމުން ނަންދެއްވިއެވެ.


މަދީނާ ހުރުމަތްތެރި ކުރެއްވުން

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ހަމަކަށަވަރުން އިބްރާހިމް މައްކާ ހަރަމެއް ކަމުގައި ލެއްވިއެވެ. އަދި ހަމަކަށަވަރުން ތިމަން ނަބިއްޔާ މަދީނާ ހަރަމެއް ކަމުގައި ލައްވަމެވެ.“

ދަތިތަކަށް ކެތްކުރުމުން ގިޔާމަތް ދުވަހު ޝަފާއަތް ލިބިގެންވާކަން.

މަސްޖިދުއް ނަބަވީ

މި މިސްކިތުގައި ކުރާ އެންމެ ނަމާދެއްގެ ސަވާބު، އާންމު މިސްކިތްތަކުގައި ކުރާ 1000 ނަމާދުގެ ސަވާބަށް ވުރެ އިތުރުވެގެންވެއެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިމަން ނަބިއްޔާގެ މި މިސްކިތްކޮޅުގައި (އެބަހީ: މަސްޖިދުއް ނަބަވީގައި) ކުރާ ނަމާދު، އެހެން މިސްކިތްތަކުގައި ކުރާ އެއް ހާސް ނަމާދަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. އެއީ މަސްޖިދުލް ހަރާމް ފިޔަވައެވެ.“

މި މިސްކިތުގައި ސުވަރުގޭގެ ބަގީޗާއެއް ވުން.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ” ތިމަން ނަބިއްޔާގެ ގެކޮޅާއި މިންބަރުކޮޅާ ދެމެދުގައި ވަނީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެކެވެ.


ގުބާ މިސްކިތް

ގުބާއަކީ ބަނޫ ޢަމްރު ބިން އަލްއައުފު ގަބީލާގެ އަހުލުވެރިން ދިރިއުޅުއްވި ހިސާބެވެ. އެ ތަނަށް ގުބާއޭ ކިޔުނީ އެ ރަށުގައިވާ ވަޅަކަށް ނިސްބަތްކޮށެވެ.

ނަބިއްޔާ ﷺ މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވި މަގުމަތީގައި، އެ ރަށުގައި މަޑުކުރައްވާ، އެ ތާނގައި މި މިސްކިތް ބިނާ ކުރެއްވިއެވެ.

މި މިސްކިތަކީ އިސްލާމް ދީނުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތެވެ.

ނަބިއްޔާ ﷺ ގުބާގައި މަޑުކުރެއްވީ 14 ދުވަހަށެވެ.

ގުބާގެ އަހުލުވެރިންނަކީ ސާފުތާހިރުކަމަށް ލޯބިކުރައްވާ ބައެއްގެ ގޮތުގައި، ﷲ ތަޢާލާ ގުރްއާނުގައި ސިފަކުރައްވާފައި ވެއެވެ.

”ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެ ތަގުވާގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތުގައި (އެބަހީ: ގުބާ މިސްކިތުގައި) އިބަ ނަބިއްޔާ ގާއިމުވެ ހުންނެވުން މާ ހައްގުކަން ބޮޑެވެ. ތާހިރުވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. އަދި ތާހިރުވެގަންނަ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.“

ރަސޫލު ﷲ ﷺ ކޮންމެ ހޮނިހިރު ދުވަހަކު ގުބާ މިސްކިތަށް ޒިޔާރަތް ކުރައްވައެވެ. (ބައެއް ފަހަރު ހިންގަވާފައި، އަނެއްބައި ފަހަރު ސަވާރީއެއްގެ މަތީ ވަޑައިގަންނަވައެވެ.)

ގެއިން ތާހިރުވެ، ގުބާ މިސްކިތަށް ގޮސް ނަމާދެއް ކުރުމުން، އުމްރާއެއްގެ ސަވާބު ލިބޭކަމަށް އައިސްފައިވެއެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ގެއިން ތާހިރުވެ (ވުޟޫކޮށްގެން) ގުބާ މިސްކިތަށް ގޮސް ނަމާދެއްކޮށްފި މީހަކަށް، އުމްރާއަކާ އެއްފަދަ ސަވާބު ލިބިގެންވެއެވެ.“


ޢަމަލުތައް ގަބޫލުވެގެން ދިޔުމަށްވާ ޝަރުތުތައް

ފުރަތަމަ ޝަރުތު: އިޚްލާސްތެރިވުން

އިހްލާސްތެރިވުމަކީ، ހަމައެކަނި ﷲގެ ހަޒުރަތުން ސަވާބަށް އެދޭ ހާލު، އަޅުކަން ކުރުމެވެ. ކުރާ އަޅުކަންތައް މީސްތަކުންނަށް ދެއްކުމަށް އުޅުމުގެ ބަދަލުގައި، ﷲ އަށްޓަކައި ކޮންމެ ކަމެއްވެސް ކުރުމެވެ.

ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވާ ކަމުގައި ވެއެވެ: ’އެ މީހެއްގެ ޢަމަލު ފުރިހަމަވުމަށް އެދޭ މީހާ، އެ މީހާގެ ނިޔަތް ރަނގަޅު ކުރާހުށިކަމެވެ. ފަހެ އަޅާގެ ނިޔަތް ރަނގަޅުވެއްޖެ ނަމަ، ﷲ ތަޢާލާ އޭނާއަށް އަޖުރު ދެއްވާނެކަން ކަށަވަރެވެ. އެއީ އޭނާ (އަނގަޔަށް ލާ) ކާއެތިކޮޅަށް ދާންދެންވެސް މެއެވެ.“

އިހްލާސްތެރިކަމަކީ އަޅުކަންތައް ގަބޫލުވެގެން ދިޔުމުގެ ޝަރުތެކެވެ. ޢަމަލުތައް ބިނާވެފައިވަނީ އިހްލާސްތެރިކަމާއެވެ. ﷲ ތަޢާލާ، ނަބިއްޔާއަށް ވެސް އަންގަވާފައި ވަނީ، އަޅުކަންތަކުގައި އިހްލާސްތެރި ވުމަށެވެ. ޒުމަރު ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ވަހީ ކުރެއްވިއެވެ.

”އިބަ ނަބިއްޔާ ވިދާޅުވާށެވެ: ތިމަން ނަބިއްޔާއަށް އަމުރުވެވިގެން ވަނީ، ﷲ އަށް އިހްލާސްތެރިކަމާ އެކުގައި އަޅުކަން ކުރުމަށެވެ.“

ހައްޖުވެރިޔާއަށާއި އެ ނޫންވެސް މީހާއަށް، އެ މީހާ ކުރި ހެޔޮ ޢަމަލަކީ، ﷲ ތަޢާލާގެ ހަޒުރަތުގައި ގަބޫލުވެވިގެންވާ އަދި އެ ޢަމަލަށް އަޖުރު ލިބިނެވި ޢަމަލަކަށް ހެދުމަށްޓަކައި، އޭނާގެ ގަސްދާއި ނިޔަތް، ﷲ ތަޢާލާއަށް އިހްލާސްތެރި ކުރުން ވާޖިބުވެގެން ވެއެވެ. ﷲ ތަޢާލާ ވަހީ ކުރެއްވިއެވެ.

”ﷲ އަށް އަޅުކަން ހާލިސްކުރާ ޙާލު، އެ އިލާހަށް އަޅުކަން ކުރުމަށާއި، ނަމާދު ގާއިމު ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރު ކުރައްވާފައެއް ނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.“

”އެ މީހެއްގެ ވެރި ރައްބާ ބައްދަލުވުމަށް އެދޭ މީހާ، ފަހެ ސާލިހު ޢަމަލުން ޢަމަލު ކުރާށެވެ. އަދި އަޅުކަމުގައި ﷲ އާ އެކަކުވެސް ބައިވެރި ނުކުރާށެވެ.“

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ހަމަކަށަވަރުން ﷲ ގެ ވަޖުހުފުޅަށް އެދި، އިހްލާސްތެރިކަމާއެކު ކުރާ ޢަމަލެއް މުނުވީ ﷲ ގަބޫލެއް ނުކުރައްވާނެއެވެ.“

”ހަމަކަށަވަރުން، ﷲ ތިޔަބައިމީހުންގެ ސޫރައާއި މުދާތަކަށް ނުބައްލަވައެވެ. އެހެނެއްކަމަކު، އެ އިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށައި ޢަމަލުތަކަށެވެ.“

އިހްލާސްތެރިކަމުގެ އިދިކޮޅު ސިފައަކީ ދެއްކުންތެރިކަމެވެ. ދެއްކުންތެރިކަމަކީ ޢަމަލުތައް ބާތިލުކުރުވާ ކަމެކެވެ.

ދެއްކުންތެރިކަމާއެކު ޢަމަލު ކުރާ މީހުންގެ ކިބައިން ގިޔާމަތް ދުވަހު ﷲ ބަރީއަވެ ވޮޑިގަންނަވާނެއެވެ. އަދި އެފަދަ ޢަމަލުތަކަށް ހެޔޮ ޖަޒާ ނުދެއްވާނެއެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ދެއްކުންތެރިކަމާއެކު ނަމާދު ކުރާ މީހާ ޝިރުކު ކޮށްފިކަން ކަށަވަރެވެ. އަދި ދެއްކުންތެރިކަމާއެކު ރޯދަހިފާ މީހާ ވެސް ޝިރުކު ކޮށްފިކަން ކަށަވަރެވެ. އަދި ދެއްކުންތެރިކަމާއެކު ސަދަގާތްދޭ މީހާ ވެސް ޝިރުކު ކޮށްފިކަން ކަށަވަރެވެ.“

ނަބިއްޔާ ﷺ ދެއްކުންތެރިކަމަށް ބައެއް ފަހަރު ’ކުޑަ ޝިރުކު‘ ގެ ނަމުން ނަންދެއްވައެވެ. އަދި އަނެއްބައި ފަހަރު ’ވަންހަނާވެގެންވާ ޝިރުކު‘ ގެ ނަމުން ނަންދެއްވައެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިމަން ނަބިއްޔާ އެންމެ ބިރުފުޅުގަންނަ ކަމަކީ، ކުޑަ ޝިރުކެވެ.“ (މީސްތަކުން) ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ކުޑަ ޝިރުކަކީ ކޮބައިތޯއެވެ؟ ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ދެއްކުންތެރިކަމެވެ.“

”އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ވަންހަނާވެގެންވާ ޝިރުކުން ދުރުހެލިވާށެވެ.“ (މީސްތަކުން) ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ވަންހަނާވެގެންވާ ޝިރުކަކީ ކޮބައިތޯއެވެ؟ ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”މީހަކު ތެދުވެ ނަމާދު ކުރަމުންގޮސް، މީސްތަކުން އޭނާއަށް ބަލަމުން ދާތީ ވަރަށް ބޮޑަށް އޭނާ ނަމާދު ޒީނަތްތެރި ކުރެއެވެ. ފަހެ ވަންހަނާވެގެންވާ ޝިރުކަކީ އެއީއެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް އިހްލާސްތެރިވުމުގެ ހެޔޮ ތައުފީގު ދެއްވާށިއެވެ. އާމީން.


ދެވަނަ ޝަރުތު: ނަބިއްޔާ ﷺ އަށް ތަބާވުން.

އަޅުކަން ގަބޫލުވެގެން ދިޔުމުގެ ދެވަނަ ޝަރުތަކީ، ނަބިއްޔާ ﷺ އަށް ތަބާވުމެވެ. އެއީ އެ ނަބިއްޔާ ކުރެއްވި ގޮތަށް އަޅުގަނޑުމެންވެސް އަޅުކަން އަދާކުރުމެވެ. މީހަކު އަޅުކަމެއް ކުރާއިރު، ކިތަންމެ ބޮޑަށް ﷲ ތަޢާލާއަށް އިހްލާސްތެރިކަމާއެކު އަޅުކަން ކުރިނަމަވެސް، ނަބިއްޔާ ﷺ ކުރެއްވި ގޮތަށް ނުކުރާ ނަމަ، އެ ވަނީ އަނބުރާ ރައްދުކުރެވިގެންވާ ޢަމަލަކަށެވެ. އަދި ﷲ ތަޢާލާ އެ ކުރި އަޅުކަމެއް ގަބޫލެއް ނުކުރައްވާނެއެވެ.

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”މީހަކު، އަހަރުމެންގެ މި ދީނުގައި ނުވާ އާ ކަމެއް އުފައްދައި (ބިދުޢައެއް ގެނެސްގެންފި) ނަމަ، ފަހެ އެ ކަމެއް ވަނީ (ބާތިލުވެ) ރައްދު ކުރެވިގެންނެވެ.“

އަދި އިމާމު މުސްލިމުގެ ރިވާޔަތެއްގައި ވެއެވެ: ”މީހަކު، އަހަރުމެންގެ މި ދީނުގައި ނުވާ ޢަމަލެއް ކޮށްފި ނަމަ، ފަހެ އެ ޢަމަލެއް ވަނީ (ބާތިލުވެ) ރައްދު ކުރެވިގެންނެވެ.“

”ތިޔަބައިމީހުންގެ ތެރޭގައި ދެ އެއްޗެއް ތިމަން ނަބިއްޔާ ދޫކުރެއްވީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު، ދުވަހަކުވެސް ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެއެވެ. އެއީ ﷲ ގެ ފޮތާއި، އެ އިލާހުގެ ނަބިއްޔާ ﷺ ގެ ސުންނަތެވެ.“

”ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަން ނަބިއްޔާގެ ސުންނަތުގައި ހިފެހެއްޓުމެވެ. އަދި ތެދުމަގު ލިބިގެންވާ ޚަލީފާއިންގެ ސުންނަތުގައި ހިފެހެއްޓުމެވެ. ތިޔަބައިމީހުން އެ ސުންނަތުގައި ކޮލުދަތްތަކުން ވަރުގަދައަށް ދަތް އަޅާ ހިފަހައްޓާށެވެ. އަދި (ދީނުގައި) އަލަށް އުފެދިގެން އަންނަ ކަންކަމާ (ބިދުއަތަކާ) މެދު ސަމާލުވެ ރައްކާތެރިވާށެވެ. އެހެނީ ހަމަކަށަވަރުން، ކޮންމެ ބިދުއައަކީ މަގުފުރެދުމެކެވެ.“

”ތިމަން ނަބިއްޔާގެ ސުންނަތުން މޫނު އަނބުރާލައިފި މީހަކީ، ތިމަން ނަބިއްޔާގެ (ހިދާޔަތުގައިވާ މީހެއް) ނޫނެކެވެ.“

”އިބަ ނަބިއްޔާ ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައި ވާނަމަ، ފަހެ ތިޔަބައިމީހުން ތިމަން ނަބިއްޔާއާ ތަބާވާށެވެ. އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާދެއްވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.“

”ތިމަން ނަބިއްޔާ ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް، ތިޔަބައިމީހުން ވެސް ނަމާދު ކުރާށެވެ.“

”ތިމަން ނަބިއްޔާގެ ކިބައިން ތިޔަބައިމީހުންގެ އަޅުކަންތަކުގެ ކަންތައް ލިބިގަންނާށެވެ.“


ޚަނދަގު ހަނގުރާމަ

މި ހަނގުރާމަ ހިނގީ ހިޖުރައިން 5 ވަނަ އަހަރުގެ ޝައްވާލު މަހުގައެވެ.

މި ހަނގުރާމައަށް މުޝްރިކުންގެ 10000 މީހުން އައެވެ.

މި ހަނގުރާމައަށް ޚަންދަގު ހަނގުރާމައޭ ކިޔުނީ، މަދީނާއަށް ވަދެވެން އޮންނަ މަގުގައި ބޮޑު ވަޅުގަނޑެއް ކޮނުނީތީވެއެވެ. އަދި މި ހަނގުރާމައަށް އަޙްޒާބު ހަނގުރާމައޭ ވެސް ކިޔައެވެ.

ޚަންދަގު ކޮނުމުގެ ހިޔާލު ދެއްވީ ސަލްމާން އަލްފާރިސީއެވެ.

ޚަންދަގު ކޮނުމުގައި ޢަމަލީ ގޮތުން ނަބިއްޔާ ﷺ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚަނދަގުގެ އެއްވެސް ނިޝަނެއް މިހާރަކު ފެންނާކަށް ނެތެވެ. އަދި މި ސަރަހައްދުގައި ހުރި ސަބްޢު މަސާޖިދަކީ އެއްވެސް ހާއްސަކަމެއް ލިބިގެންވާ މިސްކިތެއް ނޫނެވެ.


ގިބްލަތައިން މިސްކިތް

މިއީ ބަނޫ ސަލަމާ ގަބީލާގެ މިސްކިތެއް. މި ތަނަށް ގިބްލަތައިން މިސްކިތުގެ ނަމުން ނަންދެވިފައި ވަނީ، މި މިސްކިތުގައި ނަމާދު ކުރަނިކޮށް ގިބްލު ބަދަލު ކުރެވުނު ކަމަށް ބުނެވޭތީއެވެ.

ނަމަވެސް އެއީ ޟައީފު ރިވާޔަތެކެވެ.

ނަމާދު ކުރަނިކޮށް ގިބްލަ ބަދަލުވިކަމަށް ސައްހަ ރިވާޔަތެއް އައިސްފައި ވަނީ، ގުބާ މިސްކިތާ ގުޅިގެންނެވެ.

ގިބްލަތައިން މިސްކިތަށް އެއްވެސް ހާއްސަކަމެއް ލިބިގެނެއް ނުވެއެވެ. އަދި މި މިސްކިތަކީ މާތްކަމުގެ ގޮތުން އެހެން މިސްކިތްތަކާ ތަފާތުވެގެންވާ މިސްކިތެއްވެސް ނުނެކެވެ.


އުހުދު ފަރުބަދަ

ނަބިއްޔާ ﷺ ވަރަށް ގިނަ ކަންކަމުގައި އުހުދު ފަރުބަދައިގެ މިސާލު ޖައްސަވާފައިވެއެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިޔަބައިމީހުން ތިމަން ނަބިއްޔާގެ ސަހާބީންނަށް ބަދުބަސް ނުބުނާށެވެ. އެހެނީ، އެ އިލާހުގެ އަތްޕުޅުގައި ތިމަން ނަބިއްޔާގެ ފުރާނަފުލުވާ އިލާހު ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު، އުހުދު ފަރުބަދައާއި އެއްވަރަށް ރަން ހޭދަކުރި ކަމުގައި ވީނަމަވެސް، އެއިން (ސަހާބީ) ބޭކަލެއްގެ އަތް ގޮށްޓެއްގެ މިންވަރަށް ހޭދަކުރުމާ ވެސް އެއްވަރެއް ނުވާނެއެވެ. އަދި ކިއެއްތަ، އަތްގޮށްޓެއްގެ ދެބައިކުޅަ އެއްބައި މިންވަރު ހޭދަ ކުރުމާވެސް އެއްވަރެއް ވެގެން ނުވެއެވެ.“

މި ކަމުން ސަހާބީންގެ މާތްކަމާއި މަތިވެރިކަން ހާމަވެއެވެ. އަޅުގަނޑުމެން ގުރްއާނާއި ސުންނަތް ފަހުމް ކުރަންވާނީ ސަހާބީންނަށް ފަހުމްވެ ވަޑައިގެންނެވި ގޮތަށެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”އީމާންވެ ސަވާބަށް އެދޭ ޙާލު، މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށް، އަދި ވަޅުލުމުގައި ބައިވެރިވެއްޖެ ކަމުގައި ވާނަމަ، ދެ ގީރާޠުގެ ސަވާބު ލިބޭނެއެވެ. ކޮންމެ ގީރާޠަކީ ވެސް އުހުދު ފަރުބަދައާއި އެއްވަރުގެ އަޖުރެކެވެ. އަދި ކަށުނަމާދު ކުރުމަށް ފަހު، ވަޅުލުމުގެ ކުރިންދާ މީހާއަށް އެއް ގީރާޠުގެ ސަވާބު ލިބޭނެއެވެ.“

އެހެންކަމުން މައްޔިތާ ހިނެވުމާއި ހިސާބުން ފެށިގެން ވަޅުލުމާ ހަމައަށް ޖަނާޒާގައި ބައިވެރިވުމަކީ، އެތައް ގިނަގުނަ ސަވާބު ލިބޭ އަޅުކަމެކެވެ.


އިލްމުވެރިންގެ މަތިވެރިކަން

”ﷲ އަށް (ބިރުވެތިވުން ހައްގު ގޮތުގައި) ބިރުވެތިވަނީ ހަމަކަށަވަރުން އެ އިލާހުގެ އަޅުތަކުންގެ ތެރެއިން އިލްމުވެރިންނެވެ.“

”ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި އިލްމު ލިބިގެންވާ މީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވައެވެ.“

”އިބަ ނަބިއްޔާ ވިދާޅުވާށެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަ ވާނެހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަށް ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ.“

”އަދި ކިއެއްތަ! އެއީ އިލްމު ލިބިގެންވާ މީހުންގެ ހިތްތަކުގައި ބަޔާންވެގެންވާ އާޔަތްތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަން އިލާހުގެ އާޔަތްތަކާ ދެކޮޅެއް ނަހަދާނެއެވެ.“

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”އިލްމު އުނގެނުމުގެ މަގުގައި ނިކުމެއްޖެ މީހަކަށް، ސުވަރުގެ ދިޔުމަށް މަގެއް ﷲ ތަނަވަސް ކޮށްދެއްވާނެއެވެ. އަދި ހަމަކަށަވަރުން، އިލްމު އުނގެނޭ މީހާގެ ޢަމަލާމެދު މަލާއިކަތުން ރުހި، އެ މީހެއްގެ މައްޗަށް މަލާއިކަތް ބޭކަލުންގެ ފިޔަތަކުން ހިޔާ އަޅުއްވާނެއެވެ. އަދި ހަމަކަށަވަރުން އިލްމުވެރިޔާއަށް ޓަކައި އުޑުތަކާއި ބިމުގައި ވާހާ މަހްލޫގުން އިސްތިޣްފާރު ކުރާނެއެވެ. ފެނުގައި އުޅޭ މަސްތަކަށް ދާންދެންވެސް މެއެވެ. އަދި އަޅުވެރިޔާގެ މައްޗަށް އިލްމުވެރިޔާގެ މަތިވެރިކަން ވާކަން ކަށަވަރީ، އެހެން ހުރިހާ ތަރިތަކެއްގެ މައްޗަށް ހަނދުގެ މަތިވެރިކަން އިތުރުވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން އިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބިއްޔުން ތަރިކައިގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެހެނެއްކަމަކު ދޫކުރައްވަނީ އިލްމެވެ. ފަހެ އެ އިލްމު ލިބިގެންފި މީހާ ބޮޑުވެގެންވާ ނަސީބެއް ހޯދައިގެންފިކަން ކަށަވަރެވެ.“

އިލްމުވެރިންނަކީ މިހާ މަތިވެރި ބަޔަކަށްވާ އިރު، ދީނުގެ ކަންކަން އަޅުގަނޑުމެން އޮޅުންފިލުވަން އަހަންޖެހެނި ހަމަ އިލްމުވެރިން ކައިރީގައެވެ.

”ފަހެ ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، އިލްމުގެ އަހުލުވެރިނަންނާ ސުވާލު ކުރާށެވެ.“





— އަނބުރާ މައި ސަފުހާއަށް