بِسمِ اللهِ الرَّحمَنِ الرَّحِيمِ

hadith mv

ޙަދީޘްއެމްވީ - ނަވަވީގެ ސާޅީސް ޙަދީޘްގެ ތައާރަފު




އިސްލާމިކް މިނިސްޓްރީއިން ”ނަވަވީގެ ސާޅީސް ޙަދީޘް“ ފޮތުގެ ތަރުޖަމާ ފާސްކުރިކަމުގެ ކާޑުގައިވާ ރެފް ނަމްބަރު:

(FRM) 142-C1/INDIV/2019/61




ސްޓޭޓް މިނިސްޓަރގެ ބަސްފުޅެއް

بِسمِ اللهِ الرَّحمَنِ الرَّحِيمِ

الحمد لله وحده والصلاة والسلام على رسوله وآله وصحبه… وبعد:

ޢިލްމަކީ އިންސާނީ ޙަޟާރަތުގެ ކުރިބޯށްޓެވެ. ހުރިހާ މާނައެއްގައި ވެސް ތަނެއް ތަހުޒީބުވެ ކުރިއަރައި ދިއުމުގެ ސިއްރެވެ. ޢިލްމަކީ އަޅާ އޭނާގެ ވެރިރައްބު މަޢުރިފާކޮށް ދެނެގަތުމުގެ ވަސީލަތެވެ. ދީނާއި ދުނިޔަވީ ކަންކަން ދެނެގަތުމުގެ ތަޅުދަނޑިއެވެ. އީމާންކަމުގެ ނާރެހެވެ. އިންސާނާ މަތީ ދަރަޖަތަކާ ހަމައަށް ވާޞިލްވުމުގެ މަގުވެސް މެއެވެ. ފަހެ ޢިލްމަކީ އޭގެ އައްސޭރިއެއް ނުވާ، މާސިންގާ ފުން ކަނޑެކެވެ. އެ ކަނޑުން ފެންތިއްކެއްގެ މިންވަރު ޙާޞިލްވުމަކީ ވެސް އިންސާނާއަށް ލިބޭނޭ ވަރަށް ބޮޑު ހެވެކެވެ. ވަކިން ޚާއްޞަކޮށް ދީނީ ޢިލްމެވެ. އެހެންވެ އަޅާއަށް ﷲ ހެޔޮއެދިވޮޑިގެންފިނަމަ، އޭނާއަށް ދީނުގެ ޢިލްމު ދެއްވައެވެ. ޢިލްމަކީ އިންސާނާގެ ޙަޔާތަށް މިހާ މުހިއްމު އެއްޗަކަށް ވީހިނދު، އެ ޢިލްމު ފެތުރުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. ދީނުގެ ޢިލްމު ލިބިގެންތިބެ އެ ޢިލްމު ފެތުރުމަކީ މާތް ނަބިއްޔާ ﷺ އާއި އެކަލޭގެފާނަށް ތަބާވާ މީހުންގެ މަގެވެ. ކީރިތިވަންތަ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (قُلْ هَذِهِ سَبِيلِي أَدْعُو إِلَى اللَّه عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي) [سُورَة يُوسُف 108] މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވި މީހުން، ﷲ ގެ މަގަށް ގޮވައިލައްވަނީ، ޢިލްމާ (އަލިވެގެންވާ ހެއްކާއި ދަލީލާ ) އެކުގައެވެ.“

ދީނުގެ ޢިލްމު ފެތުރުމަށްޓަކައި މި އުއްމަތުގެ ޢިލްމުވެރިން ވަރަށް އަގުހުރި މަސައްކަތްތައް ކުރައްވާފައިވެއެވެ. އޭގެތެރޭގައި ފޮތްތައް ލިޔެ ތަޞްނީފްކުރުމާއި، ތަރުޖަމާކުރުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުން އަންނަ މުހިއްމު މަސައްކަތެކެވެ. އެގޮތުން އަޅުގަނޑުމެންގެ ކުރިމަތީގައި މިވާ ”ނަވަވީގެ ސާޅީސް ޙަދީޘް“ މި ފޮތަކީ އިމާމް އަބޫ ޒަކަރިއްޔާ މުޙްޔިއްދީން އައްނަވަވީ ލިޔުއްވާފައިވާ ”الأربعون النووية“ ގެ ވަރަށް ފުރިހަމަ ދިވެހި ތަރުޖަމާއެކެވެ. މި ފޮތަކީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަ ނަމަވެސް ފައިދާގެ ގޮތުން ވަރަށް ބޮޑު ފޮތެކެވެ. އުއްމަތުގައި މަޝްހޫރުވި، އަދި މީސްތަކުން ބަލައިގަތް ފޮތެކެވެ. އަލިގަދަ ވޮށެކެވެ. ވަރަށް ޚާއްޞަ އިމްތިޔާޒީ ސިފަތަކެއް ލިބިގެންވާ ފޮތެކެވެ. އެގޮތުން މި ފޮތުގައި މުއައްލިފު ލިޔުއްވާފައި ވަނީ އެ ޙަދީޘްތަކެއްގެ މައްޗަށް ޝަރީޢަތުގެ މައިގަނޑު ޙުކުމްތައް ބިނާވެގެންވާ ސާޅީސް ޙަދީޘެވެ. ދުޢާއަކީ މިފޮތުގެ ސަބަބުން ދިވެހިންގެ ޢިލްމީ ޚަޒާނާ މުއްސަނދިވެ، އޭގައިވާ މޫރިތި ޙަދީޘްތަކަށް އަމަލުކުރުމުގެ ހެޔޮތައުފީޤް ﷲ މިންވަރުކުރެއްވުމެވެ.

27 ޛުލްޙިއްޖާ 1441

17 އޮގަސްޓު 2020

كتبه / أخوكم

އިލްޔާސް ޖަމާލް

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް




މުތަރުޖިމުގެ ބަސް

بِسمِ اللهِ الرَّحمَنِ الرَّحِيمِ

إِنَّ الْحَمْدَ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ، وَمَنْ يُضْلِلْ فَلَا هَادِىَ لَهُ، وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. أَمَّا بَعْدُ، فَإِنَّ خَيرَ الحَدِيثِ كِتَابُ اللَّهِ، وَخَيرَ الهَديِ هَديُ مُحَمَّدٍ صَلَّى اللَّهُ عَلَيهِ وَسَلَّمَ، وَشَرَّ الأُمُورِ مُحدَثَاتُهَا، وَكُلَّ بِدعَةٍ ضَلَالَةٌ، وَكُلَّ ضَلَالَةٍ فِي النَّارِ.

ﷲ، އައްރަޙްމާން، އައްރަޙީމުގެ އިސްމުފުޅުން ފަށައިގަންނަމެވެ. އެންމެހައި ހަމްދު ތައުރީފާއި ސަނާއެއް ހައްގުވަނީ އާލަމްތަކުގެ ރައްބު، ﷲ އަށެވެ. އަދި ﷲގެ ރަސޫލާއާއި، އެ ރަސޫލާގެ އާލުންނާއި އަސްހާބުންނަށް ސަލަވާތާއި ސަލާމް ލައްވާށިއެވެ. ޔާ ﷲ! އިބަ އިލާހު ފަސޭހަ ކޮށްދެއްވައިފި ކަމެއް މެނުވީ ފަސޭހަވެގެނެއް ނުވެއެވެ. އަދި އިބަ އިލާހު އިރާދަ ކުރައްވައިފި ނަމަ، އިބަ އިލާހު ދަތިކަން ފަސޭހަކަމަށް ހައްދަވަމުއެވެ. އިބަ އިލާހު (އެންމެހައި އުނި ސިފަތަކުން) ހުސްތާހިރުވެގެން ވެއެވެ. އިބަ އިލާހު އަޅަމެންނަށް އުނގަންނަވައި ދެއްވި އިލްމެއް މެނުވީ، އަޅަމެންނަށް އެއްވެސް އެއްޗެއް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން އިބަ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.


ޙަދީޘަކީ ކޮބާ؟

އެއީ ﷲ ފޮނުއްވި އެންމެ ފަހުގެ ނަބިއްޔާ، މުޙައްމަދު ﷺ ގެ އަރިހުން ރިވާވެފައިވާ ބަސްފުޅުތަކާއި، އަމަލުފުޅުތަކާއި، އެ ނަބިއްޔާ އިގުރާރުވެ ވަޑައިގެންނެވި ކަންތައްތަކާއި، އެ ނަބިއްޔާގެ ޒާތީ އަދި އަޚްލާގީ ސިފަފުޅުތަކެވެ. ޙަދީޘަށް ސުންނަތޭ ވެސް ކިޔައެވެ. އެއީ ގުރްއާނަށް ފަހު، އިސްލާމް ދީނުގެ އެންމެހައި ޝަރުއީ ހުކުމްތަކާއި އަދަބު އަޚްލާގުގެ މިންގަނޑުތައް ނެގޭ ދެވަނަ މަސްދަރެވެ. ޙަދީޘަކީ ހުއްޖަތެއްކަން ގުރްއާނާއި ސުންނަތާއި އިޖްމާއުން ސާބިތުވެގެން ވެއެވެ. ކުރަންވީ އަދި ނުކުރަންވީ އެންމެހައި ކަންތައްތައް އެނގެން އޮތީ ހަމައެކަނި ﷲގެ ރަސޫލާ ﷺ މެދުވެރިކޮށެވެ. ރަސޫލާއަށް ތަބާވުމަކީ ދިންނެވުމާއި، އެންމެހައި ހެވަކާއި ލާބައާއި މަންފާ ލިބޭނެ ހަމައެކަނި މަގެވެ. އަދި އެ ނޫން އެއްވެސް އެހެން މަގެއް ޚިޔާރު ކުރުމަކީ ދުނިޔެއާއި އާޚިރަތުގައި ހަލާކާއި އަބާއްޖަވެރިކަމަށް ވެއްޓިގެން ދިޔުމެވެ.

ﷲ ވަނީ، އެ އިލާހުގެ ރަސޫލާ ﷺ އަށް ތަބާވުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައެވެ. އަދި ހަޔާތުގެ ހުރިހާ ކަމެއްގައި ވެސް، އަޅުގަނޑުމެން އަމަލު ކުރަންޖެހޭނީ އެ ރަސޫލާ އެންގެވި ގޮތަކަށެވެ. ރަސޫލާ ﷺ އެއްވެސް ކަމެއް ދީނުގައި އަމިއްލަފުޅަށް އުފައްދަވާފައެއް ނުވެއެވެ. އެ ރަސޫލާ ހަރާމް ކުރެއްވި ކޮންމެ ކަމަކީ ހަމަ ﷲ ހަރާމް ކުރެއްވި ކަމެކެވެ. އަދި ރަސޫލާއަށް ކިޔަމަންވުމަކީ ހަމަ ﷲ އަށް ކިޔަމަންވުމެވެ.

ﷲގެ ރަސޫލާއަށް ތަބާވުމަކީ އީމާންކަމުގެ ތެރެއިން ހިމެނޭ، އެ އިލާހު ކަނޑައެޅުއްވި ވާޖިބެކެވެ. އެއްވެސް ކަމެއްގައި ދެބަސްވުމެއް އުފެދިއްޖެ ނަމަ، ރުޖޫއަވާން ޖެހޭނީ ގުރްއާނަށާއި ރަސޫލާގެ ސުންނަތަށެވެ. ނަމާދު ކުރަންވީ ގޮތާއި، ރޯދަ ހިފަންވީ ގޮތާއި، ޒަކާތް ނެރެންވީ ގޮތާއި، ހައްޖުގެ އަޅުކަން އަދާ ކުރަންވީ ގޮތާއި، ވިޔަފާރީގެ މުއާމަލާތްތައް ކުރަންވީ ގޮތާއި، ހައްދު ކަނޑައެޅިގެންވާ ހުކުމްތަކާއި، ދީނުގައި ހިމެނޭ މިފަދަ އެތައް ކަމެއް ޙަދީޘާ ނުލާ އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އިސްލާމަކު ސުންނަތަށް އިންކާރެއް ނުކުރާނެއެވެ. އަދި ރަސޫލާގެ އަމުރަށް ކިޔަމަން ނުވެއްޖެނަމަ، ލިބޭނެ ނަތީޖާއަކަށް ﷲ އާއި އެ އިލާހުގެ ރަސޫލާ ވަނީ އިންޒާރު ދެއްވާފައެވެ.


އައްނަވަވީއަކީ ކޮން ބޭކަލެއް؟

އައްނަވަވީއަކީ ޝާފިޢީ މަޒުހަބުގެ ބޮޑު އިލްމުވެރިއެކެވެ. އަދި އެތަކެއް މަޝްހޫރު ފޮތްތަކެއް ލިޔުއްވި މުސައްނިފެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 631 ވަނަ އަހަރު، ސީރިޔާގެ ރަށެއް ކަމަށްވާ ނަވާގައެވެ. އަދި އަވަހާރަވީ ހިޖުރައިން 676 ވަނަ އަހަރު ހަމަ އެ ރަށުގައެވެ. އޭރު އުމުރުފުޅުން ވާނީ 45 އަހަރެވެ.


އައްނަވަވީ ލިޔުއްވީ ކޮން ފޮތްތަކެއް؟

އެކަލޭގެފާނުގެ ހަޔާތުގެ 45 އަހަރުގައި، އެކިއެކި ދީނީ މައުޟޫތަކަށް 40 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ފޮތްތައް ދަންނަވާލާނަމެވެ.

• الأَربَعُونَ فِي مَبَانِي الإِسلَامِ وَقَوَاعِدِ الأَحكَامِ، المَعرُوفَة بِالأَربَعُونَ النَّوَوِيَّة

(އިސްލާމް ދީނުގެ އަސާސްތަކާއި ހުކުމްތަކުގެ ގަވާއިދުތަކުގައިވާ ސާޅީސް ޙަދީޘް) މަޝްހޫރުވެފައި ވަނީ الأَربَعُونَ النَّوَوِيَّة (ނަވަވީގެ ސާޅީސް ޙަދީޘް) ގެ ނަމުންނެވެ.

• رِيَاضُ الصَّالِحِينَ مِن كَلَامِ سَيِّدِ المُرسَلِينَ

(ސާލިހުންގެ ބަގީޗާ، ރަސޫލުންގެ ސާހިބާގެ ބަސްފުޅުތަކުން) މިއީ ހެޔޮކަމާއި، އިސްލާމީ އަޚްލާގާއި އަޅުކަމާ ބެހޭ ގޮތުން އެކުލަވާލާފައިވާ 1900 ވަރަކަށް ޙަދީޘެވެ. މި ފޮތުގެ ބާބުތައް ފައްޓަވާފައި ވަނީ ގުރްއާނުގެ އާޔަތްތަކުންނެވެ. ދެން އެއަށްފަހު ޝަރަހައާއި ޙަދީޘް ގެނެސްދެއްވާފައި ވެއެވެ.

• مِنهَاجُ المُحَدِّثيِنَ وَسَبِيلُ طَالِبِيهِ المُحَقِّقِينَ فِي شَرحِ صَحِيحِ أَبِي الحُسَينِ مُسلِمِ بنِ الحَجَّاجِ القُشَيرِي

(އަބުލް ޙުސައިން، މުސްލިމު ބިން ޙައްޖާޖު އަލްގުޝައިރީ ލިޔުއްވި ސަހީހު ޝަރަހަ ކުރުމުގައިވާ މުޙައްދިޘުންގެ މަންހަޖާއި، އެ ހޯދާ މުހައްގިގުންނަށްވާ މަގު) މިއީ ސަހީހު މުސްލިމުގެ ކުރު ޝަރަހައެކެވެ. މި ފޮތުގައި 9 ވަރަކަށް މުޖައްލަދު ވެއެވެ. އަދި ގާތްގަނޑަކަށް 3000 ޙަދީޘްގެ ޝަރަހަ ވެއެވެ.

• التَّقرِيبُ وَالتَّيسِيرُ لِمَعرِفَةِ سُنَنِ البَشِيرِ النَّذِيرِ

(އުފާވެރިކަމުގެ ޚަބަރާއި އިންޒާރު ދެއްވަވާ ނަބިއްޔާގެ ސުންނަތް ދެނެގަތުމުގައި ފަސޭހަކޮށްދިނުން) މިއީ އިބްނުއްޞަލާޙު ލިޔުއްވި މަޝްހޫރު ޙަދީޘް އިލްމުގެ މުގައްދިމާގެ ޚުލާސާއެކެވެ. މި ފޮތުގައި ގާތްގަނޑަކަށް 120 ސަފުހާ ވެއެވެ.

• التِبيَانُ فِي آدَابِ حَمَلَةِ القُرآنِ

(ގުރްއާން ގެންގުޅުއްވާ ބޭފުޅުންގެ އަދަބުތައް ބަޔާންކޮށް ދިނުން) މިއީ ގުރްއާން ގެންގުޅުމާއި، ކިޔެވުމާއި، އުނގެނުމާއި، ހިތުދަސް ކުރުމާއި، އުނގަންނައި ދިނުމުގައި އަދަބުވެރިވުމާ ބެހޭ ގޮތުން ލިޔެވިފައިވާ 150 ސަފުހާގެ ފޮތެކެވެ.

• الأَذكَارُ مِن كَلَامِ سَيِّدِ الأَبرَار

(އެންމެ ހެޔޮވެގެންވާ ސާހިބާގެ ބަސްފުޅުތަކުން ނެގިފައިވާ ޒިކުރުތައް) މިއީ ޙަދީޘްތަކުގައިވާ ދުއާތަކާއި ޒިކުރުތައް އެކުލެވޭ މަޝްހޫރު ފޮތެކެވެ. މި ފޮތުގައި ޒިކުރު ކުރުމާ ގުޅޭ ގޮތުން އެއް ހާހަށް ވުރެ ގިނަ ކަންތައް އައިސްފައި ވެއެވެ.

• المَجمُوعُ شَرحُ المُهَذَّبِ

(އަލްމުހައްޛަބުގެ ޝަރަހަ، އަލްމަޖްމޫޢު) މިއީ އަބޫ އިސްޙާގު އައްޝީރާޒީ ލިޔުއްވި ޝާފިޢީ ފިގްހުގެ ފޮތެއް ކަމަށްވާ، އަލްމުހައްޛަބުގެ 23 މުޖައްލަދުގެ ޝަރަހައެކެވެ.

• رَوضَةُ الطَّالِبِينَ وَعُمدَةُ المُفتِينَ

(ދަރިވަރުންގެ ބަގީޗާ އަދި ފަތުވާދޭ މީހުންގެ އިޢުތިމާދު) މިއީ އައްރާފިޢީ ލިޔުއްވި މަޝްހޫރު ޝާފިޢީ ފިގްހުގެ ފޮތެއް ކަމަށްވާ، ފަތްޙުލް ޢަޒީޒުގެ 12 މުޖައްލަދުގެ ޚުލާސާއެކެވެ.

އަދި މީގެ އިތުރަށް ވެސް އައްނަވަވީ އެތަކެއް ފޮތެއް ލިޔުއްވިއެވެ. މީގެ ހާހެއްހައި އަހަރު ކުރިން އެކަލޭގެފާނު އަވަހާރަވި ނަމަވެސް، އަދިއަދަށް ދާންދެން އެކަލޭގެފާނު މި އުއްމަތަށް ދޫކުރެއްވި އިލްމުން އަހަރެމެން ފައިދާ ހާސިލު ކުރަމުއެވެ. މާތް ﷲ އައްނަވަވީއަށް ފާފަ ފުއްސަވައި ރުއްސުން ލައްވާށިއެވެ. އާމީން.


ނަވަވީގެ ސާޅީސް ޙަދީޘަކީ ކޮބާ؟

ނަވަވީގެ ސާޅީސް ޙަދީޘަކީ، ކުރު އަދި ކިޔާލަން ފަސޭހަ ގޮތަކަށް އެކުލެވިފައިވާ، ދީނުގެ އަސާސީ ކަންތައްތައް ހިމެނޭ، ރަސޫލާގެ ޝާމިލު ޙަދީޘް ބަސްފުޅުތަކެކެވެ. މި ފޮތް ކިތަންމެ ކުރު ކަމުގައި ވިޔަސް، އެތައް މައުޟޫތަކެއް ވަނީ މި ފޮތުގައި ހިމަނުއްވާފައެވެ. އެ ގޮތުން އިސްލާމްކަމާއި، އީމާންކަމާއި، ހެޔޮ އަމަލުތަކާއި، ހަލާލާއި ހަރާމާއި، އަޚުވަންތަކަމާއި، ސަދަގާތް ދިނުމާއި، ކިޔަމަންތެރިވުމާއި، ﷲ އަށް ވަކީލު ކުރުމާއި، އެ އިލާހު ހަނދުމަ ކުރުމާ މި ނޫންވެސް އެތައް މުހިއްމު ކަންތައްތަކެއް ހިމެނިފައި ވެއެވެ. ހުރިހާ ޒަމާންތަކެއްގައި ވެސް، މުސްލިމުންގެ ތެރެއިން ކުދިބޮޑު އެތައް ބަޔަކު މި ސާޅީސް ޙަދީޘް އުނގެނި ދަސްކޮށް، އެހެން މީހުންނަށް އުނގަންނައިދީފައި ވެއެވެ. އަދި އެތަކެއް މަޝްހޫރު އިލްމުވެރިންނެއް ވަނީ މި ޙަދީޘްތަކުގެ މައްޗަށް ބިނާކޮށް ގިނަގުނަ ދަރުސްތައް ދެއްވާ، އެތަކެއް ޝަރަހައެއް ލިޔުއްވާފައެވެ. ފަށައިގަންނަ ތާލިބުލް އިލްމު ނުވަތަ އިލްމު އުނގެނޭ ދަރިވަރުގެ ކިބައިން އެދެވިގެން ވަނީ، ޙަދީޘް ހިތުދަސް ކުރާއިރު ފުރަތަމަ މި ސާޅީސް ޙަދީޘް ދަސްކުރަން ފަށައިގަތުމަށެވެ. އޭގެ ފަހުން ޢުމްދަތުލް އަޙްކާމާއި، ބުލޫޣުލް މަރާމް ފަދަ މިއަށް ވުރެ ބޮޑެތި ފޮތްތައް ދަސްކުރުމަށެވެ.


ތަރުޖަމާ އެކުލެވިފައިވާ ގޮތް

މި ފޮތުގެ އަމާޒަކީ ނަވަވީގެ ސާޅީސް ޙަދީޘް ތަރުޖަމާކުރުން ކަމަށް ވާއިރު، ކިޔުންތެރިންނަށް ފަސޭހަ ކޮށްދިނުމަށާއި އިތުރު މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، މި ދަންނަވާ ކަންތައްތައް ކުރެވިފައި ވާނެއެވެ.

• މި ފޮތް ތަރުޖަމާ ކުރުމުގައި އަރަބި އަސްލެއް ކަމުގައި ބެލީ، ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްގާސިމު އެކުލަވާލެއްވި ’މުތޫން ޠާލިބިލް ޢިލްމި‘ (އިލްމު އުނގެނޭ ދަރިވަރުގެ މަތުނުތައް) މި ސިލްސިލާގެ ފުރަތަމަ ފޮތަށެވެ. އެއީ 2018 ވަނަ އަހަރު ނެރުއްވި ހަވަނަ ޗާޕެވެ.

• އަރަބި ނައްސުތައް ތަރުޖަމާކޮށްފައި ވާނީ އަހްލުއްސުންނާ ވަލްޖަމާޢަތުގެ އަގީދާއާ ގޮތަށެވެ. އަދި އެއާ ޚިލާފު ބާތިލު ފިކުރުތަކުގެ އަހުލުވެރިން ހަދާ ގޮތަށް، ނައްސުތަކުގެ މާނަ ބަދަލުކޮށް ތައުވީލު ކުރުމާއި، މާނަ ނަފީކޮށް ތަޢުޠީލު ކުރުމުން ވާނީ އެއްކިބާވެފައެވެ.

• ނަވަވީގެ ސާޅީސް ޙަދީޘް ފޮތުގައި ވަނީ އަސްލު 42 ޙަދީޘެވެ. މިއީ އަދަދު ކުރުމުގައި އަރަބީން ކިޔައި އުޅޭ ގޮތެކެވެ. އެއީ އިނގިރޭސި ބަހުން ބުނާނަމަ ރައުންޑު އޮފް ކުރުމެވެ. ނަވަވީގެ މި ޙަދީޘްތަކުގެ އިތުރަށް، އިބްނު ރަޖަބު (736-795 ހ.) މި ފޮތުގެ މައްޗަށް ލިޔުއްވި މަޝްހޫރު ޝަރަހަ ކަމުގައިވާ ’ޖާމިޢުލް ޢުލޫމް ވަލް ޙިކަމް‘ (އިލްމާއި ހިކުމަތް ޖަމާކުރެވިފައިވާ ފޮތް) އެ ފޮތުގައި އިތުރު ކުރެއްވި 8 ޙަދީޘް ހިމަނާފައިވާނެއެވެ. ވީމާ މި ތަރުޖަމާގައި ވަނީ ޖުމްލަ 50 ޙަދީޘެވެ.

• ކޮންމެ ޙަދީޘެއް ފެށޭ ތަނުގައި، އަޅުގަނޑު ވާނީ ގޮޅި ބްރެކެޓެއް ތެރޭގައި ސުރުހީއެއް ލިޔެފައެވެ. އެއީ އެ ޙަދީޘެއްގެ މައުޟޫ ގާތްކޮށްދިނުމަށެވެ. މިސާލު: [1. إِنَّمَا الْأَعْمَالُ بِالنِّيَّاتِ / އަމަލުތައް ބިނާވެގެން ވަނީ ނިޔަތްތަކުގެ މައްޗަށެވެ.]

• ޙަދީޘްގެ ތަޚްރީޖު (ރެފަރަންސް އަދި ސައްހަކަމުގެ ހުކުމް) ވާނީ ފުޓްނޯޓުގައި ލިޔެފައެވެ. މީގެން ޙަދީޘް ފޮތްތަކުން އެ ޙަދީޘެއް ހޯދޭނެއެވެ. ހަވާލާ ދީފައިވާނީ އާންމުކޮށް އެންމެން ވެސް ބޭނުން ކުރަމުންދާ މުޙައްމަދު ފުއާދު ޢަބްދުލް ބާގީގެ ނަމްބަރު ތަރުތީބަށް، ނުވަތަ މަކްތަބާ ޝާމިލާގައިވާ ނަމްބަރު ތަރުތީބަށެވެ. މިސާލު: التِّرْمِذِيُّ 2344، وَصَحَّحَهُ الألبانِي فِي صَحِيح سُنَن التِّرمِذِي.

• މި ފޮތުގެ ޙަދީޘެއް ރިޔާޟުއްޞާލިޙީންގައި ވެސް ވާނަމަ، ފުޓްނޯޓުގައި އެކަމށް ހަވާލާދީފައި ވާނެއެވެ. މި 50 ޙަދީޘްގެ ތެރެއިން އެ ގޮތަށް 41 ޙަދީޘް އައިސްފައި ވެއެވެ. އަދި އައްނަވަވީ އަސްލު ލިޔުއްވި 42 ޙަދީޘްގައި އެ ގޮތަށް 37 ޙަދީޘް އައިސްފައި ވެއެވެ. މިސާލު: وَهُوَ فِي رِيَاضِ الصَّالِحِين: 396

މި ޙަދީޘްތައް ވީހާވެސް ސާފުކޮށް މާނަ ކުރެވޭތޯ މަސައްކަތް ކުރެވިފައި ވާނެއެވެ. މިއިން ޙަދީޘަކާމެދު އިތުރަށް އޮޅުންފިލުވަން ބޭނުންފުޅުވާ ނަމަ، އިލްމުވެރިން ދެއްވާފައިވާ ޝަރަހަތަކާއި ދަރުސްތައް ބައްލަވާށެވެ. މި މަސައްކަތުގައި ހަވާލާ ދެވުނު މަރުޖިއުތަކާއި ބެލެވުނު ޝަރަހަތައް މި ފޮތުގެ ފަހަތުގައި ނަންގަނެވިފައި ވާނެއެވެ. އުއްމީދަކީ މި ފޮތް މެދުވެރިކޮށް ރަސޫލު ﷲﷺ ގެ ޙަދީޘްފުޅުތައް އިސްލާމީ ދިވެހި މުޖުތަމައަށް ފޯރު ކޮށްދިނުމެވެ. އަދި ގިޔާމަތް ދުވަހު އަޅަމެންގެ ހެޔޮ އަމަލުތަކުގެ ތެރޭގައި މި މަސައްކަތް ހިމެނިގެން ދިޔުމެވެ.


ޝުކުރުގެ ބަސް

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ ﷺ: «مَنْ لَا يَشْكُرُ النَّاسَ لَا يَشْكُرُ اللَّهَ»
(التِّرمِذِي 1954، وَصَحَّحَهُ الأَلبَانِي فِي صَحِيحِ سُنَنِ التِّرمِذِي)

އަބޫ ހުރައިރާ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”މީސްތަކުންނަށް ޝުކުރު ނުކުރާ މީހަކު، ﷲ އަށް ޝުކުރެއް ނުކުރާނެއެވެ.“ މި ފޮތް ނިންމުމުގެ ތައުފީގު ދެއްވިކަމަށްޓަކައި، މާތް ﷲ އަށް ހަމްދާއި ޝުކުރު ކުރަމެވެ. އަދި މީގެ އިތުރަށް މި މަސައްކަތުގައި ބައިވެރިވެ، އުނދަގޫ އަރަބި ލަފުޒުތައް މާނަކޮށް، ކުށްތައް ފިލުވައި، ލިޔުން ބަލައި އިސްލާހުކޮށް، ޗާޕު ތައްޔާރުކޮށް އަދި އެ ނޫންވެސް އެކި ގޮތްގޮތުން އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ﷲގެ އިޒުނަފުޅަށް ފަހު، މި މަސައްކަތް ނެރެވުނީ އެ ފަރާތްތަކުން ދެއްވި ދީލަތި އެހީގެ ސަބަބުންނެވެ. އެ ހުރިހާ ފަރާތަކުން ކޮށްދެއްވި މަސައްކަތަށް ގިނަގުނަ ދަރުމައާއި ސަވާބު ދާއިމީ ގޮތުގައި ދެއްވާށިއެވެ. މި މަސައްކަތުގައި އެއްވެސް ހެޔޮކަމެއް ވާނަމަ، އެއީ ﷲގެ ހަޒުރަތުން ލިބުނު ހެޔޮކަމެކެވެ. އަދި މި ކަމުގައި އެއްވެސް އުނިކަމެއް ވާނަމަ، އެއީ އަޅުގަނޑުމެންނާއި ޝައިތާނާގެ ފަރާތުން އައި އުނިކަމެކެވެ. އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށާއި، އެ ނަބިއްޔާގެ އާލުންނާއި އަސްހާބުންނަށް ސަލަވާތާއި ސަލާމް ލައްވާށިއެވެ.

اللَّهُمَّ رَبَّ جِبرَائِيلَ وَمِيكَائِيلَ وَإِسرَافِيلَ، فَاطِرَ السَّمَاوَاتِ وَالأَرضِ، عَالِمَ الغَيبِ وَالشَّهَادَةِ، أَنتَ تَحكُمُ بَينَ عِبَادِكَ فِيمَا كَانُوا فِيهِ يَختَلِفُونَ، اهدِنِي لِمَا اختُلِفَ فِيهِ مِنَ الحَقِّ بِإِذنِكَ، إِنَّكَ تَهدِي مَن تَشَاءُ إِلَى صِرَاطٍ مُستَقِيمٍ.

”ޔާ ﷲ! ޖިބްރީލާއި މީކާއީލާއި އިސްރާފީލުގެ ރައްބެވެ. އުޑުތަކާއި ބިން ފުރަތަމަ އުފެއްދެވި އިލާހެވެ. ނުފެންނަ ތަކެއްޗާއި ފެންނަ ތަކެތި ދެނެވޮޑިގެންވާ އިލާހެވެ. އިބަ އިލާހުގެ އަޅުން ޚިލާފުވެ އުޅުނު ކަންކަމުގައި ހުކުމް ކުރައްވާ ނިޔާ ކުރައްވާނީ ހަމަ އިބަ އިލާހެވެ. އެބައިމީހުން ޚިލާފުވެ އުޅުނު ކަންކަމުގައި، މި އަޅާއަށް ހައްގު ގޮތަށް އިބަ އިލާހުގެ އިޒުނަފުޅާއެކު މަގު ދައްކަވާށިއެވެ. ހަމަކަށަވަރުން އިބަ އިލާހު އިރާދަ ކުރައްވާ މީހަކަށް، އިބަ އިލާހު ސީދާވެގެންވާ މަގަށް ހިދާޔަތު ދައްކަވަމުއެވެ.“

10 ރަމަޟާން 1441 ހ.

3 މޭ 2020 މ.

އަބޫ ޔަޙްޔާ

މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ޙަދީޘް ކުއްލިއްޔާގެ ޚިއްރީޖެއް




އައްނަވަވީގެ މުގައްދިމާ

بِسمِ اللهِ الرَّحمَنِ الرَّحِيمِ

الحَمدُ لِلَّهِ رَبِّ العَالَمِينَ، قَيُّومِ السَّمَاوَاتِ وَالأَرَضِينَ، مُدَبِّرِ الخَلَائِقِ أَجمَعِينَ، بَاعِثِ الرُّسُلِ – صَلَوَاتُ اللَّهِ وَسَلَامُهُ عَلَيهِم – إِلَى المُكَلَّفِينَ، لِهِدَايَتِهِم وَبَيَانِ شَرَائِعِ الدِّينِ، بِالدَّلَائِلِ القَطعِيَّةِ وَوَاضِحَاتِ البَرَاهِينِ. أَحمَدُهُ عَلَى جَمِيعِ نِعَمِهِ، وَأَسأَلُهُ المَزِيدَ مِن فَضلِهِ وَكَرَمِهِ. وَأَشهَدُ أَن لَا إِلَهَ إِلَّا اللَّهُ الوَاحِدُ القَهَّارُ، الكَرِيمُ الغَفَّارُ. وَأَشهَدُ أَنَّ مُحَمَّدًا عَبدُهُ وَرَسُولُهُ، وَحَبِيبُهُ وَخَلِيلُهُ، أَفضَلُ المَخلُوقِينَ، المُكَرَّمُ بِالقُرآنِ العَزِيزِ المُعجِزَةِ المُستَمِرَّةِ عَلَى تَعَاقُبٍ السِّنِينَ، وَبِالسُّنَنِ المُستَنِيرَةِ لِلمُستَرشِدِينَ، المَخصُوصُ بِجَوَامِعَ الكَلِمِ وَسَمَاحَةِ الدِّينِ. صَلَوَاتُ اللَّهِ وَسَلَامُهُ عَلَيهِ، وَعَلَى سَائِرِ النَّبِيِّينَ، وَآلِ كُلٍّ وَسَائِرِ الصَّالِحِينَ.

أَمَّا بَعدُ: فَقَدَ رَوَينَا عَن عَلِيِّ بِنِ أَبِي طَالِبٍ، وَعَبدِ اللَّهِ بنِ مَسعُودٍ، ومُعَاذِ بنِ جَبَلٍ، وَأَبِي الدَّردَاءِ، وَابنِ عُمَرَ، وَابنِ عَبَّاسٍ، وَأَنَسِ بنِ مَالِكٍ، وَأَبِي هُرَيرَةَ، وَأَبِي سَعِيدٍ الخُدرِيِّ رَضِيَ اللَّهُ عَنهُم، مِن طُرُقٍ كَثِيرَاتٍ بِرِوَايَاتٍ مُتَنَوِّعَاتٍ، أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَن حَفِظَ عَلَى أُمَّتِي أَربَعِينَ حَدِيثًا مِن أَمرِ دِينِهَا، بَعَثَهُ اللَّهُ تَعَالَى يَومَ القِيَامَةِ فِي زُمرَةِ الفُقَهَاءِ وَالعُلَمَاءِ» وَفِي رِوَايَةٍ: «بَعَثَهُ اللَّهُ تَعَالَى فَقِيهًا عَالِمًا» وَفِي رِوَايَةِ أَبِي الدَّردَاءِ رَضِيَ اللَّهُ عَنهُ: «وَكُنتُ لَهُ يَومَ القِيَامَةِ شَافِعًا وَشَهِيدًا» وَفِي رِوَايَةِ ابنِ مَسعُودٍ رَضِيَ اللَّهُ عَنهُ: «قِيلَ لَهُ: ادخُل مِن أَيِّ أَبوَابِ الجَنَّةِ شِئتَ» وَفِي رِوَايَةِ ابنِ عُمَرَ رَضِيَ اللَّهُ عَنهُ: «كُتِبَ فِي زُمرَةِ العُلَمَاءِ، وَحُشِرَ فِي الشُّهَدَاءِ»

وَاتَّفَقَ الحُفَّاظُ عَلَى أَنَّهُ حَدِيثٌ ضَعِيفٌ وَإِن كَثُرَت طُرُقُهُ. وَقَد صَنَّفَ العُلَمَاءُ رَضِيَ اللَّهُ عَنهُم فِي هَذَا البَابِ مَا لَا يُحصَى مِن المُصَنَّفَاتِ، فَأَوَّلُ مَن عَلِمتُهُ صَنَّفَ فِيهِ: عَبدُ اللَّهِ بنُ المُبَارَكِ، ثُمَّ مُحَمَّدُ بنُ أَسلَمَ الطُّوسِيُّ العَالِمُ الرَّبَّانِي، ثُمَّ الحَسَنُ بنُ سُفيَانَ النَّسَائِيُّ، وَأَبُو بَكرٍ الآجُرِّيُّ، وَأَبُو بَكرٍ مُحَمَّدُ بنُ إِبرَاهِيمَ الأَصفَهَانِيُّ، والدَّارَقُطنِيُّ، وَالحَاكِمُ، وَأَبُو نُعَيمٍ، وَأَبُو عَبدِ الرَحمَنِ السُّلَمِيُّ، وَأَبُو سَعِيدٍ المَالِينِيُّ، وَأَبُو عُثمَانَ الصَّابُونِيُّ، وَعَبدُ اللَّهِ بنُ مُحَمَّدٍ الأَنصَارِي، وَأَبُو بَكرٍ البَيهَقِيُّ، وَخَلَائِقُ لَا يُحصَونَ مِنَ المُتَقَدِّمِينَ وَالمُتَأَخِّرِينَ.

وَقَدِ استَخَرتُ اللَّه تَعَالَى فِي جَمعِ أَربَعِينَ حَدِيثًا، اِقتِدَاءً بِهَؤُلَاءِ الأَئِمَّةِ الأَعلَامِ وَحُفَّاظِ الإِسلَامِ. وَقَد اتَّفَقَ العُلَمَاءُ عَلَى جَوَازِ العَمَلِ بِالحَدِيثِ الضَّعِيفِ فِي فَضَائِلِ الأَعمَالِ، وَمَعَ هَذَا فَلَيسَ اعتِمَادِي عَلَى هَذَا الحَدِيثِ، بَل عَلَى قَولِهِ ﷺ فِي الأَحَادِيثِ الصَّحِيحَةِ: «لِيُبَلِّغِ الشَّاهِدُ مِنكُمُ الغَائِبَ» وَقَولِهِ ﷺ: «نَضَّرَ اللَّهُ اِمرَءًا سَمِعَ مَقَالَتِي فَوَعَاهَا فَأَدَّاهَا كَمَا سَمِعَهَا»

ثُمَّ مِنَ العُلَمَاءَ مَن جَمَعَ الأَربَعِينَ فِي أُصُولِ الدِّينِ، وَبَعضُهُم فِي الفُرُوعِ، وَبَعضُهُم فِي الجِهَادِ، وَبَعضُهُم فِي الزُّهدِ، وَبَعْضُهُمْ فِي الآدَابِ، وَبَعضُهُم فِي الخُطَبِ، وَكُلُّهَا مَقَاصِدُ صَالِحَةٌ، رَضِيَ اللَّهُ عَن قَاصِدِيهَا. وَقَد رَأَيتُ جَمعَ أَربَعِينَ أَهَمَّ مِن هَذَا كُلِّهِ، وَهِيَ أَربَعُونَ حَدِيثًا مُشتَمِلَةً عَلَى جَمِيعِ ذَلِكَ، وَكُلُّ حَدِيثٍ مِنهَا قَاعِدَةٌ عَظِيمَةٌ مِن قَوَاعِدِ الدِّينِ، وَقَد وَصَفَهُ العُلمَاءَ بِأَنَّ مَدَارَ الإِسلَامِ عَلَيهِ، أَو نِصفَ الإِسلَامِ، أَو ثُلُثَهُ، أَو نَحوَ ذَلِكَ.

ثُمَّ أَلتَزِمُ فِي هَذِهِ الأَربَعِينَ: أَن تَكُونَ صَحِيحَةً، وَمُعظَمُهَا فِي صَحِيحَي البُخَارِيِّ وَمُسلِمٍ. وَأَذكُرُهَا مَحذُوفَةَ الأَسَانِيدِ، لِيَسهُلَ حِفظُهَا، وَيَعُمَّ الإِنتِفَاعُ بِهَا إِن شَاءَ اللَّهُ تَعَالَى. ثُمَّ أُتبِعُهَا بِبَابٍ فِي ضَبطِ خَفِيِّ أَلفَاظِهَا.

وَيَنبَغِي لِكُلِّ رَاغِبٍ فِي الآخِرَةِ أَن يَعرِفَ هَذِهِ الأَحَادِيثَ، لِمَا اِشتَمَلَت عَلَيهِ مِنَ المُهِمَّاتِ، وَاحتَوَت عَلَيهِ مِن التَّنبِيهِ عَلَى جَمِيعِ الطَّاعَاتِ، وَذَلِكَ ظَاهِرٌ لِمَن تَدَبَّرَهُ. وَعَلَى اللَّهِ اعتِمَادِي، وَإِلَيهِ تَفوِيضِي وَاِستِنَادِي، وَلَهُ الحَمدُ والنِّعمَةُ، وَبِهِ التَّوفِيقُ وَالعِصمَةُ.

އެންމެހައި ހަމްދު ތައުރީފާއި ސަނާއެއް ހައްގުވަނީ އާލަމްތަކުގެ ރައްބު ﷲއަށެވެ. އެ އިލާހީ އުޑުތަކާއި ބިންތަކުގެ މައްޗަށް ގައްޔޫމުވަންތަ (ގާއިމުވެވޮޑިގެންވާ) އިލާހެވެ. އެންމެހައި ޚަލްގުތަކުންގެ ކަންތައްތައް ތަދުބީރު ކުރައްވާ އިލާހެވެ. މުކައްލަފުންގެ ގާތަށް ރަސޫލުން ފޮނުއްވި އިލާހެވެ. -ﷲގެ ސަލަވާތާއި ސަލާމް އެ ރަސޫލުންނަށް ލައްވާށިއެވެ- އެ ރަސޫލުން، އެ މުކައްލަފުންގެ ގާތަށް ފޮނުއްވީ ކަނޑައެޅިގެންވާ ސާފު ދަލީލުތަކާއި ފާޅުވެގެންވާ ބުރުހާންތަކުން އެބައިމީހުންނަށް ހިދާޔަތް ދެއްކެވުމަށާއި، ދީނުގެ ޝަރީއަތް ބަޔާން ކޮށްދެއްވުމަށެވެ. ﷲ ދެއްވި އެންމެހައި ނިއުމަތްތަކަށް އެ އިލާހަށް ހަމްދު ކުރަމެވެ. އަދި އެ އިލާހުގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުން އިތުރަށް ދެއްވުމަށް ވެސް އެދި ދަންނަވަމެވެ. ﷲ ފިޔަވައި (އަޅުކަންކުރުން ހައްގުވާ) އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެ އިލާހީ އެއްކައުވަންތަ ގައްހާރުވަންތަ (ބާރުވެރިވަންތަ) އިލާހެވެ. ދީލަތިވަންތަ ޣައްފާރުވަންތަ (ގިނަގިނައިން ފާފަ ފުއްސަވާ) އިލާހެވެ. އަދި އަޅަމެންގެ ސާހިބާ މުޙައްމަދުގެފާނީ ﷲގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އަދި އެ ނަބިއްޔާއީ، އެ އިލާހުގެ (ލޯބިވެ ވޮޑިގެންވާ) ހަބީބު އަދި (މިތުރު) ޚަލީލެވެ. މަޚްލޫގުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ފަރާތެވެ. އެ ނަބިއްޔާއަށް ވަނީ އިއްޒަތްތެރިވެގެންވާ ގުރްއާން ލިބުމުގެ ޝަރަފު ދެއްވާފައެވެ. އެއީ ހުރިހާ ޒަމާންނަކަށްމެ ،ދެމިހުންނާނެ މުއުޖިޒާތެކެވެ. އަދި ތެދުމަގު ލިބުމަށް އެދޭ ބަޔަކަށް އަލިކޮށްދެނިވި ސުންނަތް ވެސް ވަނީ އެ ނަބިއްޔާއަށް ދެއްވާފައެވެ. ޖަވާމިޢުލް ކަލިމް (އެބަހީ: އިބާރާތްތައް ކުރު، އެކަމަކު މާނަ ފުން ބަސްފުޅުތައް) އަދި ފަސޭހަވެގެންވާ ދީނުން އެ ނަބިއްޔާ ވަނީ ޚާއްސަ ކުރެއްވިފައެވެ. ﷲގެ ސަލަވާތާއި ސަލާމް ނަބިއްޔާއަށް ލައްވާށިއެވެ. އަދި އެންމެހައި ނަބިއްޔުންނާއި ރަސޫލުންނަށާއި، އެ ބޭކަލުންގެ އާލުންނަށާއި އެންމެހައި ސާލިހުންނަށް ވެސް ސަލަވާތާއި ސަލާމް ލައްވާށިއެވެ.

އެއަށްފަހު ދަންނާށެވެ. ފަހެ ހަމަކަށަވަރުން، ޢަލީ ބިން އަބީ ޠާލިބާއި، ޢަބްދުﷲ ބިން މަސްޢޫދާއި، މުޢާޛު ބިން ޖަބަލާއި، އަބުއްދަރްދާއާއި، އިބްނު ޢުމަރާއި، އިބްނު ޢައްބާސާއި، އަނަސް ބިން މާލިކާ އަދި އަބޫ ހުރައިރާ، -މި އެންމެހައި ސަހާބީންނަށް ﷲ ތަޢާލާ ރުއްސުން ލައްވާށިއެވެ- މި ސަހާބީންގެ އަރިހުން އެތައް ސަނަދުތަކަކުން އަދި ތަފާތު ރިވާޔަތްތަކުން (އަހަރުމެންގެ ޝައިޚުން) އަހަރުމެންނަށް ރިވާކޮށްދިނެވެ: ހަމައަށް (މި ޙަދީޘް) އައިސްފައި ވެއެވެ: ހަމަކަށަވަރުން ރަސޫލު ﷲﷺ ޙަދީޘް ކުރެއްވިއެވެ: ”ދީނާ ގުޅޭ ކަންކަމުގައި، ތިމަން ނަބިއްޔާގެ އުއްމަތަށް ސާޅީސް ޙަދީޘް ހިފްޒުކޮށްދީ (ރައްކާތެރިކޮށް ފޯރުކޮށްދީފި ) މީހަކު، ގިޔާމަތް ދުވަހު ﷲ އޭނާ ނެރުއްވާނީ ފިގްހުވެރިންނާއި އިލްމުވެރިންގެ ޖަމާއަތުގެ ތެރެއިންނެވެ.“ އަދި އެހެން ރިވާޔަތެއްގައި ވެއެވެ: ”ގިޔާމަތް ދުވަހު ﷲ އެ މީހަކު ނެރުއްވާނީ ފިގްހުވެރިއެއް އަދި އިލްމުވެރިއެއްގެ ގޮތުގައެވެ.“ އަދި އަބުއްދަރްދާގެ ރިވާޔަތުގައި ވެއެވެ: ”އަދި ގިޔާމަތް ދުވަހު އެ މީހަކަށް ޓަކައި ޝަފާއަތްތެރިއަކު އަދި ހެކިވެރިޔަކު ކަމުގައި ތިމަން ނަބިއްޔާ ވާނަމެވެ.“ އަދި އިބްނު މަސްޢޫދުގެ ރިވާޔަތުގައި ވެއެވެ: ”އެ މީހަކަށް ބުނެވޭނެއެވެ: ސުވަރުގޭގެ ދޮރުކޮޅުތަކުން ތިބާ ބޭނުން ދޮރުކޮޅަކުން ވަންނާށެވެ.“ އަދި އިބްނު ޢުމަރުގެ ރިވާޔަތުގައި ވެއެވެ: ”އިލްމުވެރިންގެ ޖަމާއަތުގެ ތެރޭގައި އެ މީހަކު ލިޔުއްވޭނެއެވެ. އަދި ޝަހީދުންގެ ޖަމާއަތުގެ ތެރޭގައި އޭނާ މަހުޝަރު ކުރެވޭނެއެވެ.“

މި ޙަދީޘް ރިވާކުރެވުނު މަގުތައް ގިނަވުމާއެކު ވެސް، މިއީ ޟަޢީފު ޙަދީޘެއްކަމަށް ހާފިޒުން (ޙަދީޘް އިލްމުވެރިން) ވަނީ އިއްތިފާގުވެފައެވެ. އަދި ހަމަކަށަވަރުން، އިލްމުވެރިން ވަނީ މި ބާބުގައި (އެބަހީ: ސާޅީސް ޙަދީޘް އެއްކުރުމުގައި) އަދަދު ނުކުރެވޭހައި ގިނަ ފޮތްތައް ލިޔުއްވާފައެވެ. -ﷲ ތަޢާލާ އެ އެންމެހައި ބޭކަލުންނަށް ރުއްސުން ލައްވާށިއެވެ- އަދި އަހަރެންނަށް އެނގިފައިވާ ގޮތުގައި، މި ގޮތަށް ފުރަތަމަ ލިޔުއްވީ ޢަބްދު ﷲ ބިން އަލްމުބާރަކެވެ. ދެން ރައްބާނީ އިލްމުވެރިޔަކު ކަމުގައިވާ މުޙައްމަދު ބިން އަސްލަމް އައްޠޫސީއެވެ. ދެން އަލްޙަސަން ބިން ސުފްޔާން އައްނަސާއީއާއި، އަބޫ ބަކުރު އަލްއާޖުއްރީއާއި، އަބޫ ބަކުރު ބިން އިބްރާހީމް އަލްއަޞްފަހާނީއާއި، ދާރަގުޠުނީއާއި، އަލްޙާކިމާއި، އަބޫ ނުޢައިމާއި، އަބޫ ޢަބްދުއްރަޙްމާން އައްސުލަމީއާއި، އަބޫ ސަޢީދު އަލްމާލީނީއާއި، އަބޫ ޢުޘްމާން އައްޞާބޫނީއާއި، ޢަބްދު ﷲ ބިން މުޙައްމަދު އަލްއަންޞާރީއާއި، އަބޫ ބަކުރު އަލްބައިހަގީއެވެ. އަދި (މީގެ އިތުރަށް) އިހާއި ފަހުގެ (އިލްމުވެރިންގެ) ތެރެއިން އަދަދު ނުކުރެވޭހައި ގިނަ ބޭކަލުންނެވެ.

އަދި ހަމަކަށަވަރުން، މި މަތިވެރި އިމާމުންނާއި އިސްލާމް ދީން (ރައްކާ ކޮށްދެއްވި) ހާފިޒުންނާ ތަބާވުމުގެ ގޮތުން، އަހަރެން ސާޅީސް ޙަދީޘް އެއްކުރަން (ގަސްދުކޮށް)، ﷲ ތަޢާލާއަށް އިސްތިޚާރާ ކުރީމެވެ. (އެބަހީ: ކުރަން އުޅޭ ކަމެއްގައި މަގުދައްކަވައި ދެއްވުމަށް އެދި ދުއާ ކުރީމެވެ.) އަދި ހަމަކަށަވަރުން ފަޟާއިލުލް އަޢުމާލުގައި (އެބަހީ: ހެޔޮ އަމަލުތައް ކުރުމަށް ހިތްވަރު ދިނުމުގައި) ޟަޢީފު ޙަދީޘަށް އަމަލުކުރުން ހުއްދަކަމާމެދު އިލްމުވެރިން ވަނީ އިއްތިފާގުވެފައެވެ. [ނޯޓު: މިއީ މާ ފަސޭހަކޮށް އައްނަވަވީއަށް ވިދާޅުވެވުނު ބަސްފުޅެއް ކަމަށް، ޝައިޚު ޢަބްދުލް ކަރީމް އަލްޚުޟައިރު ވިދާޅުވިއެވެ. ސަބަބަކީ، ޚިލާފު ހުރި މައްސަލައެއްގައި އިލްމުވެރިން އިއްތިފާގުވެފައި ވާކަމަށް ވިދާޅުވެފައިވާތީއެވެ. ޖުމްހޫރު އިލްމުވެރިން ދެކިލައްވާ ގޮތުގައި، ހަލާލާއި ހަރާމްގެ ހުކުމްތަކުގައި ޟަޢީފު ޙަދީޘުން ހުއްޖަތެއް ގާއިމެއް ނުކުރެވޭނެއެވެ. ނަމަވެސް ފަޟާއިލުލް އަޢުމާލާއި ހެޔޮ އަމަލުތައް ކުރުމަށް ހިތްވަރު ދިނުމުގައި އެފަދަ ޙަދީޘް ހުއްޖަތުގެ ގޮތުގައި ގެނެވިދާނެއެވެ. އަދި މިފަދައިން ދެކެލެއްވި އިލްމުވެރިން ވަނީ މި ދެންނެވި ގޮތަށް ޟަޢީފު ޙަދީޘަށް އަމަލު ކުރާނަމަ، ޝަރުތުތަކެއް ކަނޑައަޅުއްވާފައެވެ. އެ ޝަރުތުތަކަކީ: އެ ޙަދީޘަކީ ވަރަށް ބަލިކަށި ޙަދީޘަކަށް ނުވުމެވެ. އަދި އިސްލާމީ ޝަރީއަތުގައި ސާބިތުވެފައިވާ އަސްލެއް އެ އަމަލެއްގައި އޮތުމެވެ. އަދި އެއަށް އަމަލު ކުރާއިރު، އެއީ ނަބިއްޔާއަށް ނިސްބަތްވެގެންވާ ސާބިތު ޙަދީޘެއްކަމަށް ގަބޫލު ނުކުރުމެވެ. އަދި އެއީ ހެޔޮ އަމަލުތައް ކުރުމަށް ހިތްވަރު ދިނުމުގެ މައުޟޫގެ ދަށުން އައިސްފައިވާ ޙަދީޘަކަށް ވުމެވެ. އަދި އެއީ ސައްހަ ހަދީޘަކާ ފުށުއަރާ ޙަދީޘަކަށް ނުވުމެވެ. އަދި އެ ޙަދީޘުން ދަލީލުކޮށްދެނީ ސުންނަތެއްކަން ގަބޫލު ނުކުރުމެވެ. —الحَدِيثُ الضَّعِيفُ وَحُكمُ الاحتِجَاج بِهِ، لِلشَّيخِ عَبدِ الكَرِيمِ بِن عَبدِ اللَّهِ الخُضَيرِ، ص 274] ކަން މިހެން އޮތް ކަމުގައި ވިޔަސް، އަހަރެން މި ބަރޯސާ ވަނީ (ކުރިން މި ދެންނެވުނު ޟަޢީފު ) ޙަދީޘަކަށް ނޫނެވެ. އެހެނެއްކަމަކު، މި ބަރޯސާ ވަނީ ސައްހަ ޙަދީޘްގެ ތެރެއިންވާ ނަބިއްޔާ ﷺ ގެ މި ބަސްފުޅަށެވެ: «لِيُبَلِّغِ الشَّاهِدُ مِنكُم الغَائِبَ» (البُخَارِيُّ 105 وَاللَّفظُ لَهُ، وَمُسلِمٌ 1679) ”ތިޔަބައިމީހުންގެ ތެރެއިން ހާޒިރުގައި ހުރި މީހަކު، ހާޒިރުގައި ނެތް މީހާއަށް (ތިމަން ނަބިއްޔާގެ ބަސްފުޅު) ފޯރުކޮށް ދޭށެވެ.“ އަދި ނަބިއްޔާގެ މި ބަސްފުޅަށެވެ: «نَضَّرَ اللَّهُ اِمرَأً سَمِعَ مَقَالَتِي فَوَعَاهَا فَأَدَّاهَا كَمَا سَمِعَهَا» (حِليَةُ الأَولِيَاء، ص 105. وَرَوَى التِّرمِذِيُّ نَحوَه 2657، وَصَحَّحَهُ الأَلبَانِي في صَحِيحِه.) ”ތިމަން ނަބިއްޔާގެ ބަސްފުޅު އަޑުއަހައި، އެ ދަސްކޮށް، ދެން އެ ބަސްފުޅު އަޑުއެހި ގޮތަށް (އެހެން މީހަކަށް) ފޯރުކޮށްދީފި މީހާގެ މޫނު އުޖާލާ ކުރައްވާށިއެވެ.“

ފަހެ، (އެކި މައުޟޫތަކާ ގުޅޭ ގޮތުން) އިލްމުވެރިން ވަނީ ސާޅީސް ޙަދީޘް އެއްކުރައްވާފައެވެ. އެ ގޮތުން ދީނުގެ އުސޫލުތަކާއި، ފަރުޢީ މައްސަލަތަކާއި، ޖިހާދާއި، ޒުހުދާއި، އަދަބު އަޚްލާގާއި، ޚުތުބާތަކާއި ގުޅޭ ގޮތުން އިލްމުވެރިން ލިޔުއްވިއެވެ. އަދި މިއީ މުޅިން ވެސް ހެޔޮލަފާ ރަނގަޅު މަގުސަދުތަކެވެ. އެ ގޮތަށް ގަސްދު ކުރެއްވި އެންމެހައި އިލްމުވެރިންނަށް ﷲ ތަޢާލާ ރުއްސުން ލައްވާށިއެވެ. އަދި ހަމަކަށަވަރުން، ބަޔާންވެ ދިޔަ ހުރިހާ ކަމަކަށްވުރެ މުހިއްމު ކަމެއް ކަމުގައި އަހަރެންނަށް ފެނުނީ، އެ ހުރިހާ ކަމެއް ޝާމިލުވެގެންވާ ސާޅީސް ޙަދީޘް އެއްކުރުމެވެ. އެހެނީ، އެއިން ކޮންމެ ޙަދީޘްކީ ދީނުގެ އަސްލުތަކުގެ ތެރެއިން ބޮޑު އަސްލެކެވެ. އަދި އެއިން ކޮންމެ ޙަދީޘްއްގެ މައްޗަށް މުޅި ދީން ވަށައިގެން ދައުރުވާ ކަމަށް، ނުވަތަ އެއިން ޙަދީޘަކީ ދީނުގެ ދެބައި ކުޅަ އެއްބައި ކަމަށް، ނުވަތަ ތިންބައި ކުޅަ އެއްބައި ކަމަށް، ނުވަތަ މި ނޫން ވެސް ގޮތްގޮތަށް އިލްމުވެރިން ވަނީ ސިފަ ކުރައްވާފައެވެ.

ފަހެ، މި ސާޅީސް ޙަދީޘް އެއްކުރުމުގައި އަހަރެން މި ކަނޑައެޅީ، އެއީ ސައްހަ ޙަދީޘްތަކެއް ކަމުގައި ވުމަށެވެ. އަދި އޭގެ ބޮޑުބައި ވަނީ ސަހީހު ބުޚާރީ އަދި މުސްލިމުގައެވެ. މި ޙަދީޘްތައް ހިމަނާފައި ވާނީ ސަނަދާއި ނުލައެވެ. އެއީ މި ޙަދީޘްތައް ހިތުދަސް ކުރުމަށް ފަސޭހަ ކުރުމަށާއި، މި ޙަދީޘްތަކުން ކުރާ ފައިދާ އާންމުވެގެން ދިޔުމަށެވެ. އިން ޝާއަ ﷲ ތަޢާލާ. ދެން މި ޙަދީޘްތައް ގެނައުމަށް ފަހު، އެއިން މާނަ ފޮރުވިފައިވާ ލަފުޒުތައް ބަޔާން ކުރުމަށް ބާބެއް ގެންނާނަމެވެ. [ނޯޓު: އެ ބާބު ބެއްލެވުމަށް އަސްލު އަރަބި ފޮތަށް ރުޖޫއަވެލައްވާށެވެ.]

އާޚިރަތަށް އެދޭ ކޮންމެ މީހަކު މި ޙަދީޘްތައް ދެނެގަތުން މުހިއްމެވެ. އެއީ މި ޙަދީޘްތަކުގައި މުހިއްމު އެތައް ކަމެއް ޝާމިލުވެފައި ވާތީއާއި، ﷲ އަށް ކިޔަމަންތެރިކަން އަދާކުރެވޭ އެންމެހައި ގޮތްތަކަށް ސަމާލުކަން ގެނެސްފައި ވާތީއެވެ. އަދި އެއާމެދު ވިސްނައި ފިކުރުކޮށްފި މީހަކަށް މިކަން ހާމަވެގެން ދާނެއެވެ. ފަހެ (މި ކަމުގައި) އަހަރެން ބަރޯސާ ވަނީ ﷲ އަށެވެ. އަދި އަހަރެން ވަކީލުކޮށް އިތުބާރު ކުރަނީ އެ އިލާހަށެވެ. އަދި އެންމެހައި ހަމްދާއި ނިއުމަތް ވަނީ އެ އިލާހަށެވެ. އަދި ތައުފީގު ދެއްވުމާއި، ކުށްތަކުން ސަލާމަތްވުން ވަނީ ވެސް އެ އިލާހުގެ ހަޒުރަތުންނެވެ.




[އައްނަވަވީގެ ނިންމުން]

فَهَذَا آخِرُ مَا قَصَدْتُهُ مِن بَيَانِ الْأَحَادِيثِ الَّتِي جَمَعَتْ قَوَاعِدَ الإِسْلَامِ، وَتَضَمَّنَتْ مَا لَا يُحْصَى مِنْ أَنْوَاعِ الْعُلُومِ فِي الْأُصُولِ وَالْفُرُوعِ وَالْآدَابِ، وَسَائِرِ وُجُوهِ الْأَحكَامِ. وَهَأَنَا أَذْكُرُ بَابًا مُختَصَراً جِدّاً فِي ضَبْطِ أَلْفَاظِهَا مُرَتَّبَةً؛ لِئَلَّا يُغْلَطَ فِي شَيْءٍ مِنْهَا، وَلِيَستَغنِيَ بِهَا حَافِظُهَا عَنْ مُرَاجَعَةِ غَيْرِهِ فِي ضَبْطِهَا، ثُمَّ أَشْرَعُ فِي شَرْحِهَا - إِنْ شَاءَ اللَّهُ تَعَالَى - فِي كِتَابٍ مُسْتَقِلٍ، وَأَرْجُو مِنْ فَضْلِ اللَّهِ تَعَالَى أَنْ يُوَفِّقَنِي فِيهِ لِبَيَانِ مُهِمَّاتٍ مِنَ اللَّطَائِفِ، وَجُمَلٍ مِنَ الْفَوَائِدِ وَالْمَعَارِفِ، لَا يَسْتَغْنِي مُسْلِمٌ عَنْ مَعْرِفَةِ مِثْلِهَا، وَيَظْهَرُ لِمُطَاِلعُهَا جَزَالَةُ هَذِهِ الْأَحَادِيثِ وَعِظَمُ فَضْلِهَا، وَمَا اشْتَمَلَتْ عَلَيْهِ مِنَ النَّفَائِسِ الَّتِي ذَكَرْتُهَا، وَالْمُهِمَّاتِ الَّتِي وَصَفْتُهَا، وَيَعْلَمُ بِهَا الْحِكْمَةَ فِي اخْتِيَارِ هَذِهِ الْأَحَادِيثِ الْأَرْبَعِينَ، وَأَنَّهَا حَقِيقَةٌ بِذَلِكَ عِنْدَ النَّاظِرِينَ.

وَإِنَّمَا أَفْرَدْتُهُ عَنْ هَذَا الْجُزْءِ؛ لِيَسْهُلَ حِفْظُ ذَا الْجُزءِ بِانْفِرَادِهِ، ثُمَّ مَنْ أَرَادَ ضَمَّ الشَّرْحِ إِلَيْهِ فَلْيَفْعَلْ، وَلِلَّهِ عَلَيْهِ الْمِنَّةُ بِذَلِكَ؛ إِذْ يَقِفُ عَلَى نَفَائِسِ اللَّطَائِفِ الْمُسْتَنْبَطَةِ مِنْ كَلَامِ مَنْ قَالَ اللَّهُ فِي حَقِّهِ: ﴿وَمَا يَنْطِقُ عَنِ الْهَوَى ۝ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ﴾.

وَلِلَّه الْحَمدُ أَوَّلاً وَآخِراً، بَاطِناً وَظَاهِراً.

[ނޯޓު: އައްނަވަވީ މި ބަސްފުޅު ވިދާޅުވެފައި ވަނީ 42 ވަނަ ޙަދީޘަށް ފަހުގައެވެ.] ފަހެ މިއީ އިސްލާމް ދީނުގެ ގަވާއިދުތައް އެކުލެވިފައިވާ ޙަދީޘްތައް ބަޔާންކޮށް ނިންމަން އަހަރެން ގަސްދު ކުރި ހިސާބެވެ. އަދި އެ ޙަދީޘްތަކުގައި އަދަދު ނުކުރެވޭހާ ތަފާތު އިލްމުތައް ހިމެނިފައިވެއެވެ. އެ ގޮތުން (ދީނުގެ) އުސޫލުތަކާއި، ފަރުޢީ މައްސަލަތަކާއި، އަދަބު އަޚުލާގާއި، ދެން ހުރި އެކި ބާވަތްތަކުގެ ހުކުމްތައް ހިމެނެއެވެ. ދެން އެ ޙަދީޘްތަކުގައިވާ ލަފްޒުތައް ރަނގަޅަށް ކިޔައިދިނުމަށްޓަކައި، ވަރަށް ކުރު ބާބެއް މިތާ އަހަރެން ޒިކުރު ކޮށްލާނަމެވެ. އެއީ އެއިން ލަފްޒެއްގައި (މީހަކަށް) ކުށް ޖެހުނަ ނުދިނުމަށެވެ. އަދި އެ ހިތުދަސްކުރާ މީހަކަށް، އެހެން މީހެއްގެ ކިބައިން އެ ލަފްޒުތައް ރަނގަޅަތޯ މުރާޖާ ކުރަން ޖެހުނަ ނުދީ ފުއްދައި ދިނުމަށެވެ. އެއަށްފަހު އެ ޙަދީޘްތައް އަހަރެން ޝަރަހަ ކުރަން ފައްޓާނީ، އިން ޝާއަ ﷲ ތަޢާލާ، ވަކި ފޮތެއްގައެވެ. [ނޯޓު: އެކަލޭގެފާނުގެ ދެ ދަރިވަރުން ކަމަށްވާ އިބްނުލް ފަރަޙް އަލްއިޝްބީލީ އަދި އިބްނުލް ޢައްޠާރު ވިދާޅުވާ ގޮތުގައި، އައްނަވަވީ އެ ޝަރަހަ ނުނިންމަނީސް ނިޔާވެއްޖެއެވެ.] އަދި ﷲ ތަޢާލާގެ ފަޟްލުވެރިކަމުން އަހަރެން އެދެނީ، (އެ ޙަދީޘްތަކުން) ފޮރުވިގެންވާ މުހިއްމު މާނަތަކާއި، ޖުމްލަ ގޮތެއްގައި (އޭގައިވާ) ފައިދާތަކާއި އިލްމުތައް ބަޔާން ކުރުމަށް، އެ އިލާހު އަހަރެންނަށް ތައުފީގު ދެއްވުމެވެ. މުސްލިމަކަށް އެފަދަ ކަންތައްތައް ނޭނގި ހުރެގެން ނުވާނެއެވެ. އަދި އެ ކިޔައިފި މީހަކަށް، އޭގެ ރިވެތިކަމާއި ފަޟްލުގެ މަތިވެރިކަން ހާމަވެގެން ދާނެއެވެ. އަދި އޭގައި ހިމެނޭ އަހަރެން ޒިކުރުކުރި އަގުހުރި ކަންކަމާއި، އަހަރެން ސިފަކުރި މުހިއްމު ކަންކަން ވެސް ހާމަވާނެއެވެ. އަދި މި ޙަދީޘްތައް އިޚްތިޔާރު ކުރުމުގެ ހިކުމަތް އެނގިގެން ދާނެއެވެ. އަދި ރަނގަޅަށް ބަލާ މީހުންނަށް، މި (ދެންނެވި) ކަންކަމަކީ ހަގީގަތެއްކަން އެނގޭނެއެވެ.

އަދި އެ (ޙަދީޘްތަކުގެ) ބައިން މި ބާބު އަހަރެން ވަކިކުރި ހަމައެކަނި ސަބަބަކީ، އެ ބައި ވަކިން ހިތުދަސްކުރަން ފަސޭހަ ކުރުމަށެވެ. ދެން އެއަށްފަހު އެ ޙަދީޘްތަކަށް ޝަރަހައެއް އިތުރު ކުރަން އެދޭ މީހަކު ފަހެ އެ ކަން ކުރާށެވެ. އަދި އޭނާއަށް އެ ކަމަށް މިންނަތް ދެއްވުން ވަނީ ﷲ އަށެވެ. އެ ހިނދު އެ މީހަކު ހުއްޓި ވާނީ (ނަބިއްޔާގެ) ބަސްފުޅުތަކުން ނެގޭ އަގުހުރި، ފޮރުވިގެންވާ މާނަތަކާ އެކުގައެވެ. އެއީ ﷲ އެކަލޭގެފާނުގެ ހައްގުގައި މިފަދައިން ވަހީ ކުރެއްވި ކަލޭގެފާނެވެ: ’އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަހީއެއް ކަމުގައި މެނުވީ ނުވެއެވެ.‘

އަދި ފެށުމާއި ނިންމުމާއި، ސިއްރާއި ފާޅުގައި ވެސް އެންމެހައި ހަމްދު ތައުރީފާއި ސަނާއެއް ހައްގުވަނީ ﷲ އަށެވެ.


بَابُ الإِشَراتِ إِلَى ضَبْطِ الأَلفَظِ المُشْكِلَاتِ
هَذَا البَابُ وَإِنْ تَرْجَمْتُهُ بِالمُشْكِلَاتِ فَقَدْ أُنَبِّهُ فِيهِ عَلَى أَلْفَاظِ مِنَ الوَاضِحَاتِ.

فِي الخُطْبَةِ
«نَضَّرَ اللَّهُ أَمْراً» رُوِيَ بِتَشْدِيدِ الصَّادِ وَتَخْفِيفِهَا، وَالتَّشْدِيدُ أَكْثَرُ؛ وَمَعْنَاهُ: حَسَنَهُ وَجَمَّلَهُ.

‌‌الحَدِيثُ الأَوَّلُ

[ما بعد ذلك قد فرغته على الأحاديث في الحواشي، ليسهل على القارئ. وأكثر ممن نشر الأربعين غفل عن هذا الباب.]

އުނދަގޫ ލަފްޒުތައް ކަނޑައެޅުމަށް އިޝާރަތް ކުރާ ބާބު
މި ބާބުގައި އުނދަގޫ ލަފްޒުތަކޭ އަހަރެން ޖަހާފައި ވިޔަކަސް، ފަހެ ހަމަކަށަވަރުން އޭގައި ސާފު ލަފްޒުތަކަކަށްވެސް އަހަރެން އިޝާރާތް ކުރާނަމެވެ.

(މުގައްދިމާގެ) ޚުތުބާގައި
”ﷲ މީހެއްގެ މޫނު އުޖާލާ ކުރައްވާށިއެވެ.“ (ނައްޟަރަ މި ލަފްޒު) ޟާދުގައި ތަޝްދީދު ޖަހައިގެންވެސް އަދި ނުޖަހާވެސް ރިވާވެގެންވެއެވެ. އަދި ގިނައީ ތަޝްދީދެވެ. އަދި އޭގެ މާނައަކީ: އެ (މޫނު) ރީތި ކުރައްވާ ޒީނަތްތެރި ކުރައްވާށިއެވެ.

ފުރަތަމަ ޙަދީޘް

[ނޯޓު: އައްނަވަވީ މި ބާބުގައި ވަނީ، ބައެއް ޙަދީޘްތަކުގެ ލަފްޒުތަކުގައި ފިލި ޖަހަންވީ ގޮތާއި، ބަސްބަހުގެ މާނަ ބަޔާން ކޮށްދީފައެވެ. ފޮތުގެ އެންމެ ފަހަތުގައި އެ ބައި ހިމެނުމުގެ ބަދަލުގައި، ކިޔަން ފަސޭހަކޮށް ދިނުމަށް އަޅުގަނޑު ވާނީ ޙަދީޘްތަކުގެ ފުޓްނޯޓުގައި قَالَ النَّوَوِي އަށް ފަހު އަރަބިން އެ ބައި ހިމަނާފައެވެ. އެއީ އަރަބި ބަހާ ގުޅޭ ބަޔަކަށް ވުމާއެކީ، މި ތަރުޖަމާގެ ހުރިހާ ނައްސެއްގައި ފިލިޖަހާފައިވުމުގެ އިތުރަށް، އަރަބި ބަސްތަކުގެ މާނަވެސް ދިވެހިން ކިޔައިދީފައިވާތީ، އެ ބައި ދިވެހިން އަނެއްކާ ނުގެންނާނަމެވެ.]


فَصْلٌ [فِي مَعنَى الحِفظِ]

اعْلَمْ أَنَّ الْحَدِيثَ الْمَذْكُورَ أَولاً: «مَنْ حَفِظَ عَلَى أُمَّتِي أَرْبَعِينَ حَدِيثاً…» مَعْنَى الْحِفْظِ هُنَا: أَنْ يَنْقُلَهَا إِلَى الْمُسْلِمِينَ وَإِنْ لَمْ يَحْفَظْهَا وَلَا عَرَفَ مَعْنَاهَا، هَذَا حَقِيقَةُ مَعْنَاهُ، وَبِهِ يَحْصُلُ انْتِفَاعُ الْمُسْلِمِينَ، لَا بِحِفْظِ مَا لَا يَنْقُلُهُ إِلَيهِمْ.

وَاَللَّهُ أَعْلَمُ بِالصَّوَابِ.

[ހިފްޒުގެ މާނައާ ގުޅޭ] ފަސްލު

ދަންނާށެވެ. (މުގައްދިމާގައި) ފުރަތަމަ ޒިކުރު ކުރެވުނު ޙަދީޘް ’ތިމަން ނަބިއްޔާގެ އުއްމަތަށް ސާޅީސް ޙަދީޘް ހިފްޒުކޮށްދީފި މީހަކު‘ މިތާ ހިފްޒުގެ މާނައަކީ މުސްލިމުންނަށް ފޯރުކޮށްދިނުމެވެ. އެއީ އޭނާއަށް އެ ހިތުދަސް ނުވެ، އޭގެ މާނަ ނޭނގުނު ކަމުގައި ވިޔަސް މެއެވެ. މި ޙަދީޘްގެ ހަގީގީ މާނައަކީ މިއީއެވެ. އަދި މުސްލިމުންނަށް ފައިދާ ހާސިލުވެގެންދާނީ މީގެންނެވެ. އެބައިމީހުންނަށް ފޯރުކޮށްދިނުމަކާ ނުލާ (ހަމައެކަނި) ހިތުދަސްކޮށްލައިގެނެއް ނޫނެވެ.

އަދި މީގެ ރަނގަޅު ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އަށެވެ.




މަރުޖިއުތައް

• مُتُونُ طَالِبِ العِلمِ، المُستَوَى الأَوَّلُ، لِعَبدِ المُحسِن بِن مُحَمَّد القَاسِم (ط السادسة 1439 هـ)

’މުތޫން ޠާލިބިލް ޢިލްމި‘ (އިލްމު އުނގެނޭ ދަރިވަރުގެ މަތުނުތައް) ފުރަތަމަ މުސްތަވާ، ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްގާސިމު. (ހަވަނަ ޗާޕު 2018 މ.)

• النَّهجة السَّوِيَّة فِي تَرجَمَةِ الأَربَعِينَ النَّوَوِيَّةِ، لِصَلَاح الدِّين حُسَين بنِ مُوسَى المَحليّ.

އައްނަހްޖަތުއް ސަވިއްޔާ (ޙުސައިން ޞަލާޙުއްދީނުގެ ސާޅީސް ޙަދީޘް)، ޙުސައިން ޞަލާޙުއްދީން.

• تَرجَمَةُ الأَربَعِينَ النَّوَوِيَّةِ، لِحَسَّان بنِ عَبدِ الرَّزَّاقِ المَالدِيفِي.

ނަވަވީގެ ސާޅީސް ޙަދީޘްގެ ތަރުޖަމާ، ޙައްސާން ޢަބްދުއްރައްޒާގް.

• تَرجَمَةُ القُرآن الكَرِيم بِاللُّغَةِ المَالدِيفِيَّة.

ކީރިތި ގުރްއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް.

• قَامُوس المَالدِيفِي، لِلأَكَادِيمِيَّةِ اللُّغَةِ المَالدِيفِيَّة.

ދިވެހި ބަސްފޮތް، ދިވެހި ބަހުގެ އެކެޑަމީ.

• سِيَرُ أَعلَامِ النُّبَلَاءِ، الجُزءُ المَفقُودُ، لِلحَافِظِ شَمسِ الدِّينِ الذَّهَبِي.

މަތިވެރި ބޭކަލުންގެ ހަޔާތްތައް، އަލްހާފިޒު ޝަމްސުއްދީން އައްޛަހަބީ.

• الحَدِيثُ الضَّعِيفُ وَحُكمُ الاحتِجَاجِ بِهِ، لِلشَّيخِ عَبدِ الكَرِيمِ بِن عَبدِ اللَّهِ الخُضَيرِ.

ޟަޢީފު ޙަދީޘާއި އެއިން ހުއްޖަތް ގާއިމު ކުރުމުގެ ހުކުމް، ޢަބްދުލް ކަރީމު އަލްޚުޟައިރު.

• صَحِيح سُنَن التِّرمِذِي، صَحِيح التَّرغِيب وَالتَّرهِيب، تَحقِيق رِيَاض الصَّالِحِين، مِشكَاة المَصَابِيح، الجَامِع الصَّغِير وَزِيَادَاتِه، التَّعلِيقَات الحِسَان عَلَى صَحِيح ابن حِبَّان؛ لِمُحَمَّد نَاصِرُ الدِّين الأَلبَانِي.

ސަހީހު ސުނަނު އައްތިރްމިޛީ، ސަހީހު އައްތަރްޣީބް ވައްތަރްހީބް، ތަޙްގީގު ރިޔާޟުއްޞާލިޙީން، މިޝްކާތުލް މަޞާބީޙް، އަލްޖާމިޢުލް ޞަޣީރި ވަޒިޔާދާތިހި، އައްތަޢުލީގާތުލް ޙިސާން ޢަލާ ޞަޙީޙި އިބްނި ޙިއްބާން؛ މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ.


ޝަރަހަތައް

• جَامِعُ العُلُومِ وَالحِكمِ فِي شَرحِ خَمسِينَ حَدِيثًا مِن جَوَامِعِ الكَلَمِ، لِلحَافِظِ اِبنِ رَجَب الحَنبَلِي.

’ޖާމިޢުލް ޢުލޫމް ވަލްޙިކަމް‘ އިބްނު ރަޖަބު އަލްހަންބަލީ.

• شَرحُ الأَربَعِينَ النَّوَوِيَّةِ، لِمُحَمَّدٍ بنِ صَالِح العُثَيمِين.

ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީން.

• المِنحَةُ الرَّبَّانِيَّةُ فِي شَرحِ الأَربَعِينَ النَّوَوِيَّةِ، لِصَالِح بِن فَوزَان بِن عَبدِ اللَّهِ الفَوزَان.

‘އައްދުރަރުލް ބާޒިއްޔާ’ ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް ޢަޒީޒު ބިން ބާޒު.

• الدُّرَرُ البَازِيَّة شَرحِ الأَربَعِينَ النَّوَوِيَّةِ، لِعَبدِ العَزِيزِ بنِ بَاز.

– ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްގާސިމް.

• فَتحُ القَوِيُّ المَتِينُ فِي شَرحِ الأَربَعِينَ وَتَتِمَّةِ الخَمسِينَ، لِعَبد المُحسِنِ بِن حَمد العَبَّاد البَدر.

’ފަތުޙުލް ގަވިއްޔުލް މަތީން‘ — ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް މުޙްސިން އަލްޢައްބާދު.

• الرِّيَاضُ الزَّكِيَّة شَرَح الأَربَعِينَ النَّوَوِيَّة، لِعَبد الكَرِيم بِن عَبدِ اللَّهِ الخُضَير.

’ރިޔާޟުއް ޒަކިއްޔާ‘ — ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް ކަރީމު އަލްޚުޟައިރު.

• شَرحُ الأَربَعِينَ النَّوَوِيَّةِ، لِعَبدِ المُحسِن بنِ مُحَمَّد القَاسِم.

– ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްގާސިމް.

• التُّحفَةُ الرَّبَانِيَّة فِي شَرحِ الأَربَعِينَ حَدِيثاً النَّوَوِيَّة وَمَعَهَا شَرحُ الأَحَادِيثِ الَّتِي زَادَهَا اِبنُ رَجَب الحَنبَلِي، لِإِسمَاعِيلُ بِن مُحَمَّد بن مَاحي السّعدِي الأَنصَارِي.

’ތުޙްފަތުއް ރައްބާނިއްޔާ‘ — ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، އިސްމާޢީލު ބިން މުޙައްމަދު އަލްއަންޞާރީ.




— އަނބުރާ މައި ސަފުހާއަށް