ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

އަސްލު ފޮތުގެ ޕީޑީއެފް

އަސްލު އެޕްގެ ލިންކު

(ވަގުތުން ގަވާއިދަށް ދިޔުމަށް ފިތާލައްވާ)




ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ މެސެޖު (އެޕްގައި އިން ގޮތަށް)

އަޝްރަފް ޢަލީ

ދިވެހިބަހުގެ އެކެޑަމީގެ ރައީސް

ﷲއަށް ޙަމްދުކުރަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލަވާތާއި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާކުރަމެވެ. މި ދުޢާއަގައި އިތުރު އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުން ޝާމިލްކުރަމެވެ.

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދުގެ ޚާއްޞަ އެޕެއް ވުޖޫދުވީއެވެ. މިއީ ތާނަ ލިޔުމުގެ ހަމަތަކާއި އުސޫލުތަކަށް އެންމެހައި ދިވެހީން ޚާއްޞަކޮށް ދިވެހި ޒުވާނުންނާއި ދިވެހި ލިޔުންތެރީންނާއި ދިވެހި ދަރިވަރުން އަހުލުވެރިކުރުވުމުގެ ބޭނުމުގައި އުފައްދައި ވުޖޫދުކުޅަ އެޕެކެވެ.

މި އެޕު ފަރުމާކުރައްވައި އުފައްދައި ތައްޔާރުކުރެއްވި ކަމަށް ޓަކައި މި އެކެޑަމީގެ ކޮންޕިޔުޓަރ ޓެކުނީޝަން އަލް އަޚް އަނަސް މުޙައްމަދަށް ނުހަނު ލޯތްބާއި އިޙުތިރާމާއެކު ޝުކުރު ދަންނަވަމުން ތަހުނިޔާއާއި މުބާރިކު ބާދީ ދަންނަވަމެވެ. މި ޝުކުރާއި ތަހާނީގައި މީޑިޔާ އޮފިސަރ އަލްއަޚް ޙުސައިން ހިޒާމްގެ ނަންފުޅު ފާހަގަކޮށް އޭނާއަށް ވެސް ޝުކުރު ދަންނަވަނެވެ. މި މަސައްކަތް ކާމިޔާބު ވުމުގައި މި ދެބޭފުޅުން ކުރެއްވި އަގުބޮޑު ބުރަ މަސައްކަތްޕުޅުގެ އަގު އަޅުގަނޑު ވަޒަންކުރަމެވެ. މީގެ އިތުރަށް މި އެޕަށް ބޭނުން ވާ އެކި ދާއިރާތަކުގެ މައުލޫމާތު ފޯރުވައިދެއްވައި ވެދެއްވި އެހީތެރިކަމަށް ޓަކައި އެކެޑަމީގެ މުސްތަޝާރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލާ ނަސީމާ މުޙައްމަދަށާއި ޑެޕިޔުޓީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ވަޙީދު ނަދުވީއަށް ވެސް ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މިކަން ކުރިޔަށް ގެންދިޔުމުގައި އެހީތެރިކަން ދެއްވި އެންމެހައި ބޭފުޅުންނަށް ނުހަނު އުފަލާއެކު ޝުކުރު ދަންނަވަމެވެ.

4 މޭ 2017




މި ގަވާއިދާ މެދު... (ފޮތުގައި އިން ގޮތަށް)

ދިވެހިބަހުގެ އެކެޑަމީ

މމާލެ،

ދިވެހިރާއްޖެ.

ލަފުޒު ވަކިކޮށް ލިޔުމުގެ ރަސްމީ ގަވާއިދެއް ވުޖޫދުވީއެވެ. މި ކަމަށް ޓަކައި އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. ލަފުޒު ވަކިކުރުމުގެ މައްޗަށް އުޞޫލެއް އެންމެ ފުރަތަމަ ހެއްދެވީ 1 އެޕްރީލް 1986 ވަނަ އަހަރު، ދިވެހިބަހާއި ތާރީޚާށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނެވެ. އެއީ "ބަސްބަސް ވަކިކޮށް ލިޔުން" މި ނަމުގައި އެ މަރުކަޒުގެ ބަސް ކޮމިޓީން ނިންމެވި ނިންމެވުމެކެވެ. އެ އުޞޫލު ވަނީ ޢާއްމުކޮށް އިޢުލާންކުރައްވައިފައެވެ. އޭގެ ފަހުން 24 އޮގަސްޓް 2005 ވަނަ އަހަރުގައި އެ އުޞޫލު އިޞްލާޙުކުރެއްވުމުގެ މަސައްކަތްތަކެއްވެސް ވަނީ އެ މަރުކަޒުން ކުރައްވައިފައެވެ.

ލަފްޒު ވަކިކޮށް ލިޔުމުގެ މި ގަވާއިދަކީ، މީގެ ކުރީން ޤައުމީ މަރުކަޒުން ހެއްދެވި އުޞޫލުގައި އެކި ފަހަރު މަތިން ކަނޑައަޅުއްވައިފައި ހުރި ކަންކަން އިތުރަށް ދިރާސާކުރުމަށް ފަހު ލަފުޒު ވަކިކޮށް ލިޔުމުގެ އައ ގަވާއިދެއް އެކަށައެޅުމަށް މި އެކެޑަމީން އެކުލަވައިލި ޚާއްޞަ ކޮމިޓީއަކުން ނިންމި ހަމަތަކުގެ މައްޗަށް މި އެކެޑަމީގެ ބަސް ކޮމިޓީން ދެއްވި ލަފާގެ މަތިން ފާސްކޮށް ނިންމި ގަވާއިދެވެ. އެހެންކަމުން، މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ ވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި ދެންނެވުމަކީ މި ގަވާއިދުގައި ހިމެނޭ ހަމަތަކާ އެއް ގޮތަށް ދިވެހިބަހުން ލިޔުމަށް ހުރިހައި ފަރާތަކުން ސަމާލުކަންދެއްވުމެވެ..

29 ޝަޢުބާން 1434

08 ޖުލައި 2013

އަޝްރަފް ޢަލީ     

ދިވެހިބަހުގެ އެކެޑަމީގެ ރައީސް




ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ތަޢާރަފު

ދިވެހިބަހުން ލިޔުމުގައި ލަފުޒުތައް ވަކިކޮށް ލިޔުމަކީ ޖުމުލައިގެ މާނަ ދޭހަވާން ފަސޭހަކޮށްދޭ ކަމެކެވެ. އަދި މިއީ ލިޔެފައި ހުންނަ ލިޔުން ކިޔާން ފަސޭހަވާ ކަމެއް ވެސް މެއެވެ. ތިރީގައި މި ވަނީ ލަފުޒުތައް ވަކިކޮށް ލިޔުމާ ބެހޭ ގޮތުން ދިވެހި ބަހުގެ އެކެޑަމީން ކަނޑައަޅައިފައިވާ ގަވާއިދެވެ.


(1) ދިވެހިބަސް ބެހިފައިވާ މައިގަނޑު ބައިތަކުގެ ތެރެއިން އަކުރު ފިޔަވައި އެހެން ބައިތައް ކޮންމެ ހާލަތެއްގައި ވެސް ވަކީން ލިޔުން.

މިސާލު: ރީތި ލިޔުމަކީ ލޮލުގެ މިއުޒިކެވެ.


(2) އަކުރުތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި ލަފުޒުތަކާ މެހޭ އަކުރެއް ނަމަ ލިޔާނީ އެ އަކުރެއް މެހޭ ލަފުޒަކާ ވަކި ނުކޮށެވެ.

- ދިވެހިބަހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ އަކުރުތަކުގެ ތެރެއިން ވަކީން ލިޔާނީ އެއްވެސް ޙާލަތެއްގައި ލަފުޒަކާ ނުމެހޭ އަކުރުތަކެވެ. ލަފުޒަކާ މެހުމޭ ބުނެވެނީ ލަފުޒަކާ އަކުރެއް ގުޅޭއިރު، ކުރީ އަކުރުގެ ފަހަތަށް ބަދަލު އައުމާއެކު ދެ ލަފުޒު އެއް ލަފުޒަކަށް ބަދަލުވެގެން ދިއުމަށެވެ.

މިސާލު:

އޭނާ ވެސް ("ވެސް" މިއީ މެހޭ އަކުރެއް ނޫން)

އޭނާއަށް ޓަކައި ("އަށް" މިއީ މެހޭ އަކުރެކެވެ.)

އޭނައާ އެކު ("އާ" މިއީ މެހޭ އަކުރެއް)


(3) ގިނަކުރުމުގެ އަކުރުކަމުގައިވާ "ތައް" ، "މެން" ، "ފަހަރު" ، "އިން" ، " ން" މި އަކުރުތައް ގިނަކުރާ ލަފުޒާ ގުޅުވައިގެން ލިޔުން.

މިސާލު:

ފޮތްތައް - ގަލަންތައް - މޭޒުތައް

އަހަރެމެން - މަންމަމެން - ބައްޕަމެން

ދޯނިފަހަރު - ބޯޓުފަހަރު - އޮޑިފަހަރު

މައިން - ވެރީން - ސިފައިން

މުދިމުން - މުދައްރިސުން - ކާތިބުން


(4) ލަފުޒެއް ތަކުރާރުކޮށް ލިޔާ އިރު އެ ދެ ލަފުޒު ގުޅުވައިގެން ލިޔުން.

ހ- ގިނަކުރުމުގެ ގޮތުން ކުރާ ތަކުރާރު

މިސާލު:

ގަސްގަސް

ރުއްރުއް

އަޑުއަޑު


ށ. ލަފުޒު ތަކުރާރުވެފައި ހުންނަ ނަންއިތުރު

މިސާލު:

ރީތިރީތި

ލޯބިލޯބި

ދިގުދިގު


ނ. ލަފުޒު ތަކުރާރުވެފައި ހުންނަ ކަންއިތުރު

މިސާލު:

ބާރުބާރަށް

އަވަސްއަވަހަށް

ލަސްލަހުން


ރ. ފަހަތަށް "މުން" މި އަކުރުގެ އަންނަ ކަންއިތުރުގެ ތަކުރާރު

މިސާލު:

ދުވަމުންދުވަމުން

ނަށަމުންނަށަމުން


ބ. ނިމިނިމުނުކަމުގެ ތަކުރާރު

މިސާލު:

އިވިއިވި

ކައިކައި

ބުނެބުނެ

ރޮއިރޮއި


(5) ނަމެއް އެކަހެރި ކުރުމަށް ނަމުގެ ފަހަތަށް އިތުރުކުރާ "އެއް" މި އަކުރު ނަމާ ވަކި ނުކޮށް ލިޔުން.

މިސާލު:

ގޮނޑި - ގޮނޑިއެއް

މޭޒު - މޭޒެއް

ފޮތް - ފޮތެއް


(6) އިޝާރާތުގެ ނަން ކަމުގައިވާ "އެ" ، "މި" ، "ތިޔަ" ފަދަ ނަން ވަކީން ލިޔުން.

މިސާލު:

އެ މީހާ

ތި ފޮތް

މި ފިހާރަ


(7) "ހަމަބަސް" ލިޔާ އިރު ދެ ލަފުޒު އެކުގައި ލިޔުން.

މިސާލު:

ގޮތެއްފޮތެއް

ތަނެއްދޮރެއް

އާޑެއްފާޑެއް

ލަކުޑިފަކުޑި


(8) "އިދިބަސް" ލިޔާ އިރު ދެ ލަފުޒު އެކުގައި ލިޔުން.

މިސާލު:

- ވާނުވާ، އުޅޭނޫޅޭ، ހިނގާނުހިނގާ، ހެދޭނެހެދޭ


(9) މީހަކަށް ނުވަތަ އެއްޗަކަށް ނިސްބަތްކުރުމުގެ އަކުރު ކަމުގައިވާ "ގެ" އެ ނިސްބަތްކުރާ ފަރާތާ ގުޅުވައިގެން ލިޔުން.

މިސާލު:

ފޮތުގެ ގަނޑެއް

ހިތުގެ ވިންދު

ދޫނީގެ ފިޔަގަނޑު

ކަނޑުގެ ލޮނުގަނޑު


(10) ޖުމުލަ ފުރިހަމަކޮށްދޭ އަކުރު ކަމުގައިވާ "އެވެ" މި އަކުރުގެ ކުރިއަށް އަންނަ ލަފުޒާ ގުޅުވައިގެން ލިޔުން.

މިސާލު:

އަންނާނެއެވެ.

ހުންނާނެއެވެ.

ރުކެކެވެ.

ދޮށްޓެވެ.


(11) "އަށް" ފަދަ ކުރީގައި އޮންނަ ލަފުޒާ މެހޭ އަކުރުތައް އެ ލަފުޒަކާ ގުޅުވައިގެން ލިޔުން.

މިސާލު:

ބަދިގެއަށް، ގެއަށް، ކޮޓަރިއަށް

ބޭރަށް، ދޯންޏަށް، އިތުރަށް


(12) ކަންއިތުރު ހެދުމަށްޓަކައި އިތުރުކުރެވޭ "މުން" ގެން" "ފައި" މި އަކުރުތައް ކަމާ ގުޅުވައިގެން ލިޔުން.

މިސާލު:

ބަލަމުން، ދުވަމުން

ނަގައިގެން، ގޮވައިގެން

ހިނގައިފައި، ދުވެފައި


(13) "އިން" ، "އަކީ" ، "އަކު" ފަދަ، އަކުރުތައް އޭގެ ކުރީގައި އޮންނަ ލަފުޒާ ގުޅުވައިގެން ލިޔުން.

މިސާލު:

ގެއިން، ރަށުން، ދުރުން

އޭނާއަކީ، އެ ގެއަކީ ބުޅަލަކީ

މީހަކު، ފަހަރަކު، އަދަކު މާދަމާއަކު


(14) ނަފީގެ އަކުރުތައް ނަފީ ކުރެވޭ ލަފުޒާ ވަކި ނުކޮށް ލިޔުން.

މިސާލު:

ރަނގަޅު - ނުރަނގަޅު، ބާއްޖަ – އަބާއްޖަ،

ނަސީބު – ބަދުނަސީބު، މުސްލިމުން - ޣައިރުމުސްލިމުން

ކާމިޔާބު – ނާކާމިޔާބު، އިންސާނީ – ލާއިންސާނީ،

އިންސާފު – ބޭއިންސާފު

ކެއުން – ނުކެއުން،

ދުވުން – ނުދުވުން،

ކުޅުން – ނުކުޅުން،

ހަދާނެ - ނަހަދާނެ


(15) ސުވާލުގެ އަކުރުތައް ކަމުގައިވާ "ތަ"، "ތޯ"، "ހޭ"، މި އަކުރުތައް އޭގެ ކުރިއަށް އަންނަ ލަފުޒާ ގުޅުވައިގެން ލިޔުން

މިސާލު:

ކިހިނެއްތަ؟

ކިހިނެއްތޯ

ކާކުހޭ؟

އަންނާނަންހޭ؟


(16) އާނ ބަސް ބުނުވުމުގެ ގޮތުންނާއި ބަސް ގަދަކުރުމުގެ ގޮތުން ބޭނުން ކުރާ "ދޯ"، "އުތަ"، "ތާ"، ފަދަ އަކުރުތައް އޭގެ ކުރިއަށް އަންނަ ލަފުޒާ ވަކީން ލިޔުން.

މިސާލު:

އަންނާނަން ދޯ؟

އެހެން ބުނިން އުތަ؟

މަ ބުނިން ތާ!


(17) ހ. އަދަދު ލިޔާ އިރު އަދަދު ކުރެވޭ ނަމާ ވަކީން އަދަދު ލިޔުން.

މިސާލު:

ދެ ކުދިން، ތިން ކުދިން، ފަސް މީހުން.


ށ. ހިސާބު އަދަދު ލިޔާ އިރު ލިޔާނީ ކޮންމެ އަދަދެއް ވަކީންނެވެ.

މިސާލު:

ފަސް ސަތޭކަ

ހަތަރު ހާސް

އެއް ލައްކަ ފަންސާސް ހަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ.


ނ. ވަނަ ބަޔާންކުރާ އަދަދު ލިޔާއިރު އަދަދުގެ ވަނައާ ގުޅުވައިގެން ލިޔުން

މިސާލު:

އެއްވަނަ، ފަސްވަނަ، ދިހަވަނަ، ބާރަވަނަ، ސަތޭކަވަނަ


(18) އެންމެ މާތް ދަރަޖައިގެ ގޮތަށް ނަން ބޭނުންކުރާ އިރު ބޭނުން ކުރާ "ފުޅު"، "ކޮޅު" "ފޮދު"، އެ ނަމާ ގުޅުވައިގެން ލިޔުން.

މިސާލު:

ވިސްނުންފުޅު، ލޯފުޅު، ގަމީސްކޮޅު، ސައިފޮދު


(19) މިންވަރެއް ދޭހަކުރުމަށް ބޭނުންކުރާ "ކޮޅު"، "ފޮދު" "ގަނޑު" އޭގެ ކުރިއަށް އަންނަ ނަމާ ގުޅުވައިގެން ލިޔުން.

މިސާލު:

ފެންފޮދު، ބަތްކޮޅު، ހިލަގަނޑު.


22 ޖުލައި 2013





— އަނބުރާ މައި ސަފުހާއަށް