اسم الكتاب: الانتصار لأصحاب الحديث - لأبي المظفر السمعاني (ت ٤٨٩ هـ)
تحقيق: محمد بن حسين بن حسن الجيزاني | الناشر: مكتبة أضواء المنار - السعودية | الطبعة الأولى ١٤١٧ هـ - ١٩٩٦ م.

ފޮތުގެ ނަން: ޙަދީޘްގެ އަޞްޙާބުންނަށް ނަޞްރުދިނުން | ލިޔުނީ: އަބުލް މުޡައްފަރު މަންޞޫރު ބްނު މުޙައްމަދު އައްސަމްޢާނީ (489 ހ.)
ތަހްގީގުކުރީ: މުޙައްމަދު ބިން ޙުސައިން އަލްޖީޒާނީ | މަކްތަބަތު އަޟްވާއިލް މަނާރު | ފުރަތަމަ ޗާޕު 1417 ހ. - 1996 މ.

އަރަބި އީ-ފޮތް | ޕީޑީއެފް

ދާރު ފިތްޔަތިލް ކަހްފިގެ ދިވެހި ތަރުޖަމާގެ ޕީޑީއެފް


ތަރުޖަމާގެ މުގައްދިމާ - المقدمة

من سلسلة الرسائل العلمية لدار فتية الكهف

ދާރު ފިތްޔަތިލް ކަހްފިގެ ޢިލްމީ ލިޔުންތަކުގެ ސިލްސިލާގެ ތެރެއިން

8


الانتصار لأصحاب الحديث

للإمام أبي المظفر منصور بن محمد السمعاني

المتوفى سنة ٤٨٩ هـ


ޙަދީޘްގެ އަޞްޙާބުންނަށް ނަޞްރުދިނުން

އަލް އިމާމް އަބުލް މުޡައްފަރު މަންޞޫރު ބްނު މުޙައްމަދު އައްސަމްޢާނީ رحمه الله

އަވަހާރަވީ (489 ހ.)


ތަރްޖަމާ ކުރީ:

مازع بن أبي عبد الله الأثري

މާޒިޢު ބްނު އަބީ ޢަބްދި ﷲ އަލް އަޘަރީ

މިފޮތް ޗާޕުކޮށް ނެރެ ޝާއިޢު ކުރުމުގެ ޙައްޤު، ކޮންމެ މުސްލިމު ފަރުދެއްގެ މައްޗަށްވެސް ލިބިގެންވެއެވެ. އެހެނަސް އެއީ، މިފޮތުގައި ލިޔެފައިވާ އެއްވެސް އެއްޗަކަށް އެއްވެސް އުނިއިތުރުކުރުމެއް ނުވަތަ ބަދަލުކުރުމެއް ނުގެންނެވުމުގެ ޝަރުޠުގެ މަތީންނެވެ.


ފުރަތަމަ ޗާޕު

ރަމަޟާން 1445ހ / މާރްޗް 2024މ


دار فتية الكهف

ދާރު ފިތްޔަތިލް ކަހްފި

https://t.me/DarAlFityah

YouthOfCaveDFK@gmail.com


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

މުއައްލިފުގެ ތަޢާރަފެއް

އެކަލޭގެފާނަކީ ޚުރާސާނުގެ މުފްތީ، ޝާފިޢީންގެ ޝެއިޚު އިމާމް އަބުލް މުޡައްފަރު މަންޞޫރު ބްނު މުޙައްމަދު ބްނު ޢަބްދުލް ޖައްބާރު އައްތަމީމީ އައްސަމްޢާނީ އައްޝާފިޢީއެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 426 ވަނަ އަހަރު ޚުރާސާނުގައިއެވެ. އެކަލޭގެފާނު ބޮޑުފުޅުވީ ޢިލްމާއި ޒުހުދުގެ ގެއެއްގައިއެވެ. އެގޮތުން އެކަލޭގެފާނުގެ ބައްޕާފުޅާއި ޢާއިލާވީ ޙަނަފީ މަޛްހަބުގެ މަތީގައިއެވެ. ދެން އައްސަމްޢާނީ ޙަނަފީ މަޛްހަބަށް ދަރިވަރުވިއެވެ.

އެކަލޭގެފާނުގެ ޝެއިޚުންގެ ތެރޭގައި: އެކަލޭގެފާނުގެ ބައްޕަ އަބޫ މަންޞޫރު މުޙައްމަދު ބްނު ޢަބްދުލް ޖައްބާރު، އަބުލް ޤާސިމު ސަޢުދު ބްނު ޢަލީ އައްޒިންޖާނީ، އަބޫ އިސްޙާޤު އައްޝީރާޒީ، އަބޫ ޣާނިމް އަޙްމަދު ބްނު ޢަލީ އަލްކުރާޢީ، ޢަބްދުއް ޞަމަދު ބްނުލް މައުމޫނު، އަބޫ ޞާލިޙު އަލްމުއައްޒިނު ވެއެވެ.

ދަރިވަރުންގެ ތެރޭގައި: ދަރިކަލުން އަބޫބަކުރު މުޙައްމަދު ބްނު މަންޞޫރު، ޢުމަރު ބްނު މުޙައްމަދު އައްސަރްޚަސީ، މުޙައްމަދު ބްނު އަބީބަކުރު އައްސިންޖީ، ޤިވާމުއް ސުންނާގެ ލަޤަބު ދެވިގެންވާ އަބުލް ޤާސިމު އައްތައިމީ އަލްއަޞްބަހާނީވެއެވެ.

އެކަލޭގެފާނުގެ ފޮތްތަކުގެ ތެރޭގައި: ތަފްސީރު އައްސަމްޢާނީ، އައްރައްދު ޢަލާ އަލްޤަދަރިއްޔާ، އަލްއިޞްޠިލާމް، ޤަވާޠިޢުލް އަދިއްލާވެއެވެ.

އެކަލޭގެފާނު އެއްފަހަރު ޙައްޖަށް ދިޔުމަށްޓަކައި ޢާއްމު ނޫން މަގަކުން ވަޑައިގަންނަވަނިކޮށް، ރަށްފުށު ހިސާބު ބަދަވީންތަކެއް އެކަލޭގެފާނާއި އަދި އެކުގައިވި މީހުން އަސީރުކުރިއެވެ. ދެން ކެތްތެރިވެވަޑައިގަންނަވާ، އެކަމުން މިންޖުވެ ވަޑައިގަތުމުން ސަޢުދު އައްޒިންޖާނީގެ ހިޔާވަހިކަމަށް ވަދެވަޑައިގެންނެވިއެވެ. އަދި އައްޒިންޖާނީއާއެކު އުޅުއްވާ ޙަދީޘްގެ އަހުލުވެރިންގެ ތެރެއިން ވެވަޑައިގެންނެވިއެވެ.

ދެން ޙައްޖު ނިންމަވާ، އަނބުރާ ޚުރާސާނަށް ވަޑައިގަންނަވާ، ހިޖުރައިން 468 ވަނަ އަހަރު މަރްވުއަށް ވަދެވަޑައިގެންނެވިއެވެ. އަދި 30 އަހަރު ވަންދެން އޭގެ ދިފާޢުގައި މުނާޡަރާކުރެއްވި ރައުޔުތަކުގެ ވެރި ޙަނަފީ މަޛްހަބު ދޫކޮށްލައްވާ، އަޘަރުތަކުގެ ވެރި އައްޝާފިޢީ މަޛްހަބަށް ތަބަޢަވެލެއްވިއެވެ. އޭގެ ސަބަބުން މީހުން ހަލަބޮލިވެ، އަދި އެކަލޭގެފާނު ޢާއިލާއިންވެސް ފިއްތުންތައް އައެވެ. އަދި އަމިއްލަ ބައްޕަ ހުރި މަޛްހަބު ދޫކޮށް އެހެން ގޮތަކަށް ހިއްޕެވީމާ އެކަލޭގެފާނުގެ އަޚާވެސް އެކަމާ ދެކޮޅުވެރިވެ، ގުޅުން ކަނޑާލިއެވެ.

ދެން ޖަވާބުގައި އައްސަމްޢާނީ ލިޔުއްވާ އެންގެވީ: އުޞޫލުތަކުގައި ބައްޕަގެ މަޛްހަބު ދޫނުކުރައްވާކަމާއި، އެކަމަކު ޤަދަރީންގެ މަޛްހަބު ދޫކޮށްލެވީކަމަށް އެންގެވިއެވެ. އަދި ޤަދަރީންނަށް ރައްދުދެއްވާ ފޮތެއް ލިޔުއްވާ، އެފޮތް އަޚާއަށް ހަދިޔާކުރެއްވުމުން އެބޭފުޅާވެސް އެކަމަށް ހިތްރުހި ޤަބޫލުކުރެއްވިއެވެ.

އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާކުރެވެއެވެ:

«كُنْتُ حَنفِيّاً، فَبدَا لِي، وَحججتُ، فَلَمَّا بلغتُ سَمِيْرَاء، رَأَيْتُ رَبَّ العِزَّةِ فِي المَنَامِ، فَقَالَ لِي: عُدْ إِلَيْنَا يَا أَبَا المُظَفَّر، فَانْتبهتُ، وَعلمتُ أَنَّهُ يُرِيْد مَذْهَبَ الشَّافِعِيّ، فَرَجَعتُ إِلَيْهِ» ⁽¹⁾

_________

⁽¹⁾ سير أعلام النبلاء: 19/117

މާނައީ: "އަހުރެންވީ ޙަނަފީއެއް ކަމުގައިއެވެ. ދެން އަހުރެންނަށް (ޙައްޤުގޮތް ނުވަތަ ކަންތަކެއް) ހާމަވިއެވެ. އަދި އަހުރެން ޙައްޖުކުރީމެވެ. ދެން "ސަމީރާއު" ސަރަޙައްދަށް ދެވުނުތަނާ ޢިއްޒަތުގެ ވެރި ރައްބު އަހުރެންނަށް ހުވަފެނުގައި ފެނުނެވެ. ދެން އެކަލާނގެ ވަޙީކުރެއްވިއެވެ: "އޭ އަބުލް މުޡައްފަރެވެ! ތިމަންއިލާހުގެ ޙަޟްރަތާ ދިމާލަށް އެނބުރި އަންނާށެވެ!" ދެން އަހުރެންނަށް ހޭލެވުނެވެ. އަދި އެކަލާނގެ އެމުރާދުކުރެއްވީ ޝާފިޢީގެ މަޛްހަބުކަން އަހުރެންނަށް އެނގުނެވެ. ދެން އެމަޛްހަބަށް އަހަރެން ރުޖޫޢަވީމެވެ."

އަދިވެސް ވިދާޅުވިއެވެ:

«كُنْتُ فِي الطَّوَاف، فَوصلتُ إِلَى المُلْتَزَمِ، وَإِذَا بِرَجُل قَدْ أَخَذَ بردَائِي، فَإِذَا الإِمَامُ سَعْدٌ، فَتبسَّمتُ، فَقَالَ: أَمَّا تَرَى أَيْنَ أَنْتَ؟! هَذَا مقَامُ الأَنْبِيَاء وَالأَوليَاء، ثُمَّ رفع طَرْفَه إِلَى السَّمَاءِ وَقَالَ: اللَّهُمَّ كَمَا سُقْتَهُ إِلَى أَعزِّ مَكَان، فَأَعْطِهِ أَشْرَف عِزٍّ فِي كُلِّ مَكَانٍ وَزَمَانٍ، ثُمَّ ضَحِكَ إِلَيَّ، وَقَالَ: لَا تُخَالِفْنِي فِي سِرِّكَ، وَارفَعْ يَديك مَعِي إِلَى رَبِّك، وَلَا تَقُوْلنَّ البَتَّةَ شَيْئاً، وَاجمعْ لِي هِمَّتَك حَتَّى أَدعُوَ لَكَ، وَأَمِّنْ أَنْتَ، وَلَا يُخَالِفْنِي عَهدُكَ القَدِيْمُ، فَبَكَيْتُ، وَرفعتُ مَعَهُ يَديَّ، وَحرَّك شَفَتَيْه، وَأَمَّنتُ، ثُمَّ قَالَ: مُرَّ فِي حِفْظِ ﷲ، فَقَدْ أُجيبَ فِيك صَالِحُ دُعَاءِ الأُمَّة، فَمضيتُ وَمَا شَيْءٌ أَبغضَ إِلَيَّ مِنْ مَذْهَب المخَالفِيْن.» ⁽²⁾

_________

⁽²⁾ سير أعلام النبلاء: 19/118

މާނައީ: "އަހުރެން ޠަވާފުކުރުމުގައިވީމެވެ. ދެން މުލްތަޒަމްގެ ކައިރިއަށް އަހުރެންނަށް އާދެވުނުތަނާ ކުއްލިއަކަށް މީހަކު އަހުރެންގެ ހެދުމުގައި ހިފިއެވެ. އެހިނދު ފެނުނީ އިމާމް ސަޢުދެވެ. ދެން އަހުރެން ހިނިތުންވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: "ތިބާ ތިޔަހުރިތަން ފެނޭހެއްޔެވެ؟ މިއީ ނަބިއްޔުންނާއި ވަލީވެރިންގެ މަޤާމެވެ." ދެން އެކަލޭގެފާނު އުޑަށް އިސްއުފުއްލަވާ ބައްލަވާ ވިދާޅުވިއެވެ: "އޭ ﷲ އެވެ! އެންމެ ޢިއްޒަތްތެރިވެގެންވާ ތަނަށް އިބައިލާހު ގެންދެވި ގޮތަށް، ފަހެ ކޮންމެ މަކާނަކާއި ޒަމާނެއްގައި އެންމެ ޝަރަފުވެރި ޢިއްޒަތް އޭނާއަށް ދެއްވާށިއެވެ!" ދެން އެކަލޭގެފާނު އަހުރެންނާ ދިމާލަށް ހިނިފުޅުވަޑުވާ ވިދާޅުވިއެވެ: "ސިއްރުގައި ތިބާ އަހުރެންނާ ޚިލާފު ނުވާށެވެ. އަދި ތިބާގެ ވެރި ރައްބުގެ ޙަޟްރަތަށް އަހުރެންނާއެކު ދެއަތް އުފުލާށެވެ. އަދި އެއްވެސް އެއްޗެއް ނުބުނާށެވެ! އަދި އަހުރެން ތިބާއަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށްޓަކައި ތިބާގެ ވިސްނުމާއި ހިންމަތް ޖަމަޢަކޮށްދޭށެވެ. އަދި ތިބާ އާމީން ކިޔާށެވެ. އަދި ކުރިއްސުރެވާ ޢަޙްދު (އަހުރެން ތިބާ ދަންނަ ގޮތް) ޚިލާފުވިޔަ ނުދޭށެވެ." ދެން އަހުރެންނަށް ރޮވުނެވެ. އަދި އެކަލޭގެފާނާއެކު އަހުރެންގެ ދެއަތް އުފުލީމެވެ. އެކަލޭގެފާނު ދެތުންފަތް ޙަރަކާތްކުރެއްވިއެވެ. އަދި އަހުރެން އާމީން ކިޔަމުން ދިޔައީމެވެ. ދެން ވިދާޅުވިއެވެ: "ﷲ ގެ ރައްކާތެރިކަމުގައި ތިބާ ދާށެވެ! ފަހެ އުއްމަތް ކުރަމުންދާ ހެޔޮ ދުޢާ ތިބާއާމެދު އިޖާބަކުރައްވާށިއެވެ." ދެން އަހުރެން ދިޔައީމެވެ. އެއީ ޚިލާފުވާ މީހުން (އެބަހީ: ރައުޔުގެ އަހުލުވެރިންނާއި ބިދުޢަވެރިންފަދަ މީހުން) ގެ މަޛްހަބަށްބުރެ އަހުރެންގެ ގާތުގައި ރުޅިއަންނަ އެއްޗެއް ނުވާ ޙާލުގައެވެ."

އަދިވެސް ވިދާޅުވިއެވެ:

«مَا حَفِظتُ شَيْئاً فَنسيتُه.» ⁽³⁾

_________

⁽³⁾ سير أعلام النبلاء: 19/118، المنتظم في تاريخ الملوك: 17/38

މާނައީ: "އަހުރެން އެއްވެސް އެއްޗެއް ދަސްކޮށްގެން ދެން އެހަނދާން ނެތިފައި ނުވެއެވެ."

އަބޫ ޢަލީ ބްނުއް ޞައްފާރު ވިދާޅުވިއެވެ:

«إِذا نَاظرتُ أَبَا المُظفَّر، فَكَأَنِّي أُنَاظِرُ رَجُلاً مِنْ أَئِمَّةِ التَّابِعِيْنَ، مِمَّا أَرَى عَلَيْهِ مِنْ آثَارِ الصَّالِحِيْنَ.» ⁽⁴⁾

_________

⁽⁴⁾ سير أعلام النبلاء: 19/119

މާނައީ: "އަހުރެން އަބުލް މުޡައްފަރާ މުނާޡަރާކޮށްފިނަމަ، ތާބިޢީންގެ އިމާމުންކުރެ ބޭކަލަކާ މުނާޡަރާ ކުރެވޭ ފަދައެވެ. އެއީ އެކަލޭގެފާނުގެ ކިބައިން އަހުރެންނަށް ފެންނަމުންދާ ޞާލިޙުންގެ އަޘަރުތަކަށްޓަކައިއެވެ."

އަބޫ ނަޞްރު ކިޔާދެއްވިއެވެ:

«وَعَن أبي نصر الأبيوردي كنت قد قُمْت لَيْلَة على وردي فركعت مَا كتب ﷲ لي فغلبني النّوم فَرَأَيْت فِيمَا يرى النَّائِم كَأَنِّي على سطح عَال بِمَدِينَة مرو وَإِذا أَبْوَاب السَّمَاء قد فتحت وَرَأَيْت الْمَلَائِكَة قد جَاءُوا بزينة عَظِيمَة وَرَأَيْت نورا قد سَطَعَ من ذَلِك الْبَاب وَخرج حَتَّى صَار كَأَنَّهُ طَرِيق مُسْتَقِيم فوصل إِلَى السَّطْح وَرَأَيْت الْخَلَائق مُتَمَسِّكِينَ بِهِ يصعدون إِلَيْهِ إِلَى السَّمَاء والنور يسطع فَوْقهم فَقلت لرجل كَانَ معي مَا هَذِه العلامات فَقَالَ أما ترى مَا نَحن فِيهِ مُنْذُ اللَّيْلَة هَذَا سطح دَار ابْن السَّمْعَانِيّ الَّذِي أَنْت عَلَيْهِ وَهَذَا الطَّرِيق الَّذِي أَخذ بِهِ إِلَى الْحق وَهَذَا الْخلق تبعوه يطْلبُونَ مَعَه الْحق فَقلت هَل وصلوا أَو هم بعد فِي السّير فَقَالَ بل وصلوا وَأَعْطَاهُ ﷲ عز وَجل السَّبِيل الْمُسْتَقيم فانتبهت فَزعًا فَأَصْبَحت واكتريت دَابَّة وَجئْت إِلَى مرو فَوَجَدته قد انْتقل إِلَى مَذْهَب أَصْحَاب الحَدِيث» ⁽⁵⁾

_________

⁽⁵⁾ طبقات الشافعية الكبرى: 5/339

މާނައީ: "އަހުރެންގެ ވިރްދު (ޤުރްއާނުން ކިޔަވަން ކަނޑައަޅާފައިވާ މިންވަރު) ކިޔެވުމާގެން (ރޭ އަޅުކަންކުރަން) ޤާއިމްވީމެވެ. ދެން ﷲ އަހުރެންނަށް ލިޔުއްވާފައިވާ މިންވަރަކަށް އަހުރެން ނަމާދުކުރީމެވެ. ދެން އަހުރެންގެ މައްޗަށް ނިދިގަދަވިއެވެ. ދެން ނިދީގައި އަހުރެންނަށް ހުވަފެނުގައި ފެނުނީ މަރްވުގެ ރަށުގެ އުސް ފުރާޅެއްގެ މަތީގައި ހުންނަކަހަލަ ގޮތަކަށެވެ. އެހިނދު އުޑުގެ ދޮރާށިތައް ހުޅުވިއްޖެއެވެ. އަދި ބޮޑުވެގެންވާ ޒީނަތަކާގެން މަލާއިކަތުން ވަޑައިގެންނެވިތަން އަހުރެންނަށް ފެނުނެވެ. އަދި (އެ ދޮރާށިކޮޅުތަކުން) ދޮރާށިން ނޫރެއް އަލިކޮށްލިތަން އަހުރެންނަށް ފެނުނެވެ. އަދި އެނޫރު ނިކުމެގެންގޮސް، ސީދާކޮށް އޮތް މަގެއް ފަދައިން ވެގެންދިޔައެވެ. ދެން އެފުރާޅަށް އެނޫރު ވާޞިލުވިއެވެ. އަދި އަހުރެންނަށް ފެނުނީ މީސްތަކުން އެއަލިކަމުގައި ހިފައިގަނެގެން، އެއިން ލާފައި އުޑަށް އަރަމުންދިޔަ ތަނެވެ. އެމީހުންގެ ބޯމަތިން ނޫރު އަލިކޮށްލާފައިވާ ޙާލުގައެވެ. ދެން އަހުރެންނާއެކު ހުރި މީހަކަށް ބުނީމެވެ: "މިއީ ކޮން ޢަލާމާތްތަކެއްހެއްޔެވެ؟" އޭނާ ބުންޏެވެ: "މިރެއިން ފަށައިގެން އަހަރުމެން މިވާ ކަންތައް ތިބާއަކަށް ނުފެނޭހެއްޔެވެ؟ ތިބާ ތިޔަ ހުރި ފުރާޅަކީ އިބްނުއް ސަމްޢާނީގެ ގެކޮޅެވެ. އަދި މިމަގަކީ ޙައްޤަށް ދިޔުމަށްޓަކައި އެކަލޭގެފާނު ހިއްޕެވި މަގެވެ. އަދި މިޚަލްޤުތަކުން އެކަލޭގެފާނަށް ތަބަޢަވެގެން، އެކަލޭގެފާނާއެކު ޙައްޤު ހޯދުމަށް ދިޔައެވެ." ދެން އަހުރެން ބުނީމެވެ: "އެމީހުންނަށް ވާޞިލުވެވުނުހެއްޔެވެ؟ ނުވަތަ އެމީހުން އަދިވެސްވަނީ އެމަގުގައި ހެއްޔެވެ؟" އޭނާ ބުންޏެވެ: "ކިއެއްތަ، އެމީހުން ވާޞިލުވިއެވެ. އަދި ﷲ عَزَّ وَجَلَّ އެކަލޭގެފާނަށް ސީދާވެގެންވާ މަގު ދެއްވިއެވެ." ދެން އަހުރެންނަށް ސިހި ބިރުގަނެގެންވާ ޙާލު ހޭލެވުނެވެ. ދެން ފަތިސްވުމުން ޖަނަވާރެއް ކުއްޔަށް ނަގާ ސަވާރުވެގެން މަރްވު ރަށަށް އައީމެވެ. އެހިނދު އަހުރެންނަށް ފެނުނީ އެކަލޭގެފާނު (އެބަހީ: އައްސަމްޢާނީ) ޙަދީޘްގެ އަހުލުވެރިންގެ މަޛްހަބަށް ބަދަލުވެވަޑައިގެންކަމެވެ."

އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 489 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 23 ވަނަވީ ހުކުރު ދުވަހެއްގައިއެވެ. އެއީ ޢުމުރުފުޅުން 63 އަހަރުގައިއެވެ. ﷲ تَبَارَكَ وَتَعَالَى އެކަލޭގެފާނަށް ރަޙްމަތްލައްވާ، ޢަފޫކުރައްވާ، ދަރަޖަ މަތިވެރިކުރައްވާށިއެވެ.


ފޮތުގެ ކުރު ތަޢާރަފެއް

ދަންނައެވެ! އިމާމް އަބުލް މުޡައްފަރު އައްސަމްޢާނީ ލިޔުއްވާފައިވާ މިފޮތް ފޮތެއްގެ ޞިފާގައި އަހަރުމެންނާ ހަމައަށް އަދި ވާޞިލުވެފައި ނުވަތަ ފެނިގެން ނުވެއެވެ. އެފޮތްވަނީ ގެއްލިގެންވާ ފޮތްތަކުގެ ތެރޭގައިއެވެ. އެކަމަކު މިފޮތުގެ އެކި ނައްޞުތައް އެކި ޢިލްމުވެރިންގެ ފޮތްތަކުގައި ނަޤުލުކުރެއްވިއެވެ. އެގޮތުން އަހަރުމެންގެ ކުރިމަތީގައި މިވަނީ އެފޮތްތަކުން ނަޤުލުކޮށްފައިވާ މަދު ފަޞްލުތަކެއް ޖަމަޢަވެގެންނެވެ. އެއީ އެކަލޭގެފާނުގެ ދަރިވަރު އަލްއަޞްބަހާނީގެ އަލްޙުއްޖާ ފީ ބަޔާނިލް މަޙައްޖާ ފޮތުންނާއި، އައްސުޔޫޠީގެ ޞަވްނުލް މަންޠިޤު ފޮތުންނާއި، އިބްނުލް ޤައްޔިމުގެ އައްޞަވާޢިޤުލް މުރްސަލާގެ މުޚްތަޞަރުންނެވެ. އެފޮތްތަކުން މުޙައްޤިޤު ޖަމަޢަކޮށް އެކުލަވާލާފައިވާ ފަޞްލު ތަކެކެވެ. އަދި މިނަޤުލުތައް ފަޞްލުތަކަކަށް ބަހާ، ކޮންމެ ބަޔަކާ މުނާސަބު ނަން ދެއްވާފައިވަނީ މުޙައްޤިޤެވެ. އެއީ ޖުމްލަ ދިހަ ފަޞްލެވެ.

ދެން ފޮތުގެ ނަމަށް ބަލާއިރު: ބައެއް ޢިލްމުވެރިން "އަލްއިންތިޞާރު" ގެ ނަން އެކަނި ޛިކުރުކުރައްވާ، އަނެއް ބޭކަލުން "އަލްއިންތިޞާރު ފިލް ޙަދީޘް" ގެ ނަން ޛިކުރުކުރެއްވިއެވެ. އެކަމަކު އެންމެ ގާތް ނަމެއްގެ ގޮތުގައި މުޙައްޤިޤު ޚިޔާރުކުރެއްވީ: "އަލްއިންތިޞާރު ލިއަޞްޙާބިލް ޙަދީޘް" އެވެ. އެއީ އައްސަމްޢާނީގެ ޤަވާޠިޢުލް އަދިއްލާ ފޮތުގައި މިނަމުން މިފޮތަށް އިޝާރާތްކުރައްވާފައި ވުމުންނެވެ.

ބައެއް ބޭކަލުން ޛިކުރުކުރައްވާ ގޮތުގައި މިފޮތް އަޞްލުގައި ތިން ބާބަކަށް ބެހިގެންވިއެވެ. ފުރަތަމަ ބާބުގައިވަނީ ސުންނަތާއި ޖަމާޢަތަށް ބާރުއަޅުއްވާ، ދެވަނަ ބާބުގައި ޙަދީޘްގެ މާތްކަން ބަޔާންކުރައްވާ، ތިންވަނަ ބާބުގައި ޢިލްމު ހޯދުމުގެ ކަފިތައް ބަޔާންކުރެއްވިއެވެ. ކޮންމެއަކަސް އަހަރުމެންނަށް ވާޞިލުވެފައިވާ މިފަޞްލުތަކުގައިވަނީ:

ޙަދީޘްގެ އަހުލުވެރިންނާ ޚިލާފުވެ ދެކޮޅުވެރިވި މީހުންގެ ތެރެއިން ޢިލްމުލް ކަލާމްގެ އަހުލުވެރިންނާއި، ރައުޔުގެ އަހުލުވެރިންގެ ވާހަކަ ބަޔާންކުރައްވާ އެމީހުންނަށް ރައްދުދެއްވާ، އަދި އަޘަރުތަކަށް ތަބަޢަވުމަށް ހިތްވަރުދެއްވާ ދީނަކީ އެއްކޮށް ތަބަޢަވުންކަމާއި، ބުއްދީގެ ރައުޔުތަކާއި އަމިއްލަ ވިސްނުމާއި ފަހުމް ނޫންކަމާއި، އަދި ކަލާމްގެ އަހުލުވެރިންގެ ޝުބުހަތަކަށް ރައްދުދެއްވުމާއި، ނަޖާވާނޭ ފިރުޤާކަމުގައިވާ ސުންނަތުގެ އަހުލުވެރިންގެ ބައެއް ޞިފަތަކާއި، ބުއްދީގެ މަޤާމަކީ ކޮބައިކަމާއި، ދީނުގެ ކަންކަމުގައި ބުއްދިއަށް އެކަނި ބަރޯސާވުމުގެ މަގުފުރެދުމުގެ ވާހަކައެވެ.

ދީނާމެދު ތަފާތު އެކި ގޮތްގޮތަށް ވާހަކަދެކެވި، ކޮންމެ ބަޔަކުވެސް އެބަޔަކު ގަޔާވެ އެދޭގޮތަކަށް ދީނަށް އުޅެ، ދީނަށް ވާޞިލުވާން އުޅޭ މިފަދަ ޒަމާނެއްގައި އޭގެ އަޞްލު ސީދާ މަގު ބަޔާންވެގެންވުމަކީ ނުހަނު މުހިއްމު ކަމެކެވެ. އެގޮތުން އެއްބަޔަކު ﷲ އަށް ވާޞިލުކޮށްދޭ މަގެއްކަމުގައި އަދި ދީނަށް ދަޢުވަތު ދިނުމުގެ މަގެއްކަމުގައި ހިފަނީ ހުސްއެކަނި ސައިންޓިފިކް ހޯދުންތަކާއި ދިރާސާތަކުން ޤުރްއާނުގައި ހުރި ކަންކަން އިންސާނުންގެ ވިސްނުމަށް ޘާބިތުކޮށްދީގެންނެވެ. އަނެއް ބަޔަކު ދީން ނަގަނީ މޮޅެތި ބަޙުޘްތަކާއި ޑިބޭޓުތަކުންނެވެ. އެގޮތުން ވަރުގަދައަށް ބަޙުޘްކޮށް، އަނެކާގެ ޙުއްޖަތް ބަލިކޮށްލާ އަނގަ ބަންދުކޮށްލާ މީހާއަށް ލެނބިގެންދެއެވެ. އަނެއްބަޔަކު ދީން ނަގަނީ އެމީހުން މަތިކޮށް މޮޅުކުރާ ވަކި ޖަމާޢަތެއް ނުވަތަ ބައިގަނޑެއްގެ އަނގައިންނެވެ. އެމީހުންގެ ބަޔާންތަކާއި ލިޔުންތަކަށް ނައްޞުތަކެއްގެ ދަރަޖަދީގެން، އަދި ދީން ހޯދުމުގައި މުޅިންވެސް އެމީހުން މަތިކުރާ މީހުންގެ ބަސްތަކަށް ބަލައިގެން އެރޮނގުން ލާފައިއެވެ. މިފަދަ ތަފާތު އެކި ގޮތްގޮތެވެ.

އޭގެ އެކި ގޮތްތަކުގައި އެތައް ހެޔޮކަމެއްވިޔަސް، އަދި ގިނަބަޔަކު އިސްލާމްވެ ދީނާ ގާތްވިޔަސް، އެމަގުތަކުގައި ފަސްލެވިގެން ފޮރުވިގެންވާ މަގުފުރެދުންތަކާއި ނުބައިތައް ގިނަވެ ނުރައްކާތެރިވެގެންވެއެވެ. ދީނަށް އުޅެ، އަދި ދީން ނެގުމަށްޓަކައި އޮތް ޙައްޤު ސީދާ މަގަކީ: އުއްމަތުގެ ހެޔޮވެގެންވާ ސަލަފުންނާއި އިމާމުވެރި ބޭކަލުން ބަޔާންކޮށްދެއްވާ އަހަރުމެންނާ ހަމައަށް އައިސްފައިވާ ޞަޙާބީންނާއި ތާބިޢީންގެ މަންހަޖާއި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ ބޭކަލުންގެ އިއްތިފާޤުވެވިގެންވާ އުޞޫލުތަކާއި މަންހަޖުތަކެވެ. ޢަޤީދާގައި އަދި ޢަމަލާއި ބަސްތަކުގައިވެސް، އަދި ދީން ފަހުމުކޮށް، ޤުރްއާނާއި ޙަދީޘް ފަހުމްކޮށް ތަފްސީރުކުރުމުގައިވެސް އަހަރުމެން ތަބަޢަވާންޖެހޭ ސީދާ ގޮތަކީ އެއީއެވެ. އެނޫން މަގުތަކަކީ ޒީނަތްތެރިކޮށް ދަޅަދެއްކިގެންވާ ހަލާކުގެ އަނދަވަޅުތަކެކެވެ. މުއައްލިފު އެވާހަކަތައް މިފަޞްލުތަކުގައި ބަޔާންކުރެއްވިއެވެ.

އަދި ޚާއްޞަކަމަކީ މިފޮތުގެ މުއައްލިފު އައްސަމްޢާނީއަކީ ތުއްޕުޅުއިރުއްސުރެ އެފަދަ ބުއްދިއާއި ރައުޔުގެ އަހުލުވެރިންގެ ގޮތުގައި ހެދިބޮޑުވެ، އެފަދަ ޢާއިލާއެއްގައި ތަރުބިއްޔަތުވެ، ތިރީސް އަހަރުވަންދެން އެކަން ތަޖުރިބާކޮށް ދެން އެއަށްފަހުގައި ﷲ ގެ ރަޙްމަތާއި މިންނަތުން ޙަދީޘްގެ އަހުލުވެރިންގެ މަގު ބަޔާންވުމުން އެމަގުގައި ގަދައަށް ހިއްޕަވާ، އަދި ކުރިން ހުންނެވި ގޮތުގެ އަހުލުވެރިންނަށް ރައްދުދެއްވި ބޭކަލެކެވެ. އެކަލޭގެފާނު އެހެންކަމުން ވާހަކަދައްކަވަނީ ޢިލްމާއި އަދި އަމިއްލަ ތަޖުރިބާއާވެސް އެކުގައިއެވެ.

އަހަރުމެންނާ ހަމައަށް ފޯރާފައިވާ މިފަޞްލުތައް ޖަމަޢަކުރުމުގެ އަޞްލަކަށް ބެލީ މަކްތަބަތު ދާރުލް މިންހާޖުން ހިޖުރައިން 1428 ވަނަ އަހަރުގައި ނެރެފައިވާ މިފޮތުގެ ފުރަތަމަ ޗާޕަށެވެ. އެއީ މުޙައްމަދު ބްނު ޙުސައިނު އަލްޖީޒާނީގެ ތަޙްޤީޤުގެ މައްޗަށް ބިނާކޮށެވެ. އެއާއެކު ފޮތުގައި ވާރިދުވެގެން އައިސްފައިވާ އާޔަތްތަކާއި ޙަދީޘްތަކާއި އަޘަރުތައް އޭގެ މަޞްދަރުތަކަށް ހަވާލާދެވި، އަދި ތަޢުލީޤުގައި އިތުރު ބަޔާނާއި، އަދި މުއައްލިފުގެ ބަސްފުޅާ ގުޅޭ އިތުރު ނުކުތާތަކާއި ސަމާލުވާންވީ ބައެއް ކަންކަން މަޞްދަރުތަކުން ގެނެވިފައިވާނެއެވެ.

ﷲ تَبَارَكَ وَتَعَالَى މިފޮތުގެ މުއައްލިފު އަބުލް މުޡައްފަރު އައްސަމްޢާނީއަށް ރަޙްމަތްލައްވާ، ޢަފޫކުރައްވާށިއެވެ. އަދި އެކަލޭގެފާނަށާއި އަހަރުމެންނަށް ހުރި ދެމިގެންވާ ޞަދަޤާތެއްކަމުގައި މިފޮތް ލައްވާ، މިފޮތް ކިޔާ އަދި ފޯރުކޮށްދީ ފަތުރާ މީހުންނަށް އަޖުރުހުރި ފައިދާހުރި، އަދި ޙައްޤަށް މަގުއަޅައިދީ، އަދި ﷲ ގެ ވަޖްހުފުޅަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރެވުނު މަސައްކަތެއް ކަމުގައި ލައްވާށިއެވެ.