🍼 ދަރިފުޅަށް އަގީގާ ކަތިލުމަށް ފިތާލައްވާ


އިސްލާމިކް މިނިސްޓްރީގެ ފިރިހެން ނަންތައް (24/1/14، 92 ސ، 2040 ނަން)

އިސްލާމިކް މިނިސްޓްރީގެ އަންހެން ނަންތައް (6/1/14، 93 ސ، 1956 ނަން)

އިސްލާމިކް މިނިސްޓްރީގެ ފަހުން ފާސްކޮށްފައިވާ ފިރިހެން ނަންތައް (30/12/13، 11 ސ، 239 ނަން)

އިސްލާމިކް މިނިސްޓްރީގެ ފަހުން ފާސްކޮށްފައިވާ އަންހެން ނަންތައް (22/9/13، 7 ސ، 166 ނަން)

މާލޭ ސިޓީ ކައުންސިލުގެ ނަން ލިސްޓު (10/3/22، 169 ސ، 4141 ނަން)

ޕީޑީއެފްތަކުގައިވާ ޖުމްލަ ނަމުގެ އަދަދު: 8541

އެންމެ ފަހުން ޕީޑީއެފްތައް ބެލި ތާރީޚު: 23/3/24


"The text presented here is exclusively for research and educational purposes. It is intended for non-commercial fair use only."


⚠️ ނަން ހަދާއިރު، ރަނގަޅު ފޯމެޓަކީ: ދަރީގެ ނަން، ދެން ބައްޕަގެ ނަން، ދެން ކާފަގެ ނަން، މިއެވެ. މިސާލަކަށް: މުޙައްމަދު ޢަލީ އާދަމް. މިތާ ދަރީގެ ނަމަކީ މުޙައްމަދެވެ. އަދި ބައްޕަގެ ނަމަކީ ޢަލީއެވެ.

އަދި ދަރިންނަށް ކިޔާ ނަމަކަށް ދެ ނަން ދިނުން ރަނގަޅެއް ނޫނެވެ. މިސާލަކަށް އަޙްމަދު ޙުސައިން، ނުވަތަ ފާތުމަތު ސުހާ، މި ގޮތް ގޯހެވެ. ދަރިއަށް ކިޔާނީ އެންމެ ނަމެކެވެ. އެ ގޮތުން އަޙްމަދު ނޫނީ ޙުސައިނެވެ. އަދި ފާތުމަތު ނޫނީ ސުހާއެވެ.

މި ނަންފޮތުގައި ނުވަ ހާސް ވަރަކަށް ނަން ހިމެނިފައިވާ އިރު، އަދި މުޅިން އެއްކޮށް މުރާޖާކޮށް ނުއެއް ނިމެއެވެ. ޑޭޓާ އެންޓްރީގެ ސަބަބުން މެދުވެރިވާ ކުށްތައް ހުންނާނެއެވެ. އެ ގޮތުން ފާސްވިކަމަށް ޖެހުނު ބައެއް ނަންތައް ފާސްވެފައި ނުހުރެދާނެއެވެ. އެހެންކަމުން އަމިއްލައަށް ކަށަވަރުކުރުން މުހިއްމެވެ.

އަދި އަސްލަށް ފާސްވި ބައިވަރު ނަންތައް އެއީ ފާސްވެފައިވާ ގޮތަށް ކިޔަން ރަނގަޅު، ހެޔޮވާ ނަންތަކެއް ނޫނެވެ. ކުޑަ މިސާލެއް ދަންނަވާ ނަމަ، އަނަސް އަކީ އަންހެން ނަމެއް ކަމަށް ލިސްޓުގައި އެބަހުއްޓެވެ. ވީމާ މައިންބަފައިން މި ކަންކަން ވަރަށް ބޮޑަށް ބަލަން އެބަ ޖެހެއެވެ. ހަމައެކަނި ފާހަށް ބަރޯސާވެގެން އަތްއުރާލައިގެން ތިބެން ކަމަކުނުދާނެއެވެ. އެހެނީ މިހާރު ނަން ފާސްކުރުން ވަނީ މާ ފަސޭހަ ކަމަކަށް ވެފައެވެ. އަދި ނަން ސަހަލު ނޫނަސް، ލާރިކޮޅެއް ދިނީމާ މައިންބަފައިން ބޭނުންވާ ގޮތަށް ގޯސް ނަންތައް ފާސްކުރާ މީހުން މަދެއް ނޫނެވެ.

އަދި ދަންނާށެވެ. މިހާރަކަށް އައިސް ޖާހިލުން ހަދާހެން، ތާކުންތާކު ނުޖެހޭ ފަރަންޖީ ނަންތައް ދަރިންނަށް ކިޔުމާއި، މައިންބަފައިންގެ ނަންތައް ގޮތްގޮތަށް އެއްކޮށްގެން ދެކޮޅުނުޖެހޭ ނަންތައް ހަދަން އުޅުމަކީ އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ. އަދި އެއީ ދީނަށް އިސްކަމެއް ދޭ، ބުއްދީގެ ބޭނުން ހިފާ ބަޔަކު ކުރާނެ ވެސް ކަމެއް ނޫނެވެ. މި ކަންކަމާ މެދު ފަރުވާތެރިވާން ޖެހެއެވެ. ސަބަބަކީ، ދަރިންނަކީ ﷲ ތިބާއަށް ދެއްވި އަމާނާތެކެވެ. އެހެންކަމުން ލޯބިވާ ދަރިފުޅަށް ނަންކިޔާ އިރު އެ ނަމަކީ ރަނގަޅު، މާނަ ސަހަލު، އަދި ކިޔަން ކަމުދާ ނަމެއްކަން ކަށަވަރުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ދަރިންނަށް ނަންދިނުމަކީ ކުޅިވަރެއް ނޫނެވެ. ރީތި ނަންތައް ބައިވަރެވެ. ސަހާބީންނާއި ތާބިއީންނާއި އެއަށްފަހު ވަޑައިގެންނެވި ސާލިހު މީހުންގެ ނަންތައް ހާހުން ހާހުން އެބަހުއްޓެވެ. އެ ގޮތުން ރިޖާލުންގެ އިލްމު ފޮތްތައް ހުޅުވާލިޔަސް ހުސްނުވާނެއެވެ. ނަމަވެސް ހިތާމައަކީ، މިހާރުގެ މީހުން އުޅެނީ ކިޔާނެ ނަމެއް ނޭނގިގެން، ނުވެސް ބަލާހުއްޓާ ނަންތައް ހުސްވިހެން ހީވެގެންނެވެ. އެހެންވީމާ ނުވެސް ނެތް ނަންތައް ޖެހުނު ގޮތަކަށް އުފައްދަނީއެވެ. އަދި މުސްލިމަކަށް ނުކިޔޭނެ ނަންތައް ވެސް ހަމަ ކިޔާ ނިންމަނީއެވެ. އެހާ ފަސޭހައިން ރަނގަޅު ނަންތައް ލިބެން ހުއްޓާ، އެހާމެ ހިތްގައިމު ގިނަ ނަންތައް އޮތަސް، އެއިން ނަމެއް ކިޔާކަށް މިހާރުގެ މީހުން ބޭނުމެއް ނުވެއެވެ. އެއާ ޚިލާފަސް ބޭނުންވަނީ ނެތްވަރުން ތަކުލީފު އިތުރުކޮށް، ގޮތްގޮތަށް ނަންތަކެއް ޖަހާ އެއްކޮށް މޮޑެގެން ހަޑިހާވަންށެވެ. ނުވަތަ ކޮންމެ ވެސް ކާފިރު ނަމެއް މުސްލިމު ދަރިއަކަށް ކިޔަންށެވެ. އެ ގޮތުން ދަރިފުޅަށް ޒިނޭކުރާ މީހާއޭ ކިޔަން ވެސް އުޅެފިއެވެ. އަދި ޖަނަވާރު ގުއިގަނޑޭ ވެސް ކިޔަން އުޅެފިއެވެ. އަދި ޔަހޫދީންގެ އަޅުކަމުގައި ބޭނުންކުރާ ލަފްޒުތައް ނަމަކަށް ދޭން އުޅެފިއެވެ. އެހެން ދީންތަކުގެ ކަލާނގެތަކަށް ކިޔާ ނަންތައް ވެސް ދީފައި އެބަހުއްޓެވެ. މިއީ ކޮންފަދަ ކަމެއްހެއްޔެވެ؟ މިއަށް ވުރެ ހިމާރު ކިޔަސް ފިރްޢައުނު ކިޔަސް މާ ތާހިރުވީހެވެ. މިހެން ފަރުވާކުޑަކޮށް ބަލާނުލެވި ހުއްޓާ، އެހެން މީހުން ހަދާހާ ގޮތަށް ތަބާވެގެން، އައިސް ގޮސް އުޅޭ ޓްރެންޑަކަށް ފޮލޯކުރަން ހަދައިގެން، އުމުރު ދުވަހަށް ދަރިފުޅަށް ކިޔާ ނަމަކީ ހަމަނުޖެހޭ ސަކަރާތް ނަމަކަށް ހެދުމުގެ ޒިންމާ އާޚިރުގައި ނަގަން ޖެހޭނީ ހަމަ މައިންބަފައިންނެވެ. އެހެންވީމާ މި ކަންކަމަށް ސަމާލުވެ، އަހައްމިއްޔަތުކަން ދިނުންހުއްޓެވެ.