ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނެ ހަމަ


ފޮތުގެ ޕީޑީއެފް

(ވަގުތުން ގަވާއިދަށް ދިޔުމަށް މިތަނަށް ފިތާލާ)




بِسمِ اللهِ الرَّحمَنِ الرَّحِيمِ


ދިވެހިބަހުގެ އެކެޑަމީ
މާލެ،
ދިވެހިރާއްޖެ

އިސްބަސް

ނިޢުމަތްތަކުގެ ވެރި މާތްﷲއަށް ޙަމްދާއި ޝުކުރުކުރަމެވެ. ރަޙުމަތުގެ ސާހިބާ މުޙައްމަދު (صلى الله عليه وسلم) އަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ. މި ޞަލަވާތާއި ސަލާމުގައި އެ ކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަމެވެ.

ކޮންމެ ބަހެއް ލިޔާން ބޭނުންކުރާ އަކުރުތަކުގައި ވެސް ނުކުތާއާއި އެކި ނިޝާންތައް ޖަހައިފައި ހުއްޓައި ފެނެއެވެ. ދިވެހިބަހުގައި ވެސް މި ކަން ހުރީ މިހެންނެވެ. ދިވެހިބަސް ލިޔާ ތާނަ އަކުރުގައި ނުކުތާ ޖަހައިގެން ފުރަތަމަ ތަޢާރަފުވެފައި ވަނީ "ޕ" އެވެ. އެއީ އެ އަޑު ރަމްޒުކޮށްދޭ ނިޝާނަކަށް ބޭނުންވުމުންނެވެ. އޭގެ ފަހުން ޢަރަބި ބަހުގެ ބައެއް އަޑުތައް ދިވެހިބަހުގައި އިސްތިޢުމާލުކުރާން ފެށި، އެއީ ދިވެހި އަޑުތައްކަމަށް ބަލައިގަނެވޭން ފެށުމުންނާއި ޢަރަބި އަޑުތައް ތާނައަކުރުން ރަމްޒުކޮށްދޭނެ އަކުރުތަކަކަށް ބޭނުންވުމުންނެވެ. ތާނައިގައި ހުރި ބައެއް އަކުރުތަކުގައި މަތީގައްޔާއި ތިރީގައި ނުކުތާ ޖަހައިގެން އައު އަކުރުތަކެއް އުފައްދައިގެންނެވެ. މިއީ އައު އަކުރުތަކެއް ނޫނެވެ. ވަކި އައު ތާނައެއް ނޫނެވެ. ތާނައަށް އިތުރުކުރެވުނު އަކުރުތަކެކެވެ. ނަމަވެސް ރަސްމީ ގޮތުން ވެސް ''ޕ'' ފިޔަވައި އަލަށް އުފެއްދި އެހެން އަކުރުތަކަށް ''ތިކިޖެހި ތާނަ" އޭ ކިޔައި ނަންދިނުމުގެ ސަބަބުން އެއީ ''ނޫފަންނަ'' އަކުރުތަކެއްކަމަށް ދިވެހީންގެ ބައެއް މީހުންނަށް ގަބޫލުކުރެވުނެވެ.

ކަން ހުރީ މިހެންކަމުގައި ވިޔަސް، 16 މާރިޗު 1957 (13 ޝަޢުބާން 1376) ގައި ވުޖޫދަށް އައި މި އަކުރުތައް ރަސްމީ މުޢާމަލާތުގައި ބޭނުންނުކުރާ ޒަމާނެއް ނުދެއެވެ. ދިވެހިބަސް ލެޓިން އަކުރުން ލިޔާން ފެށި އިރު ވެސް މި އަޑުތައް އެ އަކުރުތަކުން ރަމްޒުކުރެވޭނެ ގޮތް ހެދިއެވެ. އަދި 1987ގައި ތާނަ ޓައިޕްރައިޓަރު އުފެއްދީ ވެސް މި އަކުރުތައް ހިމަނައިގެންނެވެ. އޭގެ ފަހުން 19 ޖުލައި 2000ގައި ކޮންޕިޔުޓަރުން ތާނަ ލިޔާނޭ ގޮތް ތަޢާރަފުކުރީ ވެސް ހަމަ އެ އަކުރުތައް ހިމަނައިގެންނެވެ. މި ކަމުން އެނގެނީ ދިވެހީންނާ އިސްލާމް ދީން ގުޅި ލާމެހިފައި ވާހައި ދުވަހަކު މި އަޑުތައް ދިވެހީންނަކާ ވަތްކެއް ނުވާނޭކަމެވެ.

ތާނައިގެ ނުކުތާ ޖެހި އަޑުތައް އަޅުގަނޑުމެންނާ ވަކިވެގެން ނުދިޔަކަމުގައި ވިޔަސް މި ޚިޔާލާ ބީރައްޓެހި އަދި މި އަޑުތަކާ އިދިކީލި ބަޔަކު ވެސް ކޮންމެވެސް ވަރަކަށް އުޅޭކަމަށް އިވެއެވެ. މިހެން މި ވަނީ ތާނައިގައި ހުރި ނުކުތާ ޖެހި އަކުރުތަކަކީ ވަކި ތާނައެއްކަމަށް ނަންދެވި، ތާނައާ ވަކިކޮށްގެން ގެންގުޅެވޭތީކަމަށް ވެދާނެއެވެ. ތަޢުލީމުދިނުމުގެ ނިޒާމުގައި ކުދީންނަށް ދަސްކޮށްދެވެނީ މި އަކުރުތައް ވަކީންނެވެ. ނަތީޖާއެއްގެ ގޮތުން އަލަށް ތާނައިގެ ތެރެއަށް ވެއްދުނު އަކުރުތަކަކީ ބީރައްޓެހި އަކުރުތަކެއް ކަމުގައި ބެލެވި، އެ އަކުރުތަކާ އިދިކޮޅަށް ބަޔަކު ވާހަކަދައްކަނީ ކަމަށް ވެދާނެއެވެ.

ކޮންމެއަކަސް އެކި މީހުން އެކި ގޮތަށް މި އަކުރުތައް ބޭނުންކުރާން ފަށައިފިއެވެ. ނަމަވެސް ތާނައިގެ ތެރެއަށް އަލަށް ވެއްދުނު ނުކުތާޖެހި ގިނަ އަކުރުތަކަކީ ދިވެހީންނާ ވަކިނުކުރެވޭނެ އަޑުތަކެކެވެ. އެހެންކަމުން މި ފަދަ އަކުރުތައް ބޭނުންކުރާނެ ގޮތުގެ އުސޫލެއް ރަސްމީ ގޮތުން ކަނޑައަޅާން ޖެހިއްޖެކަމަށް މި އެކެޑަމީއަށް ގަބޫލުކުރެވުނީއެވެ. މި ކަމާ ގުޅޭ ގޮތުން ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން (ރަޙިމަހުﷲ) 1997 ގައި ފޮތެއް ވެސް ލިޔުއްވައިފައިވެއެވެ. މި ގަވާއިދު ލިޔުމުގައި އެ ފޮތަށް ރިޢާޔަތްކޮށްފައިވާނެއެވެ.

ކޮންމެއަކަސް ދިވެހިބަހުގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރުމުގައި ޢަމަލުކުރާނޭ އުސޫލަކަށް ބޭނުންވެއްޖެކަމަށް ފެނުނު ހިނދު، މި އޮތީ އެ ކަމަށް ޓަކައި ދިވެހިބަހުގެ އެކެޑަމީން އުސޫލެއް ކަނޑައެޅި އާންމުކުރެވިފައެވެ. މި އުސޫލަކީ ޢިލްމީ ގިނަ ބޭފުޅުންތަކެއްގެ މަޝްވަރާއާއި ލަފާފުޅުގެ މަތީން ކުރެވިފައިވާ މަސައްކަތެއްގެ ނަތީޖާއެވެ. އެ ބޭބޭފުޅުންގެ ނަންފުޅުތައް މި ފޮތުން އެނގިވަޑައިގަންނަވާނެއެވެ. އެ ހުރިހައި ބޭފުޅުންނަށް ވެސް ހިފެހެއްޓުމެއް ނެތި ޝުކުރު ދަންނަވަމެވެ.

އަޅުގަނޑު އެދެނީ މި އުސޫލުގެ މަތީން ރަސްމީ ލިޔުންތައް ބައްޓަންކުރައްވާން ހުރިހައި ދިވެހީން ވެސް އިސްކަން ދެއްވާނެކަމަށެވެ. އަދި ދަރިވަރުންނަށް ދިވެހިބަހުގެ އަކުރުތައް ދަސްކޮށްދެއްވާ އިރު، ނުކުތާޖެހި އަކުރުތަކާ އެކު ދަސްކޮށްދެއްވާން ސަމާލުކަން ދެއްވާނެކަމަށެވެ. މިއީ ދިވެހީންނާ ބީރައްޓެހި ހިލޭ އަކުރުތަކެއްކަމަށް ނުދެކޭނީ އޭރުންނެވެ. ނުކުތާ ޖެހި އަކުރުތަކަކީ ހުރިހައި ބަހެއްގެ އަލިފުބާގައި ވެސް ހުންނަ އެއްޗެއްކަމަށް ވާތީ އެ ފަދަ އަކުރުތަކަކީ ވަކި އަލިފުބާއެއްކަމަކަށް ނުދެކެމެވެ.

ދިވެހިބަހަށް އަދަށް ވުރެ ފަހި މާދަމާއެއް މިންވަރުކުރައްވާށިއެވެ! ދިވެހިބަހާއި އަދަބަށް އިތުރު ކުރިއެރުމާއި ފާގަތިކަން އިރާދަކުރައްވާށިއެވެ! އަޅުގަނޑުމެން އެންމެން ހެޔޮ ނިޔަތުގައި އިޚުލާޞްތެރިކަމާ އެކު މި ކުރާ މަސައްކަތުގައި ބަރަކާތްލައްވާށިއެވެ! އާމީން!

5 ޝައްވާލު 1445
14 އެޕްރީލް 2024

ޑރ. އަޝްރަފް ޢަބްދުއްރަޙީމް
ދިވެހިބަހުގެ އެކެޑަމީގެ ރައީސް




ތަޢާރަފު

ދިވެހިބަސް ކަނާތުން ވާތަށް ލިޔުމަށް ޓަކައި، ދިވެހި ކާބަފައިން ވިޔައަކުރު ބޭނުންކުރައްވައިގެން އުފެއްދެވި ތާނައިގެ އަކުރުތަކަކީ އެ އަކުރުތައް އުފެއްދި ޒަމާނުގައި ބަހުގައި ހުރި ހުރިހައި އަޑުތަކެއް ރަމްޒުކުރާން އުފެއްދެވި އަކުރުތަކެއްކަމަށް ގަބޫލުކުރެވެއެވެ. އޭގެ ފަހުން އިތުރު އަޑުތައް ބަހުގެ މުއާމަލާތުގައި ބޭނުންކުރާން ފެށުމުން އެ އަޑުތަކަށް ވެސް ރަމްޒުތަކެއް ބޭނުންވިއެވެ. އަލަށް ތަޢާރަފުވި އަޑުތަކަށް ރަމްޒު އުފައްދައިފައި ވަނީ ކުރީން ހުރި އަކުރުތަކުގައި ނުކުތާ ޖަހައިގެންނެވެ. މިސާލަކަށް /ފ/ގެ ތިރީގައި ނުކުތާ ޖަހައިގެން /ޕ/ އަޑެވެ. އަލަށް އިތުރުކުރެވުނު މި ހުރިހައި އަކުރުތަކެއްގެ ތަފުސީލު ވެސް މި ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. މި އަކުރުތައް އުފެއްދެވި ޒަމާނުގައި ވެސް އަދި އޭގެ ފަހުން ވެސް މި އަކުރުތައް ބޭނުންކުރުން މަޖުބޫރުވާ އެއްވެސް ގާނޫނެއް ގަވާއިދެއް ނެތެވެ. ހަމައެކަނި އިޢުލާނުކުރައްވައިފައި ވަނީ ޢަރަބި އަޑުތަކުގެ ބަދަލުގައި ތާނައިން ބޭނުންކުރާނެ އަކުރުތަކެކެވެ. އަދި ފަހުން ލެޓިން އަކުރު ތަޢާރަފުވި ޒަމާނުގައި އިތުރުކުރެވުނު ދެ އަކުރަކީ ވެސް ލެޓިން އަކުރު ރަމްޒުކޮށްދޭ ދެ އަޑެއް ރަމްޒުކޮށްދިނުމަށް ޓަކައި ތަޢާރަފުކުރެވުނު ދެ އަކުރެވެ. މި ދެންނެވި ހުރިހައި އަކުރުތަކެއް ފެނިވަޑައިގަންނާނެ ތާވަލެއް މި ފޮތުގައި ވާނެއެވެ.

އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމާ އެކު، ނުކުތާޖަހައިގެން ތާނައަށް އަލަށް އިތުރުކުރެވުނު އަކުރުތައް ބޭނުންކުރުމުގައި ބައެއް ބޭފުޅުންގެ މެދުގައި ޚިޔާލުފުޅު ތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ.

މިއީ ތާނައިގައި ނުކުތާޖަހައިގެން އުފައްދައިފައި ވާ އަކުރުތައް ބޭނުންކުރާނޭ އުސޫލު ބަޔާންކުރުމަށް ޓަކައި ދިވެހިބަހުގެ އެކެޑަމީން އާންމުކޮށް ފުރަތަމަ ފަހަރަށް ޝާއިޢުކުރާ ލިޔުމެކެވެ. މި އުސޫލުގައި ބަޔާންކޮށްފައި މި ވަނީ ދިވެހިބަހުގެ އެކެޑަމީން ގަބޫލުކުރާ ހަމަތަކެވެ. މި ހަމަތަކާ އެއްގޮތަށް ރަސްމީ ހުރިހައި ލިޔެކިޔުންތައް ބައްޓަންކުރުމަކީ ފަހަރަށް އޮޅުންތައް ކުޑަވާނޭ ކަމެއްކަމަށް ދެކެމެވެ. ނުކުތާޖަހައިގެން އިތުރުކުރެވިފައިވާ އަކުރުތަކަކީ ވަކި ތާނައެއް ނޫނެވެ. އެއީ ތާނައިގައި ހުރި އަކުރުތަކެއްގައި ނުކުތާޖަހައިގެން އިތުރުކުރެވިފައި ވާ އަކުރުތަކެކެވެ. އެ އަކުރުތަކަކީ މިހާރު ތާނައިގައި ހިމެނޭ އަކުރުތަކެކެވެ.




އަލަށް އިތުރުކުރެވުނު އަކުރުތަކަކީ ކޮބާ؟

މީގެ ގާތްގަނޑަކަށް ނުވަ ގަރުނުގެ ކުރީއްސުރެ ދިވެހީންނަކީ މުސްލިމުންކަމަށް ވާތީ، ދިވެހި ލިޔެކިޔުންތަކުގައި ޢަރަބި އެކި ލަފުޒުތަކާއި ޚާއްޞަކޮށް ދީނީ މަފުހޫމުތައް ހިމަނާން ޖެހުނެވެ. ކުރީން އެވޭލާ އަކުރާއި ދިވެސް އަކުރު ލިޔުނީ ވާތުން ކަނާތަށްކަމަށް ވެފައި، ޢަރަބި ލިޔަނީ ކަނާތުން ވާތަށްކަމަށް ވާތީ، ދިވެހި ލިޔެކިޔުމުގެ ތެރޭގައި ޢަރަބި ލަފުޒު ބޭނުންކުރާން އުނދަގޫވިއެވެ. މި ކަމާ މެދު ދިވެހި ކާބަފައިން ވިސްނާން ފެށުމުގެ ނަތީޖާއަކަށް ވީ، ކާނާތުން ވާތަށް ލިޔެވޭ ގޮތަށް، ތާނަ އަކުރު އީޖާދުވުމެވެ. ތާނަ އަކުރާއި ޢަރަބި އަކުރު، އެއް ކޮޅަކުން ލިޔާތީ ފަސޭހަވިޔަސް، ލިޔުންގަނޑުގެ ތެރޭގައި ޢަރަބި ލަފުޒުތައް ހުރި ގޮތަށް ޢަރަބި އަކުރުން ލިޔުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ، އެ ފަދަ ލަފުޒުތައް ތާނައިން ލިޔާން ވިސްނިއެވެ. ނަމަވެސް ޢަރަބި ލަފުޒުގެ މަޚުރަޖުން ނޫން ގޮތަކަށް އެ ފަދަ ލަފުޒުތައް ކިޔާކަށް ދިވެހީން ބޭނުމެއް ނޫނެވެ.

ޢަރަބި މަޚުރަޖުތަކުން ކިޔާ އަޑުތައް އަންގައިދޭ ނިޝާނެއް އޭރަކު ތާނައިގައެއް ނުހުރެއެވެ. އެހެންކަމުން، ޢަރަބި އަކުރުތަކުގެ އަޑުތައް ދޭހަކޮށްދޭ ނިޝާންތަކެއް، ތާނަ އަކުރުގައި ނުކުތާ ޖަހައިގެން 16 މާރިޗު 1957 (13 ޝަޢުބާން 1376)ގައި، ދައުލަތުން އުފައްދަވައި ވުޒާރަތުލްމަޢާރިފުން އިޢުލާނުކުރެއްވިއެވެ. އެ އަޑުތަކަށް ކަނޑައެޅި ނިޝާންތަކަކީ: /ޙ/ /ޚ/ /ޢ/ /ޣ/ /ޛ/ /ޘ/ /ޤ/ /ޘ/ /ޝ/ /ޞ/ /ޟ/ /ޠ/ /ޡ/ މި އަކުރުތަކެވެ. މީގެ އެތައް ޒަމާނެއްގެ ކުރީން ޕ އޮތީ އުފެދިފައެވެ. އަދި ފަހުން 23 މޭ 1977ގައި ދިވެހިބަސް ލެޓިންއަކުރުން ލިޔާން ގަވާއިދެއް އެކުލަވައިލި އިރު، ޜ އާއި ޥ އުފެއްދިއެވެ. ނަމަވެސް ތާނައިގައި މީގެ ކުރީން ނުކުތާޖަހައިގެން އިތުރުކުރެވިފައި ވާ އަކުރުތަކުގެ ތެރޭގައި ކުރީން ވެސް /ޕ/ ހިމަނައިފައެއް ނެތެވެ.

ތިރީގައި މި ވަނީ ތާނައިގެ އަކުރުތަކުގައި ނުކުތާޖަހައިގެން އެކި ދުވަސްވަރު ތާނައަށް ވައްދައިފައި ހުރި ހުރިހައި އަކުރުތަކަކާއި އެ އަކުރުތައް ރަމްޒުކޮށްދޭ ޢަރަބި އަކުރުތަކާއި ލެޓިން އަކުރުތަކެވެ. ވީމާ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުން ތާނައިގައި ތިކިޖެހި އަކުރުތައް ހެޔޮކޮށް ބޭނުންކުރެވޭނީ މި އަކުރުތައް ވެސް ދަސްކޮށްގެންނެވެ.




ތާނައިގައި ހުރި ނުކުތާޖެހި އަކުރުތަކާއި އެ އަކުރުތައް ރަމްޒުކޮށްދޭ ޢަރަބި/ ލެޓިން އަކުރުތައް

ތާނަ ޢަރަބި ދިވެހި ލެޓިން އިނގިރޭސި (ލެޓިން)
ޙ ح H’ -
ޚ خ kh -
ޜ - × -
ޢ ع A’ E’ I’ O’ U’ -
ޣ غ Gh -
ޥ و w W
ޛ ذ Dh’ -
ޘ ث Th’ -
ޠ ط T’ -
ޡ ظ Z’ -
ޤ ق Q -
ޝ ش Sh’ sh
ޞ ص S’ -
ޟ ض L’ -
ޕ - P P

ނޯޓު: މި ތާވަލުގައި ވާ ލަފުޒުތަކުގެ ތެރެއިން /ވ/ އެއީ ލިޔެކިޔުމުގެ އިސްތިއުމާލުގައި ބޭނުންކުރާތީ ފެންނަ އަކުރެއް ނޫނެވެ. އަދި /ޜ/ މި އަކުރަކީ ވެސް ވަރަށް މަދުން ނޫނީ ބޭނުންކުރާ އަކުރެއް ނޫނެވެ. މިއީ މައް ދިވެހި ދޫތަކަށް ފަސޭހަ އަޑުތަކެއް ވެސް ނޫނެވެ.

ދިވެހިބަސް އިނގިރޭސި (ލޭޓިން) އަކުރުން ލިޔުމުގެ ގަވާއިދު (23 މޭ 1977)




ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނެ ގޮތް:


1. ދިވެހި ލަފުޒުތަކުގެ ތެރެއިން މާނަ ފުށުއަރާ ލަފުޒުތަކުގައި ނުކުތާޖެހި އަކުރު ބޭނުންކުރުން

(ހ) ކިޔާ ގޮތާއި މާނަ، އޮޅިދާނެކަމަށް ޓަކައި އެ ފަދަ ލަފުޒުތަކުގައި ނުކުތާޖެހި އަކުރު ބޭނުންކުރުން

މިސާލު: ޤާޟީ، ޣާޒީ، މި ފަދަ ލަފުޒުތައް މި ގޮތަށް ލިޔުން.

(ށ) ނުކުތާނުޖަހާ އަކުރު އެކަނި ބޭނުންކޮށްފި ނަމަ މާނަ އޮޅިދާނެކަމަށް ޓަކައި އަސްލު ލަފުޒުގެ މަޚުރަޖު ފާހަގަކުރާ ނުކުތާޖެހި އަކުރު ބޭނުންކުރުން.

މިސާލު: I. "ޢަމަލު" އާއި "''"އަމަލު" ތަފާތުކޮށް ލިޔުން

ޢަމަލު: ކުރާ ކަންތައް، މަސައްކަތް

އަމަލު: މަސްތު، އެއްޗެއް ކައިގެން ނުވަތަ ބޮއިގެން ނުވަތަ ބޭނުންކޮށްގެން ނުވަތަ މި ނޫން ވެސް ގޮތަކަށް ވާ މަސްތު

II. ޚަބަރު"އާއި :ހަބަރު" ތަފާތުކޮށް ލިޔުން"

ޚަބަރު: އާދަޔާ ޚިލާފު، އަލަށް ލިބޭ، ތާޒާ މައުލޫމާތު

ހަބަރު: ބޭހަށް ގެންގުޅޭ ހިތިރަހަ ގަދަ، ކަޅުކުލައިގެ އެއްޗެއް


.2 ނުކުތާ ނުޖެހިޔަސް މާނަ އަރައިރުންނުވާ ލަފުޒުތައް ނުކުތާ ނުޖަހައި ހުރި އަކުރުން ލިޔުން

މިސާލު: ހަގީގަތް، ގައުމު، އަސްލު، އުސޫލު، ގަވާއިދު، ހާސިލު، މަގުސަދު، ތަހުގީގު


3. ދިވެހި އަޑުތަކުގެ ގޮތުގައި މިހާރު ހިމެނިފައިވާ، /ޣ/އާއި /ޚ/އާއި /ޝ/ މި ތިން އަޑު ދޫނުކޮށް އެ ފަދަ މަޚުރަޖުތައް ރަމްޒުކޮށްދޭ ނުކުތާޖެހި އަކުރުތައް ބޭނުންކުރުން

މިސާލު، ޚަބަރު، ޚިޔާލު، މަޣުރިބު، މަޝްހޫރު


4. އަންނަނިވި ބާވަތުގެ ލަފުޒުތައް ލިޔާ އިރު ނުކުތާ ޖަހާން ޖެހޭ އަކުރުތަކުގައި ނުކުތާ ޖަހައިގެން ލިޔުން

(ހ) ހިޖުރީ މަސްމަހުގެ ނަންތައ:ް

މިސާލު: ޝަޢުބާން، ރަމަޟާން، ޛުލްޤަޢިދާ، މުޙައްރަމް

(ށ) މީހަކަށް ކިޔާ ޢަރަބި ނަމެއް ރަސްމީ ލިޔުމެއްގައި ލިޔާ ނަމަ:

މިސާލު: ޢަބްދުއްރަޙުމާން، މަރްޔަމް ޢީސާ، ޤާސިމް، ނާޡިމް، ޢަޒީޒު

(ނ) ބައެއް ކަހަލަ މަޤާމުތަކަށް ޢަރަބި ބަހުން ކިޔާ ނަންތައް:

މިސާލު: ޤާޟީ، ޢާމިލު، މުޙާމީ

(ރ) މާތްﷲގެ އޮނަސައްތަ އިސްމުފުޅުގެ ތެރެއިން އިސްމުފުޅެއް ލިޔާ ނަމަ:

މިސާލު: އައްރަޙުމާން، އައްރަޙީމް، ޛުލްޖަލާލިވަލްއިކްރާމް


5. ދިވެހި ދޫތަކާ ބީރައްޓެހި އަޑުތައް ދިވެހި ލަފުޒުތަކަށް ނުވައްދައި އެ އަޑާ އެންމެ ގުޅޭ ދިވެހި އަޑުން ލިޔުން

މި ދެންނެވި ފަދަ އަޑުތައް ރަމްޒުކޮށްދޭ އަކުރުތަކާއި އެ އަޑުތަކާ އެންމެ ގުޅޭ އަޑުތަކާއި ނިޝާންތަކަކީ:

ޢަރަބި އަޑުގެ ރަމްޒު ބަދަލުގައި ބޭނުންކުރާންވީ ތާނައަކުރު ބައެއް މިސާލު
ޘ ސ ީޙާދިޘާ = ހާދިސާ، ބަޙުޘް = ބަހުސް، ޘާނަވީ = ސާނަވ
ޛ ޒ އިޛުނަ = އިޒުނަ، މުއައްޛިން = މުއައްޒިނު، އިންޛާރު = އިންޒާރު
ޟ ޒ ޙާޟިރީ = ހާޒިރީ، މާޟީ = މާޒީ، އުސްތާޛު = އުސްތާޒު
ޡ ޒ ނާޡިރު = ނާޒިރު، ޥަޡީފާ = ވަޒީފާ، މަޡުލޫމް = މަޒުލޫމު
ޥ ވ ޥަލީދު = ވަލީދު، ޥަހުމް = ވަހުމް، ޥަޙީދު = ވަޙީ
ޜ ޒ / ޝ ޑިވިޜަން = ޑިވިޝަން، ޓެލެވިޜަން = ޓެލެވިޒަން

6. ޢަރަބި އަޑުތައް ތާނައަކުރުން ލިޔެ ދައްކާންޖެހޭ ހާލަތެއްގައި ލިޔުމަށް ޓަކައި ނުކުތާޖެހި އަކުރުތައް އުވި ދިޔަނުދީ އެ ގޮތުގައި ދެމެހެއްޓުން

މިސާލު: ޞައްލަالله ޢަލައިހި ޥަސައްލަމް


7. މުޅިން ދިވެހިވެފައި ހުންނަ ލަފުޒުތައް ނުކުތާ ނުޖަހާ އަކުރުތަކުން ލިޔުމަކީ އެންމެ ރަނގަޅު އަދި އެދެވޭ ގޮތް ކަމުގައި ވިޔަސް، އަދި އެ ފަދަ ލަފުޒުތައް އެ ގޮތަށް ރަދީފަށް ވަދެފައި ހުއްޓަސް، ނުކުތާ ޖަހައިގެން ލިޔާން ބޭނުންވާ މީހުންނަށް އެ ހައްގު އޮންނާނެކަން ގަބޫލުކުރުން


8. ނުކުތާޖަހާން ނުޖެހޭ އަކުރެއްގައި ނުކުތާ ނުޖެހުން

މިސާލު: ވަސީލަތް މި ލަފުޒުގެ ސ.ގައި ނުކުތާ ޖަހައިގެން ވަޞީލަތް މި ގޮތަށް ނުލިޔުމާއި ވަޞީލަތް ލިޔާ ނަމަ، ނުކުތާ ޖަހައިގެން ލިޔުން. (އެހެނީ، ''ވަސީލަތް" މި ލަފުޒާއި ''ވަޞީލަތް" މި ލަފުޒަކީ ތަފާތު ދެ މާނައެއް ދޭހަވާ ތަފާތު ދެ ލަފުޒެކެވެ. ވަސީލަތް މި ލަފުޒަކީ ޢަރަބި އަސްލުން އައިސް ދިވެހި ރަދީފަށް ވަދެފައިވާ ލަފުޒެކެވެ. މާނައަކީ ''ކަމެއްކުރާން ބޭނުންކުރާ މީހާ ނުވަތަ އެތި ނުވަތަ ކަންތައް" ކަމަށް ރަދީފުގައި އޮވެއެވެ. ނަމަވެސް، "ވަޞީލަތް" އެއީ ދިވެހި ލަފުޒެއް ނޫނެވެ. އެހެންވީމާ، ''ވަސީލަތް" މި ލަފުޒުގެ މާނައިގައި ''ވަޞީލަތް" ބޭނުމެއް ނުކުރެވޭނެއެވެ. ''ވަޞީލަތް" މިއީ ދިވެހިބަހުގެ ރަދީފުގައި އޮންނަ ލަފުޒެއް ވެސް ނޫނެވެ. އެއީ ''ޥަޞަލަ" (ވާސިލުވުން) މި ލަފުޒުން ނެގިފައި ވާ ލަފުޒެކެވެ.)


9. ލަފުޒުގެ ލިޔަކުރު ޗެކުކުރުމަށް ޓަކައި ރަދީފު ބަލައި ރަދީފުގައި އޮންނަ ގޮތަށް ލިޔުން. (ރަދީފުގައި ދެ އިޚުތިޔާރެއް އޮންނަ ލަފުޒެއް ނަމަ، ދިވެހިބަހުގެ އެކެޑަމީން އިސްކަން ދޭނީ ނުކުތާ ނުޖަހައި އޮންނަ ލަފުޒަށެވެ. އަދި އެކެޑަމީގެ އިރުޝާދަކީ ވެސް އެއީއެވެ.)

މިސާލު: ގައުމު، ޤައުމު؛ އުސޫލު، އުޞޫލު؛ އަސްލު، އަޞްލު؛ ހަގީގަތް، ޙަޤީޤަތް


10. އިސްތިސްނާ

(1) މީހުންގެ ނަމުގެ ކުރިއަށް ގެންނަ، "އަލްފާޟިލް"، "އަލްފާޟިލާ" މި ލަގަބު ޢަރަބި އަޑު ރަމްޒުވާ ގޮތަށް ލިޔުން.

މިސާލު: އަލްފާޟިލް މޫސާ މުރުޝިދު އަޙުމަދު

އަލްފާޟިލާ ފާޠިމަތު ޒަހިއްޔާ މޫސާ

(2) މާތްاللهގެ ޒާތުފުޅުގެ އިސްމުފުޅު (ލަފުޒުލްޖަލާލާ) ދިވެހިބަހުން ލިޔެވުނަސް އެ އިސްމުފުޅު ހަމައެކަނި ޢަރަބި އަކުރުން ލިޔުން. (އެއީ އެ އިސްމުފުޅަށް ދިވެހިބަސް ކުރާ އިޙުތިރާމެއްގެ ރަމްޒެއްގެ ގޮތުންނެވެ.) މިސާލު: الله، މާތްالله، الله ސުބްޙާނަހޫ ވަތަޢާލާ، الله ޖައްލަ ޖަލާލުހޫ


11. އިތުރު މައުލޫމާތައް

ބޭރު ލަފުޒުގައި ސުކުނުގެ އަޑު ދޭހަވާ އަލިފުސުކުނާއި ތާ ސުކުން، ޢަރަބި ލަފުޒުގައި ޢައިނާއި ޣައިނާއި ހަމްޒާ ހުންނަ ޢަރަބި ލަފުޒުތައް ނުކުތާ ޖެހި އަކުރުން ލިޔުނަސް ޢ، ޣ، އ ފަދަ އަކުރުތަކުގައި ހުންނަ ސުކުނުގެ ބަދަލުގައި، ތާނައިން ލިޔާއިރު އުބުފިލިޖެހުން. (އެއީ ދިވެހިބަހުގައި އެ އަކުރުތަކުގައި ސުކުންޖެހުމުން ކިޔާ ގޮތް ތަފާތުވާތީ އޮޅިދާނެކަމަށް ޓަކައެވެ.)

މިސާލު: މުއުމިނު، ނޯތު ހާބަރު، މަޣުފިރަތު، މަޢުރިފާ، ހެލްތު، އެލިޒަބަތު


އޮޅުންފިލުވައިދިނުމެއް

11ވަނަ ނަންބަރުގައި ވާ މައުލޫމާތަކީ ހަގީގަތުގައި ނުކުތާޖެހި އަކުރުތައް ލިޔުމާ ބެހޭ ހަމައެއް ނޫނެވެ. ނަމަވެސް ތާނަ ލިޔުމުގައި އޮޅުން އަރާތީ އިތުރު މައުލޫމާތެއްގެ ގޮތުގައި މި ކަން ފާހަގަކުރީއެވެ.




— އަނބުރާ މައި ސަފުހާއަށް